އުންމަތުގެ ބާރުކެނޑުނީ އަހުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާ ކުޑަކުރެވުމުން: ރައީސް
އުންމަތުގެ ބާރުކެނޑުނީ އަހުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާ ކުޑަކުރެވުމުން: ރައީސް

އިސްލާމީ އުންމަތް ނިކަމެތިވެ، ބާރު ކެނޑުނީ އަހުވަންތަކަމުގެ ގުޅުން ދެމެހެއްޓުމުގައި ފަރުވާކުޑަ ކުރެވުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ހިޖުރައިން އިސްލާމީ އުންމަތަށް އުނގަންނައިދިން އެންމެ މުހިންމު ފިލާވަޅަކީ ރަހިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރުން އެންމެހައި މުސްލިމުންނަކީ އިންސާނީ އަހުވަންތަކަމާއި މާތްﷲ ގެ އެއްކައުވަންތަކަމުގެ އަގީދާ އިން ގުޅިލާމެހިފައި ތިބި ބައެއްކަން ކަމަށެވެ.

ތަރައްގީ އާއި ތަހުޒީބުގެ ގޮތުން މުޅި ދުނިޔެ އަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް އިސްލާމީ އުންމަތް ވީ، އެ މަތިވެރި ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުގެ ސަބަބުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އުންމަތަށް ކުރިމަތިވި ދަތިތައް ހުރަސްކޮށް، ދުނިޔެ އަށް އިސްލާމް ދީން ފެތުރިގެން ދިޔައީ ވެސް އެ އަހުވަންތަކަމުގެ ގުޅުމުގެ ސަބަބުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް އިސްލާމީ އުންމަތުގެ ބާރު މިއަދު ކެނޑިފައި ވަނީ އެ އަހުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާކުޑަކުރެވުމުގެ ސަބަބުން އުންމަތް ބައިބައިވެފައިވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ، އިސްލާމީ އަހުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން، އިސްލާމީ އުންމަތް ބައިބައިވެފައިވާތީ އެވެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ އަނެކުންގެ އިންސާނީ ހައްގުތަކާއި ކަރާމާތައް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއް ކަމެވެ.

"ހިޖްރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ކޮންމެ ފަރުދެއްގެ އިންސާނީވަންތަ ކަމަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއް ކަމެވެ. އަނެކުންގެ ފުރާނަ އާއި މުދަލަށް ހަމަ ކޮންމެ މީހަކު މެ ރައްކާތެރިކަމާއި އަމާންކަމާއި ހިމާޔަތް ދޭންޖެހޭނެ ކަމެވެ،" ރައީސް ވިދާޅުވި އެވެ.

"އަނެކުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދީ، އެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރުމަކީ ހަމަ ކޮންމެ މުސްލިމެއްގެ މަސްއޫލިއްޔަތެއް ކަމެވެ."

ރައީސް ވަނީ ދިވެހި މުޖްތަމައު ވެސް އެކަކު އަނެކަކަށް އިހުތިރާމާއި ލޯތްބާއެކު މުއާމަލާތުކުރާ ދެކޮޅުވެރިކަމާއި ޒާތީ ހަސަދައާއި ނަފްރަތަށް ފާޅުގައި ނޫނެކޭ ބުނާ ބަޔަކަށް ވާން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިންސާފާއި ހައްގަށް މަސައްކަތްކުރާ، ބޭއިންސާފާއި ބާތިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބަޔަކަށް ދިވެހިން ވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ހިޖުރައިގެ ހާދިސާ އިން މުސްލިމުންނަށް ގޮވާލަނީ އެފަދަ ބަޔަކަށް ވުމަށް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު މިފަދަ ފިލާވަޅުތައް ތަންފީޒު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ހިޖުރީ އާ އަހަރެއްގެ ފެށުން ފާހަގަކުރުމަކީ، ހިޖުރައިގެ ހާދިސާ އިން ލިބިދިން އިބުރަތްތަކުގެ އަލީގައި ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.