އަމީތާބު ބައްޗަންގެ "ޕިންކް" އދ. ގެ މަރުކަޒުގައި ދައްކަނީ
އަމީތާބު ބައްޗަންގެ "ޕިންކް" އދ. ގެ މަރުކަޒުގައި ދައްކަނީ

އަމީތާބު ބައްޗަން ކުޅެފައިވާ "ޕިންކް" އަކީ މިއަހަރު އެންމެ ގިނަ ބައެއްގެ ތައުރީފު ލިބުނު ފިލްމެވެ. ބޮކްސް އޮފީހުގައި ވެސް ވަރަށް ރަނގަޅު ވިޔަފާރިއެއް ކުރެވުނު މި ފިލްމު ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ދައްކަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މި އުފާވެރި ޚަބަރު އޭނާގެ ފޭނުންނަށް ދިނީ ޚުދް އަމީތާބެވެ.

"އދ.ގެ މައި މަރުކަޒުގައި 'ޕިންކް'ގެ ޚާއްސަ ސްކްރީނިން އެއް ބާއްވާދިނުމަށް ދައުވަތު އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ދެއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް،" އަމީތާބުގެ ޓުވީޓްގައިވެ އެވެ.

މި ފިލްމަކީ އަންހެނުންނަށް ކުރާ ޖިންސީ ގޯނާ އާއި އެނޫންވެސް އަންހެނުންނާ ދެކޮޅު ކަންތައްތަކަށް އަލިއަޅުލާފައިވާ ފިލްމެކެވެ.

އަނިރުދް ރޯއީ ޗައުދަރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަމީތާބުގެ އިތުރުން ތާޕްސީ ޕަންނޫ އާއި ކީރްތީ ކުލްހާރީ، އެންޑްރިއާ ޓަރިއަންގް އަދި އަންގަދް ބޭދީ މުހިއްމުރޯލުތަކެއް ކުޅެފައިވެ އެވެ.