އެންމެ ރަނގަޅު އެއާޕޯޓްގެ މަގާމު ޗަންގީއަށް ގެއްލިއްޖެ
އެންމެ ރަނގަޅު އެއާޕޯޓްގެ މަގާމު ޗަންގީއަށް ގެއްލިއްޖެ

ސްކައިޓްރެކް އިންޑެކްސްގައި މިދިޔަ 10 އަހަރު ވެސް އެންމެ ރަނގަޅު އެއާޕޯޓްގެ މަގާމު ދަމަހައްޓަމުން އައި ސިންގަޕޫރްގެ ޗަންގީ އެއާޕޯޓަށް ފުރަތަމަ ފަހަރަށް އެ މަގާމު މި އަހަރު ގެއްލިއްޖެ އެވެ.

ވައިގެ ދަތުރުފަތުރާ ގުޅޭ އިނގިރޭސިވިލާތުގެ އަމިއްލަ ކޮންސަލްޓަންޓް ކުންފުނިން މި އަހަރުގެ އާންމުކުރި އަހަރީ ރޭންކިން ވޯލްޑް އެއާޕޯޓްސް އެވޯޑްސްގައި މި ފަހަރު އެއް ވަނަ ލިބުނީ ގަތަރުގެ ދޯހާގެ ހަމަދް އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ޗަންގީ މި ފަހަރު އޮތީ ރޭންކިންގެ ތިން ވަނައިގަ އެވެ. ދެވަނަ ލިބުނީ ޖަޕާނުގެ ޓޯކިއޯ ހަނޭޑާ އެއާޕޯޓަށެވެ.

"ވޯލްސްޑް ބެސްޓް އެއާޕޯޓް" ގެ ކެޓަގަރީގެ ގަދަ 10 ގެ ދެން ތަރުތީބު ވަނީ މިހެންނެވެ؛ ދެކުނު ކޮރެއާހެ އިންޗިއޯން އިންޓަނޭޝަނަލް އެއާޕޯޓް، ޖަޕާންގެ ޓޯކިއޯ ނަރީޓާ އެއާޕޯޓް، ޖަރުމަންގެ މިއުނިކް އެއާޕޯޓް، ސްވިޓްޒަލެންޑްގެ ޒިއުރިކް އެއާޕޯޓް، އިނގިރޭސިވިލާތުގެ ލަންޑަން ހީތުރޯ އެއާޕޯޓް، ޖަޕާންގެ ކަންސާއީ އިންޓަނޭޝަނަލް އެއާޕޯޓް އަދި ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓެވެ.

މި އެއާޕޯޓްތައް ރޭންކްކޮށްފައި މިދިޔަ އަހަރުގެ އޮގަސްޓުން މިދިޔަ މަހުގެ ނިޔަލަށް އެ އެއާޕޯޓްތަކުން ހިދުމަތް ހޯދި ކަސްޓަމަރުންނާ ސުވާލުކޮށް ކުރިއަށް ގެންދިޔަ ވޯޓާއި ސާވޭއަކަށް ބިނާކޮށެވެ.

ސްކައިޓްރެކްސް އިން އެކުލަވާލި ލިސްޓްގައި 39 އެއާޕޯޓެއް ހިމަނައި "ކޮވިޑް-19 އެއާޕޯޓް އެކްސެލެންސް އެވޯޑް" ދީފައިވާ އިރު، އެންމެ ބޮޑަށް ބަލާފައި ވަނީ ވެސް ކޮވިޑްގެ ބަލިކަޑުކަމުގެ ތެރޭގައި ހިދުމަތްތައް ރަނގަޅުކުރަން އެއާޕޯޓްތަކުން މައިގަނޑު ގޮތެއްގައި ކުރި މަސައްކަތްތަކަށެވެ.

މި ފަހަރުގެ މުޅިން އަލަށް އެއާޕޯޓަކަށް "ކޮވިޑް-19 5ސްޓާ އެއާޕޯޓް ރޭޓިން" ވެސް ދީފައިވެ އެވެ. އެ މަގާމު ލިބުނީ އިޓަލީގެ ރޯމްގެ ފިއުމިޝީނޯ އެއާޕޯޓަށެވެ. އެންމެ ސާފުތާހިރު އެއާޕޯޓްގެ މަގާމު ލިބުނީ ޓޯކިއޯ ހަނޭޑާ އެއާޕޯޓަށެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އެއާޕޯޓްގެ މަގާމު ތުރުކީގެ އިސްތަންބޫލް އެއާޕޯޓަށް ލިބުނު އިރު، އެންމެ ރަނގަޅު އެއާޕޯޓް ސްޓާފް އެވޯޑް ލިބުނީ ޗަންގީ އެއާޕޯޓަށެވެ.

ސެކިއުރިޓީ އެންމެ ރަނގަޅު އެއާޕޯޓަކީ ސޯލްގެ އިންޗިއޯން އެއާޕޯޓެވެ. ހިދުމަތްތައް އެންމެ ރަނގަޅު ރީޖަނަލް އެއާޕޯޓްގެ މަގާމު ލިބުނީ ޗަޕާންގެ ޗޫބޫ ސެންޓްރެއާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.