09 އޯގަސްޓް 2021 - 18:09

ވެކްސިންގެ ކަވަރޭޖް ފުރިހަމަ ކޮށްފައިވާ ރަށަކުން ކޮވިޑް ޖެހިފައިވަ މީހަކު ފެނުނަސް މުޅި ރަށް މޮނިޓަރިން އަށް ނުލާ ގޮތަށް ހެދުމަށް އެ ބައްޔާ ގުޅޭ ގޮތުން ކަންކަން ކަނޑައަޅާ ޕޮލިސީ ބޯޑަށް ހުށަހަޅައިފި އެވެ.
ހޯމް ކަރަންޓީނުގައި ހުއްޓާ މީހަކު ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ރަށްރަށް މޮނިޓަރިންއަކަށް ނުގެނެ އެވެ. އެކަމަކު ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވުމާއި ފްލޫ ކްލިނިކްތަކަށް ދައްކައިގެން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ ރަށްރަށް ބަންދުކޮށްފައިވެ އެވެ. މިހާރު ވެސް އަމަލުކުރަނީ ހަމަ އެ އުސޫލުންނެވެ.
މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށާ މެދު އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލު މި ވަގުތު މުރާޖައާ ކުރަމުން އަންނަ އިރު، އެނގިފައިވާ ގޮތުގައި ކޮވިޑް ޕޮޒިޓިވް ކޭސްއެއް ފެނުނަސް މުޅި ރަށް ބަންދު ނުކުރާ ގޮތަށް ހެދުމަށް ދަނީ މަޝްވަރާކުރަމުންނެވެ.
ކޮވިޑް ފެނިގެން މިވަގުތު ބަންދުކޮށްފައި އޮތީ 13 ރަށެކެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި އޮތީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންގައި އޮންނަތާ ތިން މަސް ވާން މިވަނީ ގާތްވެފަ އެވެ.
އެޗްޕީއޭ އިން އަންނަނީ ކޮވިިޑް ވެކްސިން ފުރިހަމަކުރި މީހުންނަށް ލުއިތައް ދެމުންނެވެ. އެކަމަކު ވެކްސިން ފުރިހަމަ ނުކުރާ މީހުން މި ލުއިތަކުން އިސްތިސްނާވެ އެވެ. މިގޮތަށް ސަރުކާރުގެ އޮފީސްތަކުން ހިދުމަތް ދިނުމުގައި ވެސް ލުއި ގޮތްތައް ހޯދައިދޭން މަސައްކަތްކުރާއިރު ވެކްސިިން ފުރިހަމަކޮށްގެން ނޫން ގޮތަކަށް އަންނަ މަހުގެ އެކަކުން ފެށިގެން ސްކޫލުތަކަށް ނުވަދެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.