ތާލިބާނުން ފަސް ޕްރޮވިންސެއްގެ ވެރިރަށް ހިފައިފި
ތާލިބާނުން ފަސް ޕްރޮވިންސެއްގެ ވެރިރަށް ހިފައިފި

އަފްގާނިސްތާނު ސަރުކާރު ސިފައިންނާ ދެކޮޅަށް ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށް، ފަސް ޕްރޮވިންސެއްގެ ވެރިރަށް ތާލިބާނުންގެ ބާރު ދަށަށް ގެންގޮސްފި އެވެ.

އޭގެ ތެރެއިން ތިން ޕްރޮވިންސެއްގެ ވެރިރަށް ތާލިބާނުންގެ ބާރުގެ ދަށަށް ގެންދިޔައީ އިއްޔެ ކުރި ހަނގުރާމައިގެ ތެރޭގަ އެވެ. އިއްޔެ ހިފި ވެރިރަށްތަކުގެ ތެރޭގައި ކުންދޫޒް ވެސް ހިމެނެ އެވެ. ޕްރޮވިންސްތަކުގެ ވެރިރަށްތައް ހިފުމަށް ތާލިބާނުން ހަމަލާތައް ދޭން ފެށީ، ރަށްފުށުގެ ގިނަ ސަރަހައްދުތަކެއް އެ މީހުންގެ ބާރުގެ ދަށަށް ގެނައުމަށް ފަހު އެވެ.

ކުންދޫޒް، ތާލިބާނުންގެ ބާރުގެ ދަށަށް ގެންދިޔުމަށް ފަހު، ދެތިން ގަޑިއިރުގެ ތެރޭގައި، ތަޚާރް ޕްރޮވިންސްގެ ވެރިރަށް ތަލޮގާން ވެސް ހިފި އެވެ. އަދި މާ ގިނައިރުތަކެއް ނުވެ، ސަރެޕުލް ޕްރޮވިންސްގެ ވެރިރަށް ސަރެޕުލް ވެސް ތާލިބާނުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. މިރަށްތައް ތާލިބާނުންގެ ބާރުގެ ދަށަށް ދިޔަކަން ސަރުކާރުން ވެސް ކަށަވަރުކޮށްދެ އެވެ.

ތާލިބާން ޖަމާއަތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ކުންދޫޒްގައި ހުންނަ ފުލުހުންގެ މައި މަރުކަޒާއި، ގަވަރުނަރުގެ އޮފީސް ހުންނަ ސަރަހައްދާއި، އެ ސަހަރުގެ ޖަލު ވެސް ހުރީ އެމީހުންގެ ބާރުގެ ދަށުގަ އެވެ. އަދި ތާލިބާންގެ ހަނގުރާމަވެރިން ކުންދޫޒްގެ ހުރިހާ ސަރަހައްދަކުން ފެންނަ ކަމަށް، އެ ސަހަރުގައި ތިބި ބޭރުގެ ނޫސްވެރިން ވެސް ބުނެ އެވެ.

ކުންދޫޒް ހިފުމަށް ކުރި ހަނގުރާމައިގެ އެންމެ ފަހު ހަމަލާތައް ފެށުނީ އިއްޔެގެ އިރު އެރުމާ އެކުގައި ކަހަލަ ގޮތަކަށް ކަމަށް އެ ސަހަރުގެ އާންމުން ބުނެ އެވެ. ދެ ފަރާތުން ވެސް މެދުނުކެނޑި ވަރަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހު، ހަމަލާތަކުގެ އަޑު ކެނޑިގެން ދިޔައީ މެންދުރު ފަސްވި ފަހުންނެވެ. އޭރު ކުންދޫޒްގެ ހުރިހާ ހިސާބަކަށް ތާލިބާނުންގެ ހަނގުރާމަވެރިން ހަތިޔާރާ އެކު ވަދެއްޖެ އެވެ.

ކުންދޫޒްގެ އާންމުން ބުނި ގޮތުގައި، އިއްޔެގެ މެންދުރު ވަގުތު ވެގެން އައި އިރު، ސަރުކާރު ސިފައިން އެމީހުންގެ މަގާމުތައް ދޫކޮށް ފިލަން ދުވި މަންޒަރު ފެނުނެވެ. އަދި ގިނަ އަދަދެއްގެ ސިފައިން އިއްޔެ މެންދުރުވީ އިރު، ކުންދޫޒް ދޫކޮށް ކައިރި އެހެން ހިސާބުތަކަށް ހިނގައްޖެ ކަމަށް ވެސް އާންމުން ބުނެ އެވެ.

ހަމަލާތައް މެދުކެނޑުމާ އެކު، ކުންދޫޒްގެ ސިއްހީ ދާއިރާގެ އޮފިޝަލުން މަގުތަކަށް ނުކުމެ، މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށި އެވެ. ސިއްހީ ދާއިރާގެ އޮފިޝަލުން ބުނި ގޮތުގައި، އިއްޔެގެ ހަނގުރާމަ އަށް ފަހު، ކުންދޫޒްގެ މަގުތަކުން، މަރުވެފައި އޮތް 14 ހަށިގަނޑު ފެނުނެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ޒަހަމްވެފައި ތިބި 40 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލަށް ގެންދިޔަ އެވެ.