ފޭނުން ދެރަވިޔަސް "ޔޭ ރިޝްތާ"އަށް އެނބުރި އައުމެއް ނެތް: ހީނާ
ފޭނުން ދެރަވިޔަސް "ޔޭ ރިޝްތާ"އަށް އެނބުރި އައުމެއް ނެތް: ހީނާ

ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ގައި އަކްޝަރާގެ ރޯލު އަދާކުރި ހީނާ ޚާން މިހާރު ވަނީ އެ ޝޯއާ ވަކިވެފަ އެވެ. އަށް އަހަރު ވަންދެން މި ސިލްސިލާގެ ލީޑް ރޯލު ކުޅުނު ހީނާ އެ ޑްރާމާއިން ވަކިވުމުން ޝޯއަށާއި ހީނާއަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ދެރަވެފަ އެވެ. ސޯޝަލް މީޑިއާގައި އެމީހުން ދަނީ މިކަމާ ހިތާމަ ފާޅުކުރަމުންނެވެ.

އާއްމުކޮށް ޓީވީ ސިލްސިލާތަކުން މުހިއްމު ކެރެކްޓާއެއް ވަކިވާއިރު ދައްކަނީ އެމީހަކު މަރުވާ ތަނެވެ. އެހެންވެ މިފަހަރު ބެލުންތެރިން ހިތްހަމަޖެހޭ އާ ގޮތެއް ވާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރި އެވެ. ނަމަވެސް އާއްމުކޮށް ސިލްސިލާތަކުގައި ވާ ގޮތަށް މި ޑްރާމާގައި ވެސް ދައްކަނީ މަސްތުވެފައި އިން ކާރްތިކްގެ ކާރުން ޖެހި ވިއްސައިގެން ގޮސް އަކްޝަރާ ވާދީއަކުން ތިރިއަށް ވެއްޓޭތަނެވެ.

އަކްޝަރާގެ މަރާ ގުޅިގެން ޝޯގެ ފޭނުން ހިތްދަތިވިޔަސް އަކްޝަރާގެ ހަށިގަނޑު ނުފެންނާތީ ކޮންމެވެސް ދުވަހަކުން އޭނާ އަދި އެނބުރި އަތުވެދާނެކަމަށް އުންމީދުކުރާ ފޭނުންނަށް ހީނާ ދިނީ ވަރަށް ދެރަވާ ޖަވާބެކެވެ. "ޔޭ ރިޝްތާ" އަށް ދެން ދުވަހަކުވެސް އެނބުރި ނާންނާނެ ކަމަށް ހީނާ ވަނީ ބުނެފަ އެވެ.

ހީނާ ބުނީ އަށް އަހަރު ވަންދެން ދުވާލަކު 18 ވަރަކަށް ގަޑިއިރު ޝޫޓިންގައި އުޅުމުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތު ވަނީ ވަރަށް ގޯސްވެފަ އެވެ. ވަރަށް ފަހުން އޭނާއަށް ޑެންގީ ވެސް ޖެހުނު ކަމަށާއި އަދި ކިޑްނީގައި ހިލަ ހުރެގެން އެ ވޭނުގައި ވެސް އުޅޭތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް ބުނެފައިވެ އެވެ. އެންމެ ކުރިން އޭނާ ބޭނުންވީ 2-3 ވަރަށް މަހުގެ ޗުއްޓީ އެކެވެ. ނަމަވެސް އޭނާ ޗުއްޓީ ނަގަން އުޅުމުން ޝޯގެ ޕްރޮޑިއުސަރުންނާއި ޗެނަލުން ކަންތައް ކުރި ގޮތުން ދެން އޭނާ އިތުރަށް ޝޯގައި ބައިވެރިވުމުގެ ފުރުސަތެއް ނެތް ކަމަށް ހީނާ ބުންޏެވެ.

ޝޯ އިން ހީނާ ވަކިވި ނަމަވެސް އަދިވެސް އޭނާ އުޅެނީ ޝޫޓިން ނިންމާ ނުލެވިގެންނެވެ. ފަހުން ފްލޭޝްބެކްގެ ގޮތުގައި ދައްކާ ބައެއް މަންޒަރުތައް އަދިވެސް ޝޫޓްކުރަމުންދާ ކަމަށް ހީނާ ބުންޏެވެ. ނަމަވެސް ޝޯއަށް ދެން ދުވަހަކުވެސް އެނބުރި ނާންނާނެކަން ޔަގީން ކަމަށް ހީނާ ބުންޏެވެ.

ހީނާ ޝޯއިން ވަކިވާތީ ދެރަވެގެން ބައެއް ފޭނުން ހިތާމައިން އުޅޭކަން ހީނާއަށް ވެސް އެނގެ އެވެ. ބައެއް މީހުން އަމިއްލައަށް މަރުވާނެކަމުގެ އިންޒާރު ވެސް ދެމުންދާ ކަމަށް ހީނާ ބުންޏެވެ. އަދި އެފަދަ މީހަކު ވަނީ ހީނާއަށް ވީޑިއޯ މެސެޖެއް ވެސް ފޮނުވާފަ އެވެ. އެއީ ވަރަށް ބިރުގަންނަ ޒާތުގެ ކަންތައްތައް ކަމަށް ހީނާ ބުންޏެވެ.

އެހެންކަމުން ހީނާ ގަސްތުކުރަނީ ފޭސްބުކްގައި އޭނާ އެދޭ ގޮތް ބަޔާންކޮށް ވީޑިއޯ މެސެޖެއް ޕޯސްޓް ކުރުމަށެވެ. އަދި އަމިއްލައަށް މަރުވުމާއި ފުރާނައަށް ގެއްލުންވާ ފަދަ ކަންތައްތައް އޭނާގެ ފޭނުން ނުކުރުމަށް ހީނާ ވަނީ އިލްތިމާސްކޮށްފަ އެވެ.

ހީނާ ބުނި ގޮތުގައި "ޔޭ ރިޝްތާ" އިން ވަކިވިޔަސް ދުވަސްކޮޅަކު ޗުއްޓީ ހޭދަކޮށްލުމަށް ފަހު އޭނާ އަލުން އެނބުރި އަންނާނެ އެވެ. ނަމަވެސް މިފަހަރު މުޅިން ތަފާތު ޝޯއަކުން ތަފާތު ކެރެކްޓާ އެއްގަ އެވެ. އޭނާ ބޮޑަށް ކުޅެން ބޭނުންވަނީ ކޮމެޑީ ޝޯ އެކެވެ. އެނޫން ވައްތަރެގެ ޝޯއެއް ވިޔަސް ޝައުގުވެރިވާ ކެރެކްޓާއެއް ނަމަ އޭނާ ގަބޫލުކުރާނެ އެވެ.