އެޕޮއިންޓްމެންޓާ ނުލައި އެސްޓްރާޒެނެކާ ވެކްސިން ޖެހޭނެ ގޮތް ހަމަޖައްސައިފި
އެޕޮއިންޓްމެންޓާ ނުލައި އެސްޓްރާޒެނެކާ ވެކްސިން ޖެހޭނެ ގޮތް ހަމަޖައްސައިފި

އެޕޮއިންޓްމެންޓް ހެދުމަކާ ނުލައި ވެކްސިނޭޝަން ސެންޓަރުތަކަށް ގޮސްގެން އެސްޓްރާޒެނެކާ ވެކްސިން ޖެހޭނެ އިންތިޒާމުތައް ހަމަޖައްސައިފި އެވެ.

އެސްޓްރާޒެނެކާ ވެކްސިން ގެނެސްގެން ފުރަތަމަ ޑޯޒްއާއި ކޮވިޝީލްޑް ޖެހި މީހުންނަށް ދެވަނަ ޑޯޒް ޖަހައިދެމުން ގެންދިޔައީ އެޕޮއިންޓްމެންޓް ދޫކޮށްގެންނެވެ.

ނަމަވެސް، މިރޭ އެޗްޕީއޭއިން ބުނީ، މާދަމާއިން ފެށިގެން އެސްޓްރާޒެނެކާ ވެކްސިން ޖަހައިދޭ ވެކްސިނޭޝަން ސެންޓަރުތަކަށް އެޕޮއިންޓްމެންޓް ހެދުމަކާ ނުލައި ގޮސްގެން ވެކްސިން ޖެހޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.

އެހެންނަމަވެސް، އިސްކަން ދޭނީ އެޕޮއިންޓްމެންޓް ހައްދައިގެން ދާ ފަރާތްތަކަށް ކަމަށް އެ އެޖެންސީއިން ބުންޏެވެ.

ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު، އާޓް ގެލަރީ، އަދި ވިލިމާލޭ ހޮސްޕިޓަލުން އެސްޓްރާޒެނެކާ ވެކްސިން ޖެހޭނެ އެވެ.

އެކަށީގެންވާ ވަރަށް މީހުން ވެކްސިން ޖަހަން ނުދާތީ އެކަމުގެ ކަންބޮޑުވުން މީގެ ކުރިން އެޗްޕީއޭއިން ވަނީ ފާޅުކޮށްފަ އެވެ.

އެސްޓްރާޒެނެކާ ވެކްސިން ގެނެސް ޖަހަން ފަށާފައިވާއިރު، އެޗްޕީއޭއިން ބުނީ، ރާއްޖޭގައި ހުރި އޭގެ ވެކްސިންގެ މުއްދަތު ނޮވެމްބަރު މަހު ހަމަވާނެ ކަމަށެވެ.

ދެ ވަނަ ޑޯޒް ޖެހުމަށް ވެސް އަދި ވަގުތު ދޭން ޖެހޭތީ ފުރަތަމަ ޑޯޒް އަވަހަށް ޖަހައި ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ. އަންނަ މަހުގެ އެކެއްގެ ނިޔަލަށް ފުރަތަމަ ޑޯޒް ޖަހައިދޭނެ އެވެ. ދެ ވަނަ ޑޯޒް ޖަހަނީ އަށް ހަފުތާ ފަހުންނެވެ.