27 ނޮވެމްބަރ 2016 - 15:57

ހިއުމަން ޓްރެފިކިންގެ މައްސަލަ ހައްލުކުރަން ބޮޑެތި ގޮންޖެހުންތަކެއް ހުއްޓަސް، މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން މިއަދު ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، ރާއްޖޭގައި ވެސް ހިއުމަން ޓްރެފިކިންގެ މައްސަލަ އޮންނާނެ އެވެ. އެކަމަކު، ރާއްޖޭގައި މި މައްސަލަ އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ނިސްބަތުން ކުޑަ މިންވަރަކަށެވެ.

"ރާއްޖެ ވެސް މި ވަނީ ގްލޯބަލް ވިލެޖުގައި، ވިޔަފާރީގެ ތެރޭގައި އަދި ބައިނަލްއަގުވާމީ އެތައް މުއާމަލާތްތަކެއްގައި ރާއްޖެ ވެސް އިންޓަގްރޭޓް ވެގެން، ގްލޯބަލައިޒްޑް ދުނިޔެއެއްގައި އުޅޭއިރު، މި މައްސަލަ ރާއްޖޭގައި ވެސް އޮންނާނެ. އެހެންވެގެން ގާނޫނެއް މި އައީ ވެސް،" 2013 ގައި އަމަލުކުރަން ފެށި ހިއުމަން ޓްރެފިކިން ހުއްޓުވުމާ ބެހޭ ގާނޫނަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.
ހިއުމަން ޓްރެފިކިންގެ މައްސަލަ ހުއްޓުވަން ސަރުކާރުން ކުރަނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ދެ ކަމެކެވެ. އޭގެ ތެރެއިން އެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ބިދޭސީން ރާއްޖެ ގެނައުމާއި އެކަމާ ގުޅޭ ގޮތުން ނުރަސްމީކޮށް ހިނގަމުން ދިޔަ ކަންކަން ރަސްމީ ނިޒާމެއްގެ ތެރެ އަށް ފެއްތުމެވެ.
އެ މަސައްކަތުން މިހާތަނަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ކަމށް މިނިސްޓަރު ފާހަގަކުރެއްވި އެއް ކަމަކީ ހިއުމަން ޓްރެފިކިންގެ މައްސަލަތައް ރިޕޯޓުކުރާނެ ހޮޓްލައިނެއް ގާއިމްކުރުމާއި ހިއުމަން ޓްރެފިކިންގެ މައްސަލަތައް ވިލަރެސް ކުރާނެ ކައުންސިލެއް އެކުލަވައިލުމެވެ. އަދި ބިދޭސީން ގެންނަ އެޖެންސީތައް ރަޖިސްޓްރީ ކުރާ ގޮތަށް ހެދުމާއި ބިދޭސީންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދިނުން މަޖުބޫރު ކުރުމުގެ އިތުރަށް، ބައެއް މަސައްކަތްތައް ދިވެހިންނަށް އެކަނި ކުރެވޭ ގޮތަށް ހާއްސަ ކުރުން ވެސް ހިމެނެ އެވެ.
"ރައީސް ޔާމީންގެ ސަރުކާރު އައުމުގެ ކުރިން ވެސް މި މައްސަލަ ރާއްޖޭގައި އޮތް. އެކަމަކު، މި ސަރުކާރުން ނޫންތޯ މި މަސައްކަތް މި ފެށުނީ. މި ސަރުކާރުން އިންފޯމަލް ލޭބަ ސެކްޓާގައި ހުރި ވަރަށް ގިނަ މައްސަލަތައް ހައްލުކޮށްފިން އަދި މިހާރު ވެސް މި ދަނީ ހައްލުކުރަމުން،" އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަތީރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ތިން މައްސަލަ ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭން ދެ މައްސަލައިގައި ދައުވާކޮށްފައިވާ އިރު، ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ބަޔަކު ޖަލަށް ލާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެކަމަކު، މައްސަލަތައް ތަހުގީގު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ޝަތީރު އެއްބަސްވެވަޑައިގެންނެވި އެވެ. އެންމެ ބޮޑު މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި، ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވާ ފަރާތުގެ ހުއްދަ ނެތި މައްސަލަ ތަހުގީގު ނުކުރެވޭ ގޮތަށް ގާނޫނުގައި އޮންނަ އިރު، އެ ހުއްދަ ގިނަ ފަހަރަށް ނުލިބުމެވެ.
ޕީޖީ އޮފީހުގެ ފަރާތުން ސީނިއަ ޕަބްލިކް ޕްރޮސެކިއުޓަ ހިޝާމް ވަހީދު ވެސް ވިދާޅުވީ ހިއުމަން ޓްރެފިކިންގެ މައްސަލަތަކުގައި ދައުވާ ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެންމެ ބޮޑު މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި، ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވާ ފަރާތްތަކުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވެ، އަނބުރާ ގައުމަށް ދިއުމެވެ.
"ދިވެހިން ވެސް، ބޭރު މީހުން ވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ޕްރޮސެކިއުޝަންގެ ކުރިމައްޗަށް ގެނައުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ކުރެވުނު ހުރިހާ ކަމެއް ކުރާނަން،" ފުލުހުންނާ ގުޅިގެން ވީހާ ވެސް ގިނަ މައްސަލަތައް ތަހުގީގުކޮށް، ޝަރީއަތަށް ފޮނުވަން ޕީޖީ އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ދެއްވަމުން ހިޝާމް ވިދާޅުވި އެވެ.
ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ބަޔަކަށް ކުށް ސާބިތުވެ، އެ މީހުން 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު ހުކުމްކޮށްފަ އެވެ. މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު 2013 ގައި ވުޖޫދަށް އައި ފަހުން ފުރަތަމަ ފަހަރަށް ކުށް ސާބިތުވެ ޖަލު ހުކުމެއް އައީ ބަންގްލަދޭޝްގެ ރައްޔިތުންތަކެއް ކަމަށްވާ އެމްޑީ ސައިމޮއްލާ އާއި އަބްދުލްމަލަކު އަދި ބާދުޝާގެ މައްޗަށެވެ. މިއީ ގާނޫނު ވުޖޫދަށް އައި ފަހުން ފުލުހުން ފުރަތަމަ ބެލި މައްސަލަ އެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު ބުނާގޮތުން މަޖުބޫރުކޮށްގެން މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި އެ މީހުން ލައްވައި، މަޖުބޫރުން މަސައްކަތް ކުރުވުމަކީ ހިއުމަން ޓްރެފިކިންގެ އަމަލުތައް ކަމުގައި ބެލެވޭނެ އެވެ.
ހިއުމަން ޓްރެފިކިންގެ މައްސަލަ އޮތް މިންވަރު ބެލުމަށް ފަހު އެމެރިކާގެ ސަރުކާރުން ކޮންމެ އަހަރަކު ނެރޭ ޓްރެފިކިން އިން ޕާސަންސް ރިޕޯޓުގެ އެންމެ ފަހުގެ އަދަދުގައި ރާއްޖެ ވަނީ އަނެއްކާ ވެސް ވޮޗްލިސްޓަށް ލައިފަ އެވެ. އެންމެ ބޮޑު މައްސަލައަކަށް ނަގާފައިވަނީ ހިއުމަން ޓެރެފިކިންގެ މައްސަލަތަކުގައި ދައުވާކޮށް، އެ ކަމުގައި ހިމެނޭ ފަރާތްތަކަށް އެއްވެސް ވަރަކަށް އަދަބު ނުދެވުމެވެ.