28 ނޮވެމްބަރ 2016 - 06:41

ޔުނައިޓެޑް އަރަބް އެމިޜޭޓްސް (ޔޫއޭއީ) ގައި އަލަށް ކައިވެނިކުރި މީހަކު އޭނާގެ އަންހެނުން މޭކަޕް ނުކޮށް ހުއްޓާ ފެނުމުން ވަރިކޮށްފި އެވެ. އެމީހާ ބުނަނީ މޭކަޕް ނުކޮށް ހުރުމުން އަނބިމީހާ ވަކިކުރަން ވެސް ނޭނގުނު ކަމަށެވެ.
އަންހެންމީހާގެ މޭކަޕް ފޮހެވުނީ ދެމަފިރިން އެކުގައި ޝާރްޖާގެ އަލް މަމްޒަރް ބީޗުގައި ދެ ގަޑިއެއްހާއިރު ފެތުމުގެ ސަބަބުންނެވެ.
އުމުރުން 34 އަހަރުގެ މި ފިރިހެންމީހާ އަށް އޭނާގެ 28 އަހަރުގެ އަނބިމީހާގެ ސިފަ ބަދަލުވެފައިވާތަން ފެނިފައި ވަރަށް ބޮޑަށް ހައިރާންވި ކަމަށް ބުނެފައިވެ އެވެ.
މި ދެމަފިރިންނަށް ކައުންސެލިން ދިން ސައިކޮލޮޖިސްޓަކާ ހަވާލާދީ ގަލްފް ނިއުސް އިން ބުނެފައިވާ ގޮތުގައި ކައިވެނީގެ ކުރިން އަންހެންމީހާގެ ހުރި ރީތި ސިފަ ކައިވެނި ކުރި ފަހަކުން ނެތެވެ. އަދި ފާޑުފާޑުގެ ކޮސްމެޓިކްސް ބޭނުންކޮށް ލޮލުގައި ފޭކް އެސްފިޔަ ޖަހައިގެން އަންހެންމީހާ އޭނާއަށް މަކަރު ހަދާ އޮޅުވާލީ ކަމަށް ފިރިހެންމީހާ ތުހުމަތު ކޮށްފައިވެ އެވެ.
ކޮންސަލްޓަންޓް ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. އަބްދުލްއަޒީޒް އަސާފް ކިޔައިދީފައިވާ ގޮތުގައި ކުއްލިއަކަށް ވަރިކޮށްލުމުން އަންހެން މީހާ އަށް ނަފްސާނީ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެހެންވެ ޑޮކްޓަރުގެ މަދަދަކަށް އެދުނީ ވެސް އަންހެންމީހާ ކަމަށެވެ.
ޑޮކްޓަރު ގާތު ފިރިހެން މީހާ ބުނީ އަންހެންމީހާގެ މޭކަޕްތައް ފުހެވުމުން އޭނާއަށް އެއީ ކާކުކަން ވެސް އޮޅުން ނުފިލި ކަމަށެވެ. އަންހެންމީހާ ހުރީ ކައިވެނީގެ ކުރިން ވަރަށް ގިނަ ކޮސްމެޓިކް ސާޖަރީތައް ހަދާފަ އެވެ. އަދި އޭނާ ހުންނަނީ އާޓިފިޝަލް އެސްފިޔަ ވެސް ޖަހާފަ އެވެ.
އަންހެންމީހާ ބުނީ ކައިވެނީގެ ކުރިން ފިރިމީހާ އަށް ހުރިހާ ވާހަކައެއް ކިޔައިދޭން ގަސްތުކުރި ނަމަވެސް އެފަދަ ހިތްވަރެއް ނުލިބި ވަގުތު ފާއިތުވީ ކަމަށެވެ.