ބްރިޖު މަޝްރޫއާ ބެހޭގޮތުން މަޝްވަރާ ނުކުރާތީ މުއިއްޒުގެ ކަންބޮޑުވުން
ބްރިޖު މަޝްރޫއާ ބެހޭގޮތުން މަޝްވަރާ ނުކުރާތީ މުއިއްޒުގެ ކަންބޮޑުވުން

ތިލަ-މާލެ ބްރިޖުގެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން މާލޭ ސިޓީ ކައުންސިލާއި ރައްޔިތުންނާ މަޝްވަރާ ނުކުރާތީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ބްރިޖު މަޝްރޫއާ ބެހޭގޮތުން މަޝްވަރާ ނުކުރާތީ މުއިއްޒުގެ ކަންބޮޑުވުން
ބްރިޖު މަޝްރޫއާ ބެހޭގޮތުން މަޝްވަރާ ނުކުރާތީ މުއިއްޒުގެ ކަންބޮޑުވުން

ވިލިމާލޭ ރައްޔިތުންގެ ހިޔާލު ހޯދުމަށް ރޭ މުހްޔިއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެކަމުގެ އެއްވެސް މަޝްވަރާއެއް ކުރީގެ ކައުންސިލާ ވެސް މިހާރުގެ ކައުންސިލާ ވެސް ސަރުކާރުން ނުކުރާ ކަމަށެވެ.

އޭނާ ފާހަގަ ކުރެއްވީ، ކައުންސިލެއްގެ އިހުތިސާސުގެ ތެރޭގައި ސަރުކާރުން އެއްވެސް މަޝްރޫއެއް ހިންގާ ނަމަ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯދަން ގާނޫނުގައި ބުނާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އެފަދަ ބޮޑު މަޝްރޫއެއްގައި މަޝްވަރާ ނުކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އޭނާ އަށް އެ މަޝްރޫއާ ގުޅިގެން ލިބިވަޑައިގަންނަވަނީ ނުރަސްމީކޮށް ލިބޭ މައުލޫމާތެއް އެކަނި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ސަރުކާރުން އެކަމާ ގުޅިގެން އާންމުންގެ ހިޔާލު ވެސް ހޯދާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ގައިމު ވެސް މި ދައުރުގެ ދެ މަހާއި ބައިގެ ތެރޭގައި ސިޓީ ކައުންސިލެއް ވެސް ރައްޔިތުންނެއް ވެސް ސަރުކާރުން އިންވޯލްވެއް [ބައިވެރިއެއް] ނުކުރޭ،" މުއިއްޒު ވިދާޅުވި އެވެ.

މަޝްވަރާ ނުކުރުމުން، ދިމާވެދާނެ މައްސަލައެއް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، ބްރިޖު ވިލިމާލެއާ ގުޅޭ ވިލިމާލޭގެ ސިނާއީ ސަރަހައްދު ބްރިޖުގެ ބޭނުމަށް ނަގާތީ އެ ސަރަހައްދު ތާ އަބަދަށް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

"ރައްޔިތުން އެކަމުގެ ހިޔާލު ދެއްވައިގެން ރައްޔިތުންގެ ހިޔާލު ހިމަނައިގެން އެ މަޝްރޫއުގެ ކަންކަން ނުނިންމައިފި ނަމަ އެ ސިނާއީ ސަރަހައްދެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިހާރު ސިނާއީ ސަރަހައްދު ހުރި ތަން ޕާކިން ޒޯނަކަށް ނުވަތަ ޓްރާންސްޕޯޓުގެ ތަނަކަށް ހަދައިފި ނަމަ ސިނާއީ ސަރަހައްދު ވިލިމާލޭގެ އެހެން ތަނަކަށް ބަދަލުކުރަން ޖެހި އެތަނަކުން ދުން އެރުމާއި އެހެނިހެން އުނދަގޫ ރައްޔިތުންނަށް ވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

ކައުންސިލުން ކަންކަން ރާވަންޖެހޭނީ ސަރުކާރުގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ކަމަށް ބައްދަލުވުމުގައި މީހަކު ބުނި ބުނުމަކަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ، ސަރުކާރުގެ ޕްލޭން ހަދަން ޖެހޭނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އަހަން ޖެހޭނީ ކައުންސިލް މެދުވެރިކޮށް ކަމަށް ވިދާޅުވި އެވެ.

"ކައުންސިލުން ޕްލޭންތައް ހަދަން ޖެހޭނީ ސަރުކާރުގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށޭ. ނޫން. ރައްޔިތުންގެ އަޑު އަހައިގެން ސަރުކާރުގެ ތަރައްގީގެ ޕްލޭން ހަދަން ޖެހޭނީ. ތިރިން މައްޗަށް ދާން ޖެހޭނީ،" މުއިއްޒު ވިދާޅުވި އެވެ. "ރައްޔިތުންގެ އަޑު ކައުންސިލް މެދުވެރިކޮށް ސަރުކާރުން އަޑުއަހަން ޖެހޭނީ."

ތިލަ-މާލެ ބްރިޖު ވިލިމާލެއާ ގުޅޭނީ މިހާރުގެ ވިލިމާލޭ ސިނާއީ ސަރަހައްދު ހުރި ތަނުންނެވެ. އަދި މާލެއިން ގުޅޭނީ މާލޭ އިންޑްސްޓްރިއަލް ވިލެޖު ކައިރިންްނެވެ. މީގެ ކުރިން ޕްލޭނިން މިނިސްޓްރީއިން ވަނީ ބްރިޖުގެ ބޭނުމަށް އިންޑަސްޓްރިއަލް ވިލެޖުން ބައެއް ހުސްކުރަން އަންގައިފަ އެވެ.

ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއަން އެގްޒިމް ބޭންކާ އެކު ވެފައިވާ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި މި ބްރިޖްގެ މަސައްކަތް 2023ގެ ތެރޭގައި ނިމެނޭ އެވެ.