09 އޯގަސްޓް 2021 - 14:54

ސަރުކާރުގެ ހަރަދުތައް މެނޭޖްކުރަން އަންނަ ސެޕްޓެމްބަރު މަހު އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އިން އިތުރު 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން، މޯލްޑިވްސް ޕޮލިސީ އެޑްވޮކެސީ ކާކަސް (އެމްޕެކް) އިން ބޭއްވި ޕެނަލް ޑިސްކަޝަންގައި އަމީރު ވިދާޅުވީ، އައިއެމްއެފުން ރާއްޖެއަށް ކަނޑައަޅާފައިވާ ސްޕެޝަލް ޑްރޯވިން ރައިޓްސް (އެސްޑީއާރް)ގެ ލިމިޓަށް ވާވަރަށް އަނެއްކާ ވެސް ފައިސާ ހޯދަން ނިންމާފައިވާ ކަމަށެވެ.
އެސްޑީއާރަކީ އައިއެމްއެފުން ފައިސާގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. އެއް އެސްޑީއާރްގެ އަގަކީ 1.4 ޑޮލަރެވެ. އާންމުގޮތެއްގައި އާއިއެމްއެފްގެ ފައިސާގެ މުއާމަލާތްތަކުގައި އެ އިދާރާއިން ބޭނުންކުރާނީ އެސްޑީއާރެވެ. އަދި ވަކިވަކި ގައުމުތަކަށް އެސްޑީއާރްގެ ގޮތުގައި ބޭނުންކުރެވޭނެ ވަރު އެ އިދާރާއިން ވަނީ ކަނޑައަޅައިފަ އެވެ. މިވަގުތު ރާއްޖެއަށް ކަނޑައަޅާފައިވާ ލިމިޓަކީ 21.2 މިލިއަން އެސްޑީއާރެވެ. އެހެންވެ އެއްފަހަރާ އެންމެ ގިނަވެގެން، އަނބުރާ ދައްކާ ގޮތަށް ނެގޭނީ އެއަދަދެވެ.
ކޮވިޑްގެ ސަބަބުން ދިމާވި އިގްތިސާދީ ދަތިކަމުން އަރައިިގަތުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރު ވެސް އައިއެމްއެފުން ދިން ރެޕިޓް ކްރެޑިޓް ފެސިލިޓީގެ ދަށުން 28.9 މިލިއަން ޑޮލަރު (446 މިލިއަން ރުފިޔާ) ހޯދައިފަ އެވެ.
"އަޅުގަނޑުމެން މިވަނީ އައިއެމްއެފްގެ އެސްޑީއާރް އެކްސްޕޭންޑްކޮށްފައި. ސެޕްޓެމްބަރުގައި އިތުރު 30 މިލިއަން ޑޮލަރު އެސްޑީއާރް އެލޮކޭޝަންގެ ތެރެއިން ލިބޭނެ ކަމަށް އެ ބޭފުޅުން އިންޑިކޭޝަނެއް ދީފަ ވަނީ،" އަމީރް ވިދާޅުވި އެވެ.
ކޮވިޑްގެ ހާލަތުގައި އިގްތިސާދަށް ކުރިމަތިވި އުނދަގޫ ހާލަތުން އަރައިގަތުމަށް 520 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) މާލީ އެކި އިދާރާތަކުން ހޯދާފައިވެ އެވެ. މިއާ އެކު ދައުލަތުގެ ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ވަނީ 86 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ގާތްގަނޑަކަށް 150 ޕަސެންޓެވެ.