ފުރަހަނި ޝުއައިބު އެމްޑީޕީން ވަކިކޮށްފި
ފުރަހަނި ޝުއައިބު އެމްޑީޕީން ވަކިކޮށްފި

އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަަމަ އެ ޕާޓީ އަށް ސޮއިކުރި މީހުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެ ޕާޓީން ވަކިކޮށްފި އެވެ.

އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމު ވެސް ފުރުއްވާފައިވާ ޝުއައިބު ވަނީ މިދިޔަ މަހުގެ 7 ގައި އެމްޑީޕީން އޭނާ ވަކިކުރިކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ޝުއައިބް ވިދާޅުވީ އޭނާ ޕާޓީން ވަކިކުރީ ގިނަ ދުވަސްތަކެއް ވަންދެން އޭނާގެ މައްސަލަ ކޮމިޓީގައި އޮތުމަށް ފަހުގައި ކަމަށެވެ.

ޝުއައިބް ވިދާޅުވީ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރުކަމުން މިދިޔަ ސެޕްޓެމްބަރު މަހު އޭނާ ވަކި ކޮށްފައިވަނީ ޖަވާބުދާރީ ވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ޖަވާބުދާރީވުމަށް ކޮމިޓީއަށް އެކިފަހަރު މަތިން ހާޒިރުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕާޓީން ފޮނުވި ސިޓީއާ ހަވާލީ ޝުއައިބް "މިހާރަ"ށް ވިދާޅުވީ އެމްޑީޕީން އޭނާ ވަކިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކާޓޫނުތަކެއް ކުރަހައި ސޯޝަލް މީޑިއާގައި އާންމުކުރިކަމުގެ ތުހުމަތުގަ އާއި، ނިމިދިޔަ ކައުންސިލް އިންތިހާބުގައި ޕާޓީއާ ދެކޮޅަށް މަސައްކަތްކުރި މައްސަލައިގަ އެވެ.

މިދިޔަ ކައުންސިލް އިންތިހާބުގައި ޝުއައިބު ވަނީ މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމަށް ހޮވަން ތާއީދުކުރައްވާ ކަމަށް ހާމަކުރައްވައިފަ އެވެ.

އެމްޑީޕީން ޝުއައިބް ވަކިކުރުމާ ގުޅިގެން އެ ޕާޓީ އަށް އޭނާ އިއްޔެ ފޮނުވި ސިޓީގައި ވަނީ ޕާޓީގެ މެނިފެސްޓޯގައިވާ ސިޔާސަތުތަކާއި ވައުދުތަކާ ހިލާފަށް ޕާޓީގެ ރައީސާއި ކެންޑިޑޭޓުން އަމަލުކުރާ ވާހަކަ ދެއްކުމުގެ ހައްގު މެމްބަރުންނަށް ލިބިގެންވާ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން އޭނާ އެމްޑީޕީން ވަކިކުރި މައްސަލަ އެކަށީގެންވާ ވަރަށް ބަލައިފައި ނުވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އޭނާ ޕާޓީން ވަކިކުރީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރުމުން އެމްޑީޕީގެ އިދާރާ މުވައްޒަފުން މެދުވެރިކޮށް ޕާޓީގެ ރައީސް ހިންގަވާފައިވާ ޒާތީ ކަމެއް ކަމަށް ޝުއައިބް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ގުޅުމުން ފޯނަށް ޖަވާބު ދެއްވައިފައެއް ނުވެ އެވެ.