09 އޯގަސްޓް 2021 - 13:00

މިޔުނިކް (އޯގަސްޓް 9) - ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ ގެންދަން ބޭނުން ވިޔަސް އޭނާ ގެންދެވޭނެ ފެންވަރެއް ބަޔާން މިޔުނިކްގައި ނެތް ކަމަށް އެ ކަލަބުން ބުނެފި އެވެ.
މެސީ ގެންދިއުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ބަޔާން އިން މަސައްކަތް ކުރަނީ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑުގެ އާލިން ހާލަންޑް ގެންދިއުމަށެވެ.
ބަޔާންގެ ސްޕޯޓިން ޑައިރެކްޓާ ބޮސްނިއާގެ ހަަސަން ސަލަހަމްޑްޒިޗް ބުނީ މެސީ ގެނެވެން ނެތުމަކީ ބަޔާންގެ ބަދު ނަސީބެއް ކަމަށެވެ. ހިލޭ ޓްރާންސްފާގައި މެސީ ލައްވައި ސޮއިކުރެވެން އޮތަސް އޭނާގެ މުސާރަ އުފުލުމުގެ ގާބިލުކަން މި ވަގުތު ބަޔާންގައި ނެތް ކަމަށް ހަަސަން ބުންޏެވެ.
"އަހަރެމެން މެސީގެ ޓްރާންސްފާއާ މެދު ވާހަކައެއް ނުދައްކަން އަދި އެއީ ބަޔާން އަށް ވިސްނެން އޮތް ކަމެއް ނޫން،" ޖަރުމަންގެ ޓީވީ ޗެނަލް "ސްޕޯޓްސް 1" ދިން އިންޓަވިއުގައި ހަސަން ބުންޏެވެ.
"ހާލަންޑް އަކީ ޒުވާން ކުޅުންތެރިއެއް. ވަރަށް މޮޅު ކުޅުންތެރިއެއް. އެއީ އަހަރެމެން ސަމާލުކަން ދޭން ޖެހޭނެ ކުޅުންތެރިޔަކީ. އޭނާ އަކީ އެންމެ މަތީ ލެވަލްގެ ކުޅުންތެރިއެއް. ހުރިހާ ކްލަބަކުން ބޭނުންވާ ކުޅުންތެރިއެއް."
މެސީ ބަދަލުވުން އެންމެ ގާތީ، ޕީއެސްޖީ އަށެވެ. ހާލަންޑް ގަންނަން ޗެލްސީން ވެސް މަސައްކަތް ކުރި އެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ފެންނާތީ އެ ޓީމުން ވަނީ އެ ހިޔާލު ދޫކޮށްލައިފަ އެވެ. މިހާރު އެ ޓީމުން މަސައްކަތް ކުރަނީ އިންޓަ މިލާންގެ ރޮމެލޫ ލުކާކޫ ގެންދިއުމަށެވެ.