28 ނޮވެމްބަރ 2016 - 06:33

އާލިއާ ބަޓްގެ "ޑިއާ ޒިންދަގީ" ވަރަށް މޮޅުވެފައި ރީތިކަމަށް ކްރިޓިކްސް އާއި ބެލުންތެރިން ވެސް ބުނެފައިވާތީ ފިލްމުގެ ވިޔަފާރި ވަރަށް ރަނގަޅުވާނެ ކަމަށް ލަފާ ކުރެވުނެވެ. ހީކުރި ގޮތަށް ފުރަތަމަ ދުވަހު އެ ފިލްމު ވަނީ 87 މިލިއަން ރުޕީސްގެ ވިޔަފާރި ކޮށްފަ އެވެ.
މިއީ މިއަހަރު ނުކުތް އާލިއާގެ ދެ ފިލްމުގެ ތެރެއިން "ކަޕޫރު އެންޑް ސަންސް" އަށް ވުރެ މަތީ އަދަދެކެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު ލިބުނީ 68 މިލިއަން ރުޕީސް އެވެ. ނަމަވެސް މިއަހަރު ނުކުތް އާލިއާގެ ދެ ވަނަ ފިލްމު "އުޅްތާ ޕަންޖާބު"ގެ ރެކޯޑް މި ފިލްމަށް މުގުރައެއް ނުލެވުނެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު 100 މިލިއަން ރުޕީސް ލިބުނެވެ. ނަމަވެސް "އުޅްތާ ޕަންޖާބު" އަކީ މުޅިން ކާމިޔާބު ފިލްމަކަށް ނުބެލެވުނެވެ.
ނަމަވެސް 87 މިލިއަން ލިބިގެން ވެސް "ޑިއާ ޒިންދަގީ" އަކީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. ސަބަބަކީ "އުޅްތާ ޕަންޖާބު" 2200 ސްކްރީނެއްގައި ރިލީޒްކުރިއިރު "ޑިއާ ޒިންދަގީ" ރިލީޒްކުރީ އެންމެ 1200 ސްކްރީނުގައި ކަމަށް ވާތީ އެވެ. ފިލްމު އަޅުވާފައި ވަނީ ބޮޑެތި މަލްޓީޕްލެކްސް ތަކުގައި އެކަންޏެވެ.
މިގޮތަށް އަމަލުކުރީ ގިނަ ސްކްރީންތަކުގައި އަޅުވައިފި ނަމަ ފިލްމު ބަލަން ނިސްބަތުން ވަންނަ މީހުން މަދުވާނެތީ އެވެ. މި ފިލްމުގައި ޝާހްރުކް ޚާން އުޅުނަސް އޭނާ ފެންނަނީ މަދު ވަގުތުކޮޅަކަށް ކަން ގިނަ ބަޔަކަށް އެނގެ އެވެ. އެހެންކަމުން ޝާހްރުކް ފޭނުން ވެސް މިފިލްމު ބެލުމަކަށް އެހާ ޝައުގުވެރިކަމެއް ނެތެވެ.
އަނެއްކޮޅުން "ޑިއާ ޒިންދަގީ" އަކީ ނިސްބަތުން ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ބަޖެޓު 22 ކްރޯޑު (220 މިލިއަން ރުޕީސް)ގައި އުޅޭއިރު ޕްރޮމޯޝަން އާއި އެނޫންވެސް ޚަރަދުތަކަށް އިތުރު 11 ކްރޯޑު (110 މިލިއަން ރުޕީސް) ދިޔަ އެވެ. ޝާހްރުކްގެ ފިލްމެއް މިހާ ކުޑަ ބަޖެޓު ފިލްމަކަށް ނުވާނެކަން އެންމެންނަށް ވެސް އެނގެ އެވެ. އޭނާގެ އެންމެ ފަހު ފިލްމު "ފޭން" އަކީ ވެސް 85 ކްރޯޑު (850 މިލިއަން ރުޕީސް)ގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ.
މިހާރު ލަފާ ކުރެވޭ ގޮތުން ހަފުތާއެއް ތެރޭ ޚަރަދު ބަޗައި "ޑިއާ ޒިންދަގީ" އަށް ފައިދާ ވާން ފަށާނެ އެވެ. އަދި މި ފިލްމަކީ މިއަހަރު ނުކުތް އާލިއާގެ އެންމެ ކާމިޔާބު ފިލްމަށް ވާނެކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ.