ފްރެންޗް ލީގު: އަލުން ސަޕޯޓަރުން ވެއްދި މެޗުގައި ދަނޑަށް ފުޅި އުކައިފި
ފްރެންޗް ލީގު: އަލުން ސަޕޯޓަރުން ވެއްދި މެޗުގައި ދަނޑަށް ފުޅި އުކައިފި

މޮންޕެލިއޭ (އޯގަސްޓް 9) - ދަނޑަށް އަލުން ސަޕޯޓަރުން ވައްދައިގެން މޮންޕެލިއޭ ކުޅުނު މެޗުގައި ސަޕޯޓަރުން ދަނޑަށް ފުޅި އުކައިގެން މެޗު މެދުކަނޑާލަން ޖެހިއްޖެ އެވެ.

މޮންޕެލިއޭގެ ދަނޑުގައި އޮލިމްޕިކް މާސޭއާ ދެކޮޅަށް ކުޅުނު މެޗު މާސޭ ކާމިޔާބު ކުރީ ފަހަތުން އަރައި 3-2 އިންނެވެ. ފުރަތަމަ ދެ ލެނޑުގެ ލީޑެއް ނެގީ މޮންޕެލިއޭއިންނެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ދެ ލަނޑު ޖެހި އެވެ. މާސޭގެ ތިން ލަނޑު ވެސް އެ ޓީމުން ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ.

މޮންޕެލިއޭގެ ސަޕޯޓަރުން ހޫނުވީ ލީޑުގައި އޮވެފައި އެ ޓީމު އަތުން ލީޑް ގެއްލުމުންނެވެ. މެޗުގެ 89 ވަނަ މިނެޓުގައި މެޗު މެދުކަނޑާލަން ޖެހުނީ ސަޕޯޓަރުން އެއްލި ފުޅިއަކުން މާސޭގެ މިޑްފީލްޑަރު ވެލެންޓިން ރޮންގިއޭގެ ބޮލުގައި ޖެހުމުންނެވެ.

މޮންޕެލިއޭގެ ފްލޮރެންޓް މޯލްޓް އަށް އަމާޒުކޮށް ވެސް ސަޕޯޓަރުން ފުޅިއުކި އެވެ.

މެޗުގެ ރެފްރީ ޖެރެމީ ޕިގްނާޑް ވަނީ ސަޕޯޓަރުންގެ ހަމަލާތަކުން ކުޅުންތެރިން ސަލާމަތް ކުރުމަށްޓަކައި ދެ ޓީމު ދަނޑުން ބާލައިފަ އެވެ. މެޗުގެ ކުޅުން 10 މިނެޓް ވަންދެން މެދުކަނޑާލި އެވެ.

"މިއީ ވަރަށް ދެރަކޮށް ހިނގި ކަމެއް. އޭގެ ސަބަބުން ދެ ޓީމަށް ވެސް އަސަރު ކުރި،" މޮންޕެލިއޭގެ ކޯޗް އޮލިވިއޭ ޑަލޯލިއޯ ބުންޏެވެ. "ރެފްރީ އަށް ކުރެވެން ހުރި ކަމެއް ވިއްޔާ އޭނާ ކުރި. މިހެން ދިމާވުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް."

މޮންޕެލިއޭގެ މާސޮން ސްޓޭޑިއަމް އަށް ސަޕޯޓަރުން ނުވައްދާ މެޗު ކުޅޭތާ ހަތް މަސް ފަހުން ރޭ އަލުން ސަޕޯޓަރުން ވެއްދި މެޗުގައި 13،000 ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ.