28 ނޮވެމްބަރ 2016 - 06:37

ބޮލީވުޑަށް ޒަމާނީ މިއުޒިކް އައުމާ އެކު ލަވަތަކުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް މަޝްހޫރު ސްކްރިޕްޓް ލިޔުންތެރިޔާ އަދި ޝާއިރު ޖާވީދު އަޚްތަރު ބުނެފި އެވެ.
ފިލްމުތަކަށް ތައްޔާރުކުރާ މިއުޒިކްގެ ފެންވަރު ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށާއި ނަމަވެސް މިކަން ބަލަން ޖެހޭނީ މިޒަމާނުގެ މީހުން ވިސްނާ ގޮތަށް ކަމަށް އޭނާ ބުންޏެވެ.
ފިލްމުގެ މިއުޒިކާއި ޑައިލޯގް އަދި ފިލްމުތަކުގެ ކޮލިޓީ ވެސް ދަށްކަމަށް ޖާވީދު ބުނެފައިވެ އެވެ.
މިހެން ދިމާވި ސަބަބެއް ކަމަށް އޭނާ ފާހަގަކުރީ ފާއިތުވީ 30-40 ވަރަށް އަހަރުގެ ތެރޭގައި ހިންދީ ފިލްމު އިންޑަސްޓްރީއަށް ޓެކްނިކަލް ގޮތުންނާއި މެޓީރިއަލްގެ ގޮތުން އަދި ވިޔަފާރީގެ ގޮތުން އައިސްފައިވާ ކުރިއެރުމެވެ.
ކުރީގެ ފިލްމުތަކުގައި ހުންނަ ރީތި އަސަރުގަދަ މިއުޒިކް މިހާރު އެއްގޮތަކަށް ވެސް އަޑުއަހާލަން ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
"މިޒަމާނުގައި ގިނައިން އުފައްދަނީ ޑިސްކޯ މިއުޒިކް. އަދި މިފަދަ މިއުޒިކަށް ރީތި ލިރިކްސްގެ މާ ބޮޑު ބޭނުމެއް ނޯވޭ. ހިތަށް އެރި އެއްޗެތި ކިޔަނިކޮށް ނިމުނީ،" ޖާވީދު ބުނެފައިވެ އެވެ.
ލަވަތައް ލިޔެދޭ ޝާއިރުންގެ ތެރެއިން މިހާރު އެންމެ ފާހަގަކޮށްލެވޭ ދެ ޝާއިރުންނަކީ އިރްޝާދު ކާމިލް އާއި ސްވާނަންދް ކިރްކިރޭ ކަމަށް ވެސް ޖާވީދު އަޚްތަރު ބުނެފައިވެ އެވެ.