09 އޯގަސްޓް 2021 - 12:39

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ވައި ގޮޅީގައި އޭސީ އައުޓްޑޯ ޔުނިޓް ހަރުކުރެވޭނެ ޖާގަ ނެތް ކަމުގެ ޝަކުވާތަކެއް ކުރަން ފަށައިފި އެވެ.
ފްލެޓް ލިބުނު ބައެއް މީހުން ފްލެޓްގެ ފިނިޝިން މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރަމުން އަންނައިރު ފްލެޓުތަކެއްގެ ފިނިޝަން ހަދަމުން އަންނަ ކުންފުންޏަކުން، "މިހާރު" އަށް ބުނި ގޮތުގައި ހިޔާ ޓަވަރުގެ ވައި ގޮޅި ހަނިކަމުން އެއްހަމައެއްގައި ދެ އޭސީ އައުޓްޑޯ ޔުނިޓް ބެހެއްޓޭނެ ޖާގައެއް އެތަނަކު ނެތެވެ.
އެހެންވެ، ވައިގޮޅީގައި އައުޓްޑޯ ޔުނިޓް ހަރުކުރުން ވަރަށް އުނދަގޫ ކަމަށް އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން ސުވާލުކުރުމުން އެޗްޑީސީން ބުނީ އޭސީ އައުޓްޑޯ ޔުނިޓް ވައިގޮޅީގައި އަދި ބެލްކަނީގައި ވެސް ބެހެއްޓޭނެ ކަމަށެވެ. އެކަމަކު ވައިގޮޅީގެ ވެންޓިލޭޝަން މައްސަލަ އަށް ހައްލެއް ހޯދުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އެޗްޑީސީން ބުނީ އައުޓްޑޯ އެއް ޔުނިޓް ބަހައްޓައިގެން އޭސީ ހަރުކުރުމުގެ އިހްތިޔާރު ވެސް ދީފައިވާ ކަަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި 400 އެއްހާ ފްލެޓް ހުންނާނެ އެވެ. މިއީ ގާތްގަނޑަކަށް 2،500 އެއްހާ މީހުންގެ އާބާދީ އެވެ.
ދެ ކޮޓަރީގެ މި ފްލެޓްތަކުގެ ފިނިޝިން ނުނިންމާ ހަވާލުކުރިޔަސް، އެތަން ހުރީ އޭސީ އާއި ބޮކި، ފަންކާ ފަސޭހައިން ހަރުކުރެވޭނެ ގޮތަށެވެ.
މަހު ކުލީގެ ގޮތުގައި 8500ރ. މި ފްލެޓްތަކަށް ނަގަން ނިންމާފައިވާއިރު މި އަދަދު ބޮޑުވެގެން އެކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދަނީ އެތަނުގެ ފިނިޝިން ނުނިންމާ ހަވާލުކުރާތީ އެވެ. އެ މަސައްކަތް ކުރުމަށް ފްލެޓް ލިބޭ މީހުންގެ އަތުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ.
ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށް ނިމޭނެ ކަމަށް އެޗްޑީސީން ލަފާކުރަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ފިނިޝިން މަސައްކަތް ނިންމުމަށް ދިން ތިން މަސް ގުނާނީ އޭގެ ފަހުންނެވެ. އެ މުއްދަތުގައި ފްލެޓްތަކުން ކުއްޔެއް ނުނަގާނެ އެވެ.