09 އޯގަސްޓް 2021 - 22:32

މާލެ އިން 21 މީހުންނާ އެކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެ އިން 108 މީހަކަށް ކޮވިޑް ޖެހުނު ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
ކޮންމެ ރެއަކު އާންމުކުރަމުން އަންނަ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ 24 ގަޑިއިރު މުޅި ރާއްޖެއިން 7،203 ސާމްޕަލް ނެގި އެވެ. އޭގެ ތެރެއިން 1،975 ސާމްޕަލް މާލޭ ސަރަހައްދުން ނެގިއިރު ޕޮޒިޓިވްވެފައި ވަނީ 21 މީހެކެވެ. އަދި 72 މީހަކު ރަށްރަށުން ޕޮޒިޓިވްވިއިރު ރިސޯޓުތަކުން 15 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 78،464 އަށް އަރަ އެވެ. އަދި އޭގެ ތެރެއިން 75،660 މީހުން ބަލިން ރަނގަޅުވެ އެކްޓިވް ކޭސްތައް 2،570 އަށް ވަނީ ތިރިވެފަ އެވެ.
މި ވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ ވެސް 19 މީހަކަށެވެ. ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 222 އަށް އަރައިފަ އެވެ.
ކޮންމެ ދުވަހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަދުވާތީ އިތުރު ލުއިތައް ދިނުމުގެ މަަޝްވަރާތައް ދަނީ ކުރަމުންނެވެ. އެކަމަކު އެ ލުއިތައް ލިބެނީ ވެކްސިން ފުރިހަމަކުރުމުންނެވެ.
ރާއްޖެ އިން މިހާރު 285،931 މީހަކު ވެކްސިން ފުރިހަމަކޮށްފައިވާ އިރު 331،654 މީހަކު ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. ވެކްސިން ޖެހޭ އާބާދީގެ ތެރެއިން އެއްވެސް ޑޯޒެއް ނުޖަހައި މިހާރު ތިބީ 20 އަކަށް ޕަސެންޓް މީހުންނެވެ.