ރާއްޖޭގެ ޒުވާން އީތަންއަށް ރަޝްފޯޑުގެ ހެޔޮއެދުންތައް
ރާއްޖޭގެ ޒުވާން އީތަންއަށް ރަޝްފޯޑުގެ ހެޔޮއެދުންތައް

ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ، އީތަން އިބްރާހިމް ޒަކީ އަށް، މެންޗެސްޓަ ޔުނައިޓެޑްގެ ތަރި މާކަޝް ރަޝްފޯޑްގެ ހެޔޮއެދުންތައް ރައްދު ކޮށްފި އެވެ.

ރާއްޖޭގެ ޒުވާން އީތަންއަށް ރަޝްފޯޑުގެ ހެޔޮއެދުންތައް
ރާއްޖޭގެ ޒުވާން އީތަންއަށް ރަޝްފޯޑުގެ ހެޔޮއެދުންތައް

އިންގްލެންޑްގެ ގައުމީ ޓީމުގެ ފޯވަޑް، ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފޯވަޑް އީތަން އަށް ހެޔޮ އެދުންތައް ރައްދު ކުރީ ޓްވިޓާ މެދުވެރިކޮށެވެ.

އީތަންގެ ގާތް މީހެއް ކަމަށްވާ، އަލްމާ އަލީލް ޓްވިޓާ އަށް ދޫކޮށްލި އީތަންގެ ވީޑިއޯ އަށް، ރަޝްފޯޑް ވަނީ ކޮމެންޓް ކޮށްފަ އެވެ.

ވީޑިއޯ އިން ފެނިގެން ދަނީ، އީތަން ދަނޑުމަތީގައި ހުއްޓައި ރަޝްފޯޑްގެ ބައިގައިގްރޮފީ ދިއްކޮލުމުން ހިފާ މަންޒަރެވެ.

"ދިވެހިރާއްޖެއަށް ނިސްބަތްވާ އީތަން، 12، ނަމޫނާ އަކަށް ބަލާ (ރަޝްފޯޑް). އަދި އޭނާގެ އުންމީދެއް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުން،" ޓްވިޓާގައި އަލްމާ ލިޔެފައި ވެއެވެ. "އޭނާ މަސައްކަތް ކުރަނީ އެންމެ މޮޅު ކުޅުންތެރިޔަކަށް ވާން (ރަޝްފޯޑް) ގެ ފޮތަކީ ވެސް އެކަން ދަސްކުރުމަށް އޭނާ އަށް ލިބޭ ބޮޑު އެހީއެއް."

އީތަންގެ ވީޑިއޯ އަށް ރަޝްފާޑް ކޮމެންޓް ކޮށްފައި ވަނީ، "ލަވް ދިސް" މިހެންނެވެ.

ބާސެލޯނާގެ އެކެޑެމީގައި މީގެ ކުރިން ޓްރޭނިން ހަދަން ފުރުސަތު ލިބުނު އީތަންގެ ހުނަރަށް ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ވެސް ޝައުގުވެރިވެ އެވެ. ޓޫރިޒަމް ދުވަސް ފާހަގަ ކުރުމަށް 2019 ގައި ބޭއްވި ހަރަކާތުގެ ތެރެއިން ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިޔަ މުބާރާތުން ފާހަގަ ވުމުން، ސަލްގާޑޯގެ އެކެޑެމީގައި ޓްރޭނިން ހަދަން އީތަން އަށް ފުރުސަތު ދޭން ސަލްގާޑޯ ނިންމި އެވެ.

ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމުގައި ހިމެނިގެން އީތަން ވަނީ ދުބާއީގައި ބޭއްވި 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތުގައި ކުޅެފަ އެވެ. އެ މުބާރާތުގައި ވެސް ގިނަ ބަޔަކު އޭނާގެ ކުޅުމަށް ތައުރީފް ކުރި އެވެ. އެ މުބާރާތުގައި އާސެނަލްގެ 15 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ރާއްޖެ ކުރިމަތިލި މެޗުގައި ވެސް އީތަން ކުޅުނެވެ.

އޭނާ މިހާރު ޓްރޭނިން ހަދަމުން ދަނީ، ކްލަބު ވެލެންސިއާގެ އެކެޑެމީގަ އެވެ. އެ އެކެޑެމީގައި ވެސް އޭނާ އަށް ކޯޗް ކޮށްދެނީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) އެވެ. ޓީސީ އެކެޑެމީގައި ވެސް އީތަން އަށް ކޯޗުކޮށް ދިނީ އެ ދެ ކޯޗުންނެވެ.