10 އޯގަސްޓް 2021 - 10:46

ޓޫރިޒަމް ދާއިރާގެ ބޮޑު ހިއްސާއެއް އިނގިރޭސިވިލާތުގައި އޮންނަ އިރު މި މަހުގެ ރިވިއުއިން ވެސް ރާއްޖެ އޮތީ އެ ގައުމުގެ ޓްރެވަލް އެޑްވައިޒަރީގެ "ރެޑް ލިސްޓް" ގަ އެވެ. ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވުމުގެ ސަބަބުން އޮގަސްޓް މަހުގެ ރިވިއުއިން ރަނގަޅު ބަދަލެއް އައިސް އިނގިރޭސިވިލާތުގެ ޓޫރިސްޓުންނަށް ރާއްޖެ އަށް އާދެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެ ގައުމުގެ ޓްރެވަލް އެޖެންޓުން ކުރި އެވެ. އަދި އެކަމަށް ދިޔައީ ވަރަށް ބޮޑަށް ދުރާލާ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ދިމާވުމުން އެ ގައުމުގެ ޓްރެވަލް އެޖެންޓުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.

އިނގިރޭސިވިލާތުގެ ބައެއް ޓްރެވަލް އެޖެންޓުން ކަމަށްވާ ކޯނީ އާއި ހަމިމްބާޑުން ލަފާކުރާ ގޮތުން މި އޮގަސްޓް މަހު އެވްރެޖްކޮށް 450 އިނގިރޭސި ޓޫރިސްޓުން އައުމަށް އޮތީ ތައްޔާރަށެވެ. އެ ގައުމުގެ ރެޑް ލިސްޓުން އެމްބާ ލިސްޓަށް ދިޔަ ނަމަވެސް ވަރަށް ގިނަ ބަޔަކު ރާއްޖެ އަންނާނެ ކަމަށް އެ ފަރާތްތަކަށް ގަބޫލުކުރެވުނެވެ. ރާއްޖެއިން ވެސް ދިޔައީ އެކަން އެގޮތަށް ވާނެ ކަމަށް ބަލައި، އިނގިރޭސިވިލާތުގައި ރާއްޖެ ވަރަށް ބޮޑަށް ޕްރޮމޯޓް ކުރަމުންނެވެ.

އިނގިރޭސިވިލާތަށް ގަތަރާއި އެމިރޭޓްސް އަދި ބްރިޓިޝް އެއާވޭސް އިން ދަތުރުތައް ކުރެ އެވެ. އެހެންކަމުން ޓޫރިސްޓުން އަންނަން ހުޅުވާލުމުން ވަރަށް ފަސޭހައިން އެ ގައުމުން އާދެވޭނެ އެވެ. ރާއްޖޭގެ އެންމެ ހައި އެންޑް ރިސޯޓުތަކުން ވެސް އެންމެ ބޮޑު އުންމީދެއް ކޮށްގެން ތިބީ އިނގިރޭސިވިލާތުން ގިނަ އަދަދެއްގެ ޓޫރިސްޓުން މި މަހު އަންނަން ފަށައި، އޮކިއުޕެންސީ ރޭޓް އިތުރުކުރުމެވެ.
ދުވާލެއްގެ މައްޗަށް 450 ޓޫރިސްޓުން އިނގިރޭސިވިލާތުން އަންނަ ނަމަ، މަހެއްގެ މައްޗަށް 13،500 ޓޫރިސްޓުން އެ ގައުމުން ރާއްޖެ އަންނާނެ އެވެ. އާންމުގޮތެއްގައި އިނގިރޭސިވިލާތުން އަންނަ ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަނީ އެންމެ ލަގްޒަރީ ރިސޯޓުތަކުގަ އެވެ. އެ މީހުން އެވްރެޖްކޮށް ނުވަ ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ. އޭގެ މާނައަކީ، މިއިން ކޮންމެ މީހަކު ނުވަ ދުވަހުގެ ޗުއްޓީ ދަތުރެއް ނިމޭއިރު ކޮންމެ މީހަކު މަދުވެގެން 4500 ޑޮލަރު ހޭދަކުރާނެ އެވެ. -- އެކަމަކު، ހަގީގަތުގައި ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުގެ އަސްލު އަގު ހުރީ 2000 ޑޮލަރުން މަތީގަ އެވެ. އެހެންވެ، ގެއްލުން ވާނެ ކަމުގެ އަސްލު އަންދާޒާ ނުވެސް އެނގެ އެވެ.
އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް މަދުވެގެން 500 ޑޮލަރު ހޭދަކުރަމުން އަންނަ އިނގިރޭސި ޓޫރިސްޓުން ނާންނަ ނަމަ މި ގެއްލެނީ މަހެއްގެ މައްޗަށް 61 މިލިއަން ޑޮލަރު (937 މިލިއަން ރުފިޔާ) އެވެ. މިއީ ދައުލަތަށް މަހެއްގެ ތެރޭ ވަންނަ ޑޮލަރުގެ އާމްދަނީން ގެއްލިގެންދާ ހަތް މިލިއަން ޑޮލަރު (112 މިލިއަން ރުފިޔާ) އެވެ. މިހާ ބޮޑު ގެއްލުމެއް ދައުލަތަށް ލިބުނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ފަރުވާ ކުޑަކޮށްލައި، އެކަމާ ބެހޭ ޑޮކިއުމެންޓްތައް ފޮނުވުމުގައި ލަސްކުރުމުން ކަމަށް "މިހާރު" އާ ވާހަކަަދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.
ކޮވިޑްގެ ކުރިން ވެސް އަދި ކޮވިޑްގެ ހާލަތުގެ ތެރޭގައި ވެސް އިނގިރޭސިވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުންދާ އެއް ގައުމެކެވެ. ކޮވިޑްގެ ހާލަތުގެ ކުރިން އެންމެ ޕީކް ސީޒަންގައި މަހެއްގެ މައްޗަށް ރާއްޖެ އަށް 10،000 އާއި 15،000 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން އާދެ އެވެ.
މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެ އަށް އެވްރެޖުކޮށް 2،500 ޓޫރިސްޓުން އިނގިރޭސިވިލާތުން އަ އެވެ. މިއީ ކޮވިޑްގެ މިހާލަތުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ނިސްބަތަށް ބަލާ އިރު ވަރަށް ބޮޑު އަދަދެކެވެ. މެއި މަހު ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވުމާ އެކު އެ ގައުމުން ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުކުރި އެވެ. އެއާ އެކު އެ ގައުމުން ޓޫރިސްޓުން އަންނަ ވަރު މިދިޔަ ޖޫން މަހު 500 އަށް ތިރި އެވެ. މިއީ ރެޑް ލިސްޓަށް އެރުމުގެ ކުރިން ރާއްޖެ އަށް އައި ޓޫރިސްޓުންގެ އެންމެ 25 ޕަސެންޓެވެ.
އިނގިރޭސިވިލާތް މެދުވެރިކޮށް އެ ސަރަހައްދުގެ ގައުމުތައް ކަމަށްވާ ސްޕެއިން އާއި ޕޯޗުގަލް އަދި އިޓަލީ ފަދަ ގައުމުތަކުން ވެސް ރާއްޖެ އަށް ދަތުރުކުރެ އެވެ. އެހެންކަމުން އެ ގައުމުން ދަތުރުކުރުން މަނާ ނުވާ އެކު އެ ސަރަހައްދުގެ ގިނަ ގައުމުތަކަކުން ވެސް ރާއްޖެ އަށް ޓޫރިސްޓުން އައުން ބަންދުވީ އެވެ.
އެކަމަކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ރާއްޖެ ރެޑް ލިސްޓުން ސަލާމަތް ނުވުމުގައި ސަރުކާރުގެ އެއްވެސް އިހުމާލެއް ނެތެވެ. އޭނާ ވިދާޅުވީ، މަސައްކަތް ކުރައްވަނީ ދެން އަންނަ ރިވިއުއެއްގައި ރާއްޖެ "އެމްބާ ލިސްޓަ"ށް އަރާނެ ކަމަށެވެ. އެމްބާ ލިސްޓަށް އެރުމުން އެ ގައުމުން އަންނަ ޓޫރިސްޓުން އަނބުރާ ގައުމަށް ގޮސް ކަރަންޓީނު ވާން ޖެހޭނީ އަމިއްލަ ގޭގަ އެވެ.
"ދެން އަންނަ ރިވިއުއެއްގައި އެމްބާ ލިސްޓަށް އެރާނެ ކަމަށް މިބަލަނީ. ވަރަށް ބޮޑު އުންމީދެއް އެބައޮތް،" އޭނާ ވިދާޅުވި އެވެ.
އާންމުގޮތެެއްގައި ޓްރެވަލް އެޑްވައިޒަރީ ލިސްޓް ރިވިއު ކުރަނީ ކޮންމެ ތިން ހަފްތާއަކުންނެވެ. ދެން ރިވިއުއެއް ކުރާނީ މިމަހުގެ 25 ހިސާބުގަ އެވެ.
ރާއްޖެ ރެޑް ލިސްޓުގައި އޮވެ، މި ސަރަހައްދުގެ އިންޑިއާ ފަދަ ގައުމުތަކުން އެމްބާ ލިސްޓަށް އެރީ، އިނގިރޭސިވިލާތަށް ލިބޭނެ އާމްދަނީ އިތުރު ކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މި ދުވަސްވަރަކީ އިންޑިއާއިން ގިނަ އަދަދެއްގެ ބަޔަކު އިނގިރޭސިވިލާތަށް ދާ ދުވަސްވަރަކަށް ވާތީ އެކަން އެގޮތަށް ކުރީ ކަމަށެވެ.
އިނގިރޭސިވިލާތުން ގައުމުތައް ގިންތި ކުރުމުގައި ގެންގުޅެނީ ހަތަރު މިންގަނޑެކެވެ. އެއީ ގްރީން ލިސްޓް، އެމްބާ ލިސްޓް، އެމްބާ ޕްލަސް ލިސްޓް އަދި ރެޑް ލިސްޓެވެ. ރެޑް ލިސްޓުގައި ހިމެނޭ ގައުމަކުން އިނގިރޭސިވިލާތަށް އެތެރެވުމުގައި އަޅާ ފިޔަވަޅުތައް ވަރަށް ވެސް ހަރުކައްޓެވެ.
ރެޑް ލިސްޓުގައި ތިބޭ ގައުމުތަކުން އިނގިރޭސިވިލާތަށް ވަދެވޭނީ ހަމައެކަނި އެ ގައުމުގެ ރައްޔިތުންނަށާއި އިނގިރޭސިވިލާތުގެ ޕާސްޕޯޓް އޮންނަ މީހުންނަށެވެ. އޭރުން ރާއްޖެއިން އެ ގައުމަށް އެއްވެސް މީހަކަށް ދަތުރެއް ނުކުރެވޭނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުގެ ޓްރެވަލް ލިސްޓަށް ބަދަލު ގެނައުމާ އެކު އިނގިރޭސިވިލާތުގެ ހޮޓާތަކުން ވަނީ ކަރަންޓީނުވުމަށް ހޮޓާތަކުގައި ތިބެވޭ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފަ އެވެ. ރެޑް ލިސްޓުގައި ހިމެނޭ ގައުމަކުން އަނބުރާ އިނގިރޭސިވިލާތަށް ހިނގައްޖެ ނަމަ ސަރުކާރުން ކަނޑައަޅާފައިވާ ހޮޓާތަކުގައި ތިބެން ޖެހެ އެވެ. ސަރުކާރުން ކަނޑައަޅާފައިވާ ހޮޓާތަކަށް ދުވާލެއްގެ މައްޗަށް 2،200 ޕައުންޑް ހޭދަކުރަން ޖެހެ އެވެ. ދެ މީހުން އެކުގައި ތިބޭ ނަމަ ރޫމަކަށް 3،600 ޕައުންޑް ހޭދަވާނެ އެވެ. ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް އިތުރު 300 ޕައުންޑް ދައްކަން ޖެހޭނެ އެވެ.
މިހާ ބޮޑަށް އަގު ބޮޑު ކުރީ "ރެޑް ލިސްޓް"ގައި ހިމެނޭ ގައުމުތަކަށް އެ ގައުމުގެ ރައްޔިތުން ދަތުރުކުރުން ހުއްޓުވުމުގެ ގޮތުންނެވެ. ރެޑް ލިސްޓުގައި ހިމެނޭ ގައުމަކުން އެނބުރި ގޮސް ކަރަންޓީނު ވާ ދެވަނަ ދުވަހު އަދި އަށް ވަނަ ދުވަހު ކޮވިޑް ޓެސްޓް ހަދަން ޖެހެ އެވެ. އަދި އަނބުރާ ގައުމަށް އެރުމުގެ ކުރިން ކަރަންޓީނު ޕެކޭޖެއް ބުކް ކުރަން ޖެނޭނެ އެވެ. އަދި މިގޮތަށް ކަރަންޓީނު ވާނެ ހޮޓަލެއް ހަމަނުޖައްސާ އެގައުމަށް ހިނގައްޖެ ނަމަ 4،000 ޕައުންޑުން ޖޫރިމަނާ ވާނެ އެވެ. ޖޫރިމަނާ ދެއްކުމަށް ފަހު ވެސް އެއާޕޯޓުގައި ހުރެ ކަރަންޓީނުވާނެ ހޮޓަލެއް ހަމަޖައްސާ، އެއަށް ވެސް ހަރަދުކުރަން ޖެހޭނެ އެވެ.
އިނގިރޭސިވިލާތަށް އަނބުރާ ގޮސް 14 ދުވަހު ކަރަންޓީން ވާ އިރު ހަދަން ޖެހޭ ކޮވިޑްގެ ފުރަތަމަ ޓެސްޓް ނަހަދައިފި ނަމަ 1،000 ޑޮލަރުން ޖޫރިމަނާ ކުރެ އެވެ. އަދި ދެވަނަ ޕީސީއާރް ޓެސްޓް ނަހަދައިފި ނަމަ 2،000 ޑޮލަރުން ޖޫރިމަނާ ކުރެ އެވެ. މިގޮތަށް ޓެސްޓް ނަހައިދައިފި ނަމަ އިތުރު 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ އެވެ.
ރެޑް ލިސްޓުގައި ހިމެނޭ ގައުމަކުން އަންނަ މީހަކު އިނގިރޭސިވިލާތަށް އޮޅުވާލައިގެން ވަންނަން މަސައްކަތް ކޮށްފި ނަމަ އެ މީހަކު 10،000 ޑޮލަރުން ޖޫރިމަނާ ކުރުން ނުވަތަ 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ ހޮޓާތަކުގައި ކަރަންޓީނު ނުވާ މީހުން 5،000 ޕައުންޑާއި 10،000 ޕައުންޑާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެ އެވެ.
މިހާ ވަރުގަދަ ފިޔަވަޅުތަކެއް އަޅާ އިރު އެ ގައުމުން އަބަދުވެސް އިލްތިމާސް ކުރަމުން އަންނަނީ ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކަށް ދަތުރު ނުކުރުމަށެވެ. ރާއްޖެ ކަހަލަ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށް ޑޮކިއުމެންޓްތައް ހުށަހެޅުން ލަސްވުމުގެ ސަބަބުން މި ލިބުނީ އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެކެވެ. ދެން އަންނަ ރިވިއުއެއްގައި ރާއްޖެ އެމްބާ ލިސްޓަށް ނާރައިފި ނަމަ މި ގެއްލުން އިތުރަށް ބޮޑުވާނެ އެވެ.