ސާފްގެ ސްޓިއަރިން ކޮމިޓީގެ ރިޔާސަތު އެފްއޭއެމަށް
ސާފްގެ ސްޓިއަރިން ކޮމިޓީގެ ރިޔާސަތު އެފްއޭއެމަށް

ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ އިދާރާއިން އަލަށް އުފެއްދި ރީޖަނަލް ސޭފްގާޑިން ސްޓިއަރިން ކޮމިޓީގެ ރިޔާސަތު، ރާއްޖޭގެ ފުޓްބޯޅަ އިދާރާ، އެފްއޭއެމާ ހަވާލުކޮށްފި އެވެ.

ކުޅިވަރުގައި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް އުފައްދާ މި ކޮމިޓީ އުފެއްދީ އިއްޔަ ފާހަގަކުރި ސޭފް ސްޕޯޓްސް ދުވަހާ ގުޅިގެންނެވެ. މި ކޮމިޓީގައި ސާފުގެ ހަތް ގައުމު ހިމެނޭނެ އެވެ. ރާއްޖޭގެ ރިޔާސަތުގެ ދައުރު ނިމުމަށް ފަހު ކޮމިޓީގެ ރިޔާސަތަށް މެންބަރު ގައުމެއް ހޮވާނީ ހުރިހާ ގައުމަކުން އެއްބަސް ވުމުންނެވެ. ކޮންމެ އެއް އަހަރަކުން ރިޔާސަތު ދާނީ ބަދަލުވާ އުސޫލުންނެވެ.

ސާފުން ބުނީ އަލަށް އުފެއްދި މި ކޮމިޓީގެ ރިޔާސަތު އެފްއޭއެމާ ހަވާލުކުރަން ނިންމީ އިންސާނީ އަދި އިޖުތިމާއީ ހިދުމަތުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ އިދާރާތަކުގެ ތެރެއިން އެންމެ ފުރަތަމަ އިސްނެގީ އެފްއޭއެމް ކަމަށް ވުމުންނެވެ. އެ މަސައްކަތުގައި އެފްއޭއެމް ފައުންޑޭޝަނުން އަދާކުރި ދައުރު ސާފުން ފާހަގަކުރެ އެވެ.

ނޮވެމްބަރު 2020 ގައި އެފްއޭއެމް ފައުންޑޭޝަން ވަނީ ލޯންޗުކޮށްފަ އެވެ. އެ ފައުންޑޭޝަނާއި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އާކް ގުޅިގެން އެފްއޭއެމުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެފްއޭއެމް ޗައިލްޑް ސޭފް ގާޑިން ޕޮލިސީ ލޯންޗުކޮށްފަ އެވެ. އެއީ ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެފްއޭއެމުން ލޯންޗުކުރި ޕޮލިސީއެކެވެ.

އެ ޕޮލިސީގެ ދަށުން ޗައިލްޑް ސޭފްގާޑިން ޔުނިޓެއް އެފްއޭއެމްގައި އުފައްދާނެ އެވެ. އަދި ޗައިލްޑް ސޭފްގާޑިން އޮފިސަރުގެ މަގާމެއް އުފައްދައި އެ މަގާމަށް މީހަކު ކަނޑައަޅާނެ އެވެ. ޗައިލްޑް ސޭފްގާޑިން ޕޮލިސީ ލޯންޗުކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެފްއޭއެމް އާއި އާކް އަށް މަރުހަބާ ވިދާޅުވެފަ އެވެ.