09 އޯގަސްޓް 2021 - 14:27

އާންމު އުސޫލެއްގެ ގޮތުން ޕޮލިސް ރެކޯޑު ދޫކުރާއިރު ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަލަން ޖެހޭ ގޮތަށް ފުލުހުން ޕޮލިސް ރެކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދު އެކުލަވާލައި ގެޒެޓުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ގެޒެޓު ކުރި އާ ގަވައިދުގައި ވަނީ ރެކޯޑު ހޯދުމަށް އެދޭ ފަރާތްތަކުގެ ރެކޯޑު ހޯދުމަށް ބަލާނެ މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށެވެ.
ނަމަވެސް، ރެކޯޑަށް އެދޭ އިރު އެއަށް ވުރެ ދިގު މުއްދަތަކަށް އެދުމަށް ވެސް ހުރަހެއް ނެތް ކަމަށް ގަވައިދުގައިވެ އެވެ. މީގެ ކުރިން ކުށުގެ ރެކޯޑު ބަލަމުން އައީ ފަސް އަހަރުގެ މުއްދަތަކަށެވެ.
ރެކޯޑު ދޫކުރަން އެދޭ ހިސާބުން ހަތް ދުވަހުގެ ތެރޭގައި ދޫކުރަން ޖެހޭނެ އެވެ. އެ މުއްދަތުގައި ނުކުރެވޭ ނަމަ ސަބަބާއި، ދޫކުރެވޭނެ ކަމަށް ބެލެވޭ މުއްދަތު ލިޔުމުން އަންގަންވާނެ އެވެ.
ޕޮލިސް ރެކޯޑެއް އޮތް ކަމަށް އާންމު އުސޫލުން ބަލާނީ ފުލުހުންނަށް ހުށަހެޅުނު ޖިނާއީ މައްސަލައަކާ ގުޅިގެން އެ މީހެއްގެ މައްޗަށް ތުހުމަތެއް ކޮށް ތަހުގީކު ކުރަމުން ދާ ނަމަ ނުވަތަ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެއްގައި ތުހުމަތު ކުރެވިފައިވާ ނަމަ އެވެ.
ނަމަވެސް، މައްސަލައިގެ ޝަރީއަތް ނިމި، ހުކުމް ތަންފީޒުކޮށް ނިމިފައިވާކަން ބަޔާންކޮށް ހުކުމް ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ރިކޯޑު ހޯދުމަށް އެދޭ ފަރާތުން ހުށަހަޅައިފި ނަމަ ނުވަތަ އެކަން ދިވެހި ފުލުހުންގެ ހިދުމަތަށް އެ އިދާރާއަކުން އަންގައިފި ނަމަ އެ މައްސަލައެއްގެ މައުލޫމާތު ރެކޯޑުގައި ހިމަނައިގެން ނުވާނެ އެވެ.
ވަޒީފާގެ ބޭނުމަށް ރެކޯޑު ހޯދާއިރު އޮންނަ ގޮތް ތަފާތެވެ. އެ ބޭނުމުގައި ރެކޯޑު ސާފުކުރަން ހުށަހަޅައިފި ނަމަ ހިމަނަން ޖެހޭނީ އެ މީހެއްގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ޖިނާއީ ބޮޑު ކުށުގެ ތެރެއިން ކުށެއްގެ ތަހުގީގު ހިންގާ ނަމަ ނުވަތަ ދައުވާކުރަން ފޮނުވާފައިވާ ނަމަ އެކަމެކެވެ. ނަމަވެސް، އެ މީހަކީ ތިން އަހަރު ތެރޭގައި ގިނަ ކުށްތަކެއް ކޮށްފައިވާ މީހެއް ނަމަ ވަޒީފާގެ ބޭނުމަށް ވެސް އޭނާގެ ރެކޯޑު ބަލާނީ އާންމު މިންގަނޑުންނެވެ.
ތުހުމަތު ކުރެވުނު ފަރާތެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމައިފައިވާ މައްސަލަތަކާއި ފައިލްކޮށްފައިވާ މައްސަލަތަކުގެ މައުލޫމާތުގެ ރެކޯޑު ވެސް ދޫކުރުމަށް ފުލުހުންނަށް ނިންމިދާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.
ގަވައިދުގައިވާ ގޮތުން، ހޯދަން އެދޭ ރެކޯޑަކީ ފުލުހުންގެ ހިނގަމުންދާ ތަހުގީގަކަށް ހުރަސްއެޅިދާނެ ފަދަ ނުވަތަ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ރެކޯޑެއް ނަމަ އެ މައުލޫމާތު ނުދީ ވަކި މުއްދަތަކަށް ހިފެހެއްޓިދާނެ އެވެ. ރެކޯޑު ދިނުން ފަސް ކުރެވޭނެ މުއްދަތު ކަނޑައަޅާނީ ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ މުވައްޒަފެކެވެ.
އާ ގަވައިދުގައި، ރެކޯޑުތައް ޑިޖިޓަލައިޒްކޮށް ބެލެހެއްޓޭނެ ނިޒާމެއް ފުލުހުން ގާއިމް ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ. އެއީ މަރުކަޒީކޮށް އަދި ލާމަރުކަޒީކޮށް ވެސް ލިޔުން ބެލެހެއްޓޭނެ ނިޒާމަކަށް ހަދަންޖެހެ އެވެ.