09 އޯގަސްޓް 2021 - 15:21

ކޮވިޑް-19 ގެ ސަބަބުން ކަރަންޓީނުވާން ޖެހޭ ހާލަތުގައި، އެ މުއްދަތު ޗުއްޓީން އުނި ނުކުރެވޭ ގޮތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުން ދީފައިވާ ހާއްސަ އިސްތިސްނާ، ކޮވިޑް ވެކްސިން ނުޖަހާ މީހުންނަށް ނުދޭ ގޮތަށް ގާނޫނު އިސްލާހުކުރަން ޕޮލިސީ ބައްދަލުވުމަށް ހުށަހަޅައިފި އެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގައި މިހާރު އޮންނަނީ ކޮވިޑާ ގުޅިގެން ރަށްރަށަށް ދަތުރުކުރުމަށް ފަހު އަދި ބަލި ޖެހިގެން ނުވަތަ އެ ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެގެން ކަރަންޓީނުވާ ނަމަ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.
ޗުއްޓީ ނަގައިގެން ރަށަށް ގޮސް ކަރަންޓީނުގެ މުއްދަތު އެއީ ޗުއްޓީ ދުވަސްތަކެއްގެ ގޮތުގައި މިހާރު ނުގުނި ނަމަވެސް ވެކްސިން ޖެހި މީހުންނަށް ދޭނެ ލުއިތަކާ ބެހޭ ގޮތުން ކުރި މަޝްވަރާއަށް، ވެކްސިން ނުޖަހާ މީހުންނަށް މި އުސޫލު ނުހިނގާ ގޮތް ހަދަން ގާނޫނަށް ބަދަލު ގެންނަން ހުށަހެޅިކަން ވަނީ އެނގިފަ އެވެ.
މިކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އެޗްއީއޯސީގެ އޮފިޝަލު ވިދާޅުވީ ވެކްސިން ޕްރޮމޯޓްކުރުމުގެ ގޮތުން ވަރަށް ގިނަ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގައިވާ ގޮތުން، ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ކަރަންޓީން މަރުކަޒެއްގައި ނުވަތަ ގޭގައި ވިޔަސް ކަރަންޓީނުވާންޖެހޭ މުވައްޒަފުންނަށް، އެފަދަ މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ ތަނެއްގައި މަޑުކުރަންޖެހޭ މުއްދަތަށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންޖެހެ އެވެ.
ގާނޫނުގައި ބުނަނީ މުވައްޒަފަކު ކަރަންޓީނުވުމަށް އަންގައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް އޮތް ކޮންމެ ފަރާތަކަށް، އެ ޗުއްޓީ ހަމަޖައްސައިދޭންވާނެ ކަމަށެވެ.
މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ޖެހުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު މިހާރު މާލޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހައި ތިބީ 19 ޕަސެންޓް މީހުންނެވެ. އެއީ 36،217 މީހުންނެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަ ކުރަންޖެހޭ ޕަސެންޓް 32 ގައި އުޅޭއިރު މިއީ ވެކްސިން ޖެހޭ އާބާދީގެ 60،785 މީހެކެވެ.
ރަށްރަށުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ 53،801 މީހަކު އެބަ ތިއްބެވެ. އަދި ދެވަނަ ޑޯޒް ނުޖަހައި ތިބި މީހުންގެ އަދަދު 79،344 އަށް އަރަ އެވެ.
ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން ވަނީ ބައެއް ހިދުމަތްތައް ވެކްސިން ފުރިހަމަކުރި މީހުންނަށް ނޫން ގޮތަކަށް ނުލިބޭ ގޮތް ހަދަމުންނެވެ.