ވެކްސިން ޖެހި މީހުން ދެނެގަންނާނީ ކިއުއާރް ކޯޑުން
ވެކްސިން ޖެހި މީހުން ދެނެގަންނާނީ ކިއުއާރް ކޯޑުން

ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ސަރުކާރު އޮފީސްތަކުންނާއި އާންމު ތަންތަނުން ހިދުމަތް ހޯދުމުގައި ތަފާތުކުރުން ގެންގުޅެވޭ ގޮތަށް ހުއްދަ ދީފައި ވާއިރު، ވެކްސިން ޖެހި މީހުން ފަސޭހައިން ދެނެގަނެވޭ ގޮތަށް ކިއުއާރް ކޯޑް ބޭނުންކުރެވޭ ގޮތް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މި މަސައްކަތާ ބެހޭ މައުލޫމާތު ހުރި އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެކި ގައުމުތަކުގައި ބޭނުންކުރާ މި ސިސްޓަމްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކިއުއާރު ކޯޑު ސްކޭންކުރަން ބޭނުންކުރާނެ އެޕްލިކޭޝަންގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ވެކްސިން ޖެހި މީހުންގެ ޑާޓާބޭސް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

ބޭރު ގައުމުތަކުގައި ވެސް އާންމު ހިދުމަތްތައް ހޯދަން ދާ މީހުން ވެކްސިން ޖެހިކަން ދެނެގަތުމަށްޓަކައި ކިއުއާރު ކޯޑު ބޭނުންކުރެ އެވެ. ޔޫރަޕުގެ ބައެއް ގައުމުތަކުގައި، ވެކްސިން ޖެހިކަން ކަށަވަރު ކުރުމަށްޓަކައި އެ ގައުމުތަކުގެ ޕޯޓަލްތަކުން ފޯނަށް ކިއުއާރު ކޯޑެއް ޑައުންލޯޑްކުރެވެ އެވެ. އެ ކިއުއާރު ކޯޑުގައި އެ މީހަކު ވެކްސިން ޖެހި ކަމުގެ މައުލޫމާތާއި، ޕީސީއާރު ނެގަޓިވްވެފައި އޮތުން ނުވަތަ ކޮވިޑުން ރަނގަޅުވެފައިވާ ކަމުގެ މައުލޫމާތު ހިމެނޭނެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އިއްޔެ "މިހާރު" އަށް ވިދާޅުވީ ވެކްސިން ޖެހިތޯ ކަށަވަރުކުރުމަށްޓަކައި ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާ ވަނީ ޕޯޓަލެއް ހަދަން ހަވާލުކޮށްފައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ ވެކްސިން ޖެހި މީހުންގެ މައުލޫމާތު ހިމެނޭ ޑޭޓާބޭސް މި ޕޯޓަލްގައި ހިމެނޭނެ ކަމަށާއި މި ޕޯޓަލް ހަދާނީ އެހެން ގައުމުތަކުގައިވެސް ޕޯޓަލް ބޭނުންކުރާ ގޮތް ބެލުމަށް ފަހުގައި ކަމަށެވެ.

ވެކްސިން ނުޖަހާ މީހުންނާ މެދު ތަފާތުކޮށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލު ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ އިއުލާނު ކޮށްފަ އެވެ. އާންމު ހިދުމަތްތައް ހޯދަން ދާ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ މީހުންނާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ނުޖަހާ މުވައްޒަފުންނާ މެދު ވަކި އުސޫލަކުން އަމަލުކުރަން ވަނީ ހުއްދަ ދީފަ އެވެ.

ވެކްސިން ނުޖަހާ މީހުންގެ ތެރެއިން ދަތުރުކުރާ މީހުންން ކަރަންޓީނުވުމާއި ޕީސީއާރް ޓެސްޓްކުރުމަށް އަމިއްލައަށް ހަރަދުކުރަންޖެހޭ ގޮތަށް ވެސް އަންނަ މަހުން ފެށިގެން އަމަލުކުރާނެ އެވެ.

ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން ފަށާފައިވާ ކެމްޕޭނުގެ އަމާޒަކީ މިމަސް ނިމުމުގެ ކުރިން، ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓުގެ ވެކްސިން ފުރިހަމަ ކުރުމެވެ. މި ކެމްޕޭނުގެ ދަށުން އަންނަ މަހުން ފެށިގެން ސްކޫލްތަކަށް ވަދެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށެވެ. މީގެ ތެރޭގައި ދަރިވަރުން ނުހިމެނެ އެވެ.