ކޮވިޑް ވެކްސިން ނުޖަހާ ޓީޗަރުން ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެފި
ކޮވިޑް ވެކްސިން ނުޖަހާ ޓީޗަރުން ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެފި

ކޮވިޑު-19 އިން ރައްކާތެރިވުމަށް ވެކްސިން ނުޖަހާ ޓީޗަރުން ވަޒީފާ އިން ވަކިކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އިއްޔެ ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާ އެކު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި އަހުމަދު އެންމެ ފުރަތަމަ ވިދާޅުވީ ވެކްސިން ފުރިހަމަނުކުރާ މުވައްޒަފުން މާދަމާ އިން ފެށިގެން ސްކޫލަށް ވަނުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އެފަދަ މުވައްޒަފުން ޖެހޭނީ ގެއަށް ފޮނުވާލަން ކަމަށް އޭނާ ވިދާޅުވި ކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވި ޕްރިންސިޕަލަކު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، ބައެއް ޕްރިންސިޕަލުން ވަނީ މުވައްޒަފުން ސްކޫލަށް ވަނަ ނުދީ، ފޮނުވާލާނަމަ އެކަމާ ގުޅޭ ގޮތުން އަމަލުކުރާނެ އުސޫލެއް މިނިސްޓްރީން ފޮނުވުމަށް އެދިފަ އެވެ.

އެއަށްފަހު އަހުމަދު ވިދާޅުވީ، ސަރުކާރުގެ މުވައްޒަފުން ވެކްސިން ޖެހުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވާއިރު، އެގޮތަށް އަމަލުނުކުރުމަކީ ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވި ކަމެއް ކަމަށް ބެލޭނެ ކަމަށެވެ.

"ޕީއެސް އެންމެ ފުރަތަމަ ވިދާޅުވީ ވެކްސިން ނުޖަހާ މުވައްޒަފުން ސްކޫލަށް ވައްދައިގެން ނުވާނެއޭ. ގެއަށޭ ފޮނުވާލަން ޖެހޭނީ. ދެން ޕްރިންސިޕަލަކު މި ވިދާޅުވީ، ސްކޫލަށް ނުވައްދާ ފޮނުވާލަންޏާ އޭތި ބަލަންޖެހޭނީ ކޯއްޗަކަށް ހެއްޔޭ. އެކަމާ މެދު އަމަލުކުރާނެ އުސޫލަކާ އެކު ރަސްމީކޮށް ލިޔުން ފޮނުވައިދޭން ބައެއް ޕްރިންސިޕަލުން އެދުނު. އެހެން ނޫނީ އެގޮތަށް އަމަލެއް ނުކުރެވޭނެ ކަމަށް ބުނީ،" ނަން ނުޖެހުމަށް ޝަރުތުރުކޮށް ވާހަކަދެއްކެވި ޕްރިންސިޕަލަކު ވިދާޅުވި އެވެ. "ވެކްސިން ފުރިހަމަ ނުކުރުމަކީ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވި ކަމަށް ބަލާފައި ވަޒީފާއިން ވަކިކުރާނީ ކަމަށް ޕީއެސް ވިދާޅުވީ."

މެދުނުކެނޑި ކިޔެވުން ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ މަހުގެ އެކަކުން ފެށިގެން ސްކޫލަށް ވަދެ ނުކުމެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުން އެކަނި ކަމަށް ކަނޑައަޅައިފަ އެވެ. އެހެންވެ، ސްކޫލުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވީހާ ވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރަން މިނިސްޓްރީން އެދިފައިވެ އެވެ.