10 އޯގަސްޓް 2021 - 00:20

ކޮވިޑު-19 އިން ރައްކާތެރިވުމަށް ވެކްސިން ނުޖަހާ ޓީޗަރުން ވަޒީފާ އިން ވަކިކުރާނެ ކަމަށް އަންގައިފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
އަހުމަދު މިގޮތަށް ވިދާޅުވީ، ސަރުކާރުގެ މުވައްޒަފުން ވެކްސިން ޖެހުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވާއިރު، އެގޮތަށް އަމަލު ނުކުރުމަކީ ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވާނެ ކަމަކަށް ވާނެތީ ވަޒީފާ އިން ވަކިކުރާނެ ކަމަށް ބައްދަލުވުމެއްގައި އޭނާ ވިދާޅުވި ކަމަށް "މިހާރު" ގައި ރިޕޯޓް ކުރުމުންނެވެ.
އެ ޚަބަރު ރިޓްވީޓް ކުރައްވައި، އަހުމަދު ވިދާޅުވީ، ވެކްސިން ނުޖަހާ މުވައްޒަފުން ވަޒީފާ އިން ވަކިކުރާނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށާއި އެފަދަ ނިންމުމެއް ވެސް ނިންމާފައިނުވާ ކަމަށެވެ.
"މިހާރު" ގައި ރިޕޯޓްކުރީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާ އެކު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައި ވެކްސިން ފުރިހަމަނުކުރާ މުވައްޒަފުން މާދަމާ އިން ފެށިގެން ސްކޫލަށް ވަނުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އަހުމަދު ވިދާޅުވި ކަމަށެވެ. އެފަދަ މުވައްޒަފުން ޖެހޭނީ ގެއަށް ފޮނުވާލަން ކަމަށް އޭނާ ވިދާޅުވި ކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވި ޕްރިންސިޕަލަކު ވިދާޅުވި އެވެ.
މުވައްޒަފުން ސްކޫލަށް ވަނަނުދީ، ފޮނުވާލާ ނަމަ އެކަމާ ގުޅޭ ގޮތުން އަމަލުކުރާނެ އުސޫލެއް މިނިސްޓްރީން ފޮނުވުމަށް ބައެއް ޕްރިންސިޕަލުން އެދުނު ކަމަށްވެ އެވެ.
"ވެކްސިން ފުރިހަމަ ނުކުރުމަކީ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވި ކަމަށް ބަލާފައި ވަޒީފާ އިން ވަކިކުރާނީ ކަމަށް ޕީއެސް ވިދާޅުވީ." ނަން ނުޖެހުމަށް ޝަރުތުރުކޮށް ވާހަކަދެއްކެވި ޕްރިންސިޕަލަކު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވެސް ފަހުން މީޑިއާގައި ބުނީ، ޕީއެސް އަހުމަދު ވެސް އަދި އެ މިނިސްޓްރީގެ އެހެން ބޭފުޅަކު ވެސް އެއްވެސް ބައްދަލުވުމެއްގައި އެ މޭރުމުން ވާހަކަ ދައްކަވާފައި ނުވާނެ ކަމަށެވެ.
ކޮވިޑް-19 އާ ހެދި މިދިޔަ އަހަރެއްހާ ދުވަހު ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ނުގެންދެވުނު ނަމަވެސް މާދަމާ ސްކޫލުތަކަށް ކުދިން ހާޒިރުކޮށްގެން ކިޔަވައިދޭން ފެށުމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ނޫނީ އަންނަ މަހުގެ 1 އިން ފެށިގެން ސްކޫލްތަކަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މިނިސްޓްރީން މިހާރު އަންނަނީ އެޗްޕީއޭއާ ގުޅިގެން ސްކޫލުތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ވެސް ހަމަޖައްސަމުންނެވެ.