09 އޯގަސްޓް 2021 - 15:47

ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފަށާއިރު، މާލޭގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން 96 ޕަސެންޓު ޓީޗަރުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވީ، މާލެއިން 96 ޕަސެންޓު ޓީޗަރުން ވެކްސިން ފުރިހަމަ ކުރިއިރު، ރަށްރަށުން 95 ޕަސެންޓު ޓީޗަރުން ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
ކޮވިޑްގެ ސަބަބުން ސްކޫލްތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭތާ އަހަރެއްހާ ދުވަސް ފަހުން މާދަމާ ކިޔެވުން ފަށަނީ ސްކޫލަށް ދަރިވަރުން ހާޒިރުވާ ގޮތަށެވެ.
މާލޭގައި ވެކްސިން ޕްރޮގްރާމް މިއަހަރު ފެބްރުއަރީ މަހު ފެށި ނަމަވެސ،ް ގިނަ ރަށްރަށަށް ވެކްސިން ފޯރުކޮށްދެވުނީ ވަރަށް ފަހުން ކަމަށް ވާތީ ބައެއް ޓީޗަރުންނަށް ވެކްސިން ޖެހުމުގައި ލަސްވި ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި މިހާރު ހުރިހާ ސްކޫލްތަކަކުން ވެސް އެ ސްކޫލެއްގެ ހުރިހާ މުވައްޒަފުންނަށް ވެކްސިން ޖެހުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުވެސް ބައެއް ސްކޫލުތަކުން 100 ޕަސެންޓް މުވައްޒަފުން ވެކްސިން ޖަހާފައިވާ ކަމަށާއި، ސްކޫލުތަކުގެ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ ކަންކަން ވަރަށް ރަނގަޅަށް އިންތިޒާމްކޮށް ކުރިއަށްދާ ކަމަށެވެ.
އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ޖަހަން ނިންމާފައި ވާއިރު، ދަރިވަރުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސްކޫލްތައް މެދުވެރިވެގެން ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި ދަރިވަރުންނަށް ވެކްސިން ޖަހާނީ ބެލެނިވެރިންގެ ހުއްދައާ އެކު ކަމަށާއި، ބެލެނިވެރިންގެ ހުއްދަ ހޯދުމަށް ވަކި ފޯމެއް ތައްޔާރުކުރާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް 12 އަހަރުން މަތީގެ ކުދިންނަށް މި ހަފުތާގައި ދޭން ފަށާނެ އެވެ. މިހާރު މިނިސްޓްރީން އެކަމަށް ތައްޔާރުވަމުން އަންނައިރު، ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް އޮރިއެންޓޭޝަނެއް ބާއްވާނެ ކަމަށް އެޑިއުކޭޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެ އެވެ.