ބަޑީގެ ހަމަލާއެއްގައި ޕާކިސްތާނުގެ ބަތަލާ އެކު މަރާލައިފި
ބަޑީގެ ހަމަލާއެއްގައި ޕާކިސްތާނުގެ ބަތަލާ އެކު މަރާލައިފި

ޕާކިސްތާނުގެ ތިއޭޓާ އެކްޓަރެއް އެގައުމުގެ ޕަންޖާބު ޕްރޮވިންސްގެ ވެރިރަށް ލާހޯރުގައި ބަޑިޖަހާ މަރާލައިފި އެވެ.

ގިސްމަތު ބޭގަމް ކިޔާ މި ބަތަލާ ސްޓޭޖްގައި ޕާފޯމްކޮށްފައި ކާރުގައި ގެއަށް ދަނިކޮށް ބަޑި ހިފައިގެން ތިބި ބަޔަކު އޭނާއަށާއި ކާރު ޑްރައިވަރަށް ހަމަލާ ދިނީ އެވެ. ހުކުރު ދުވަހު ދިން މި ހަމަލާގައި ގިސްމަތުގެ ފަޔަށާއި ބަނޑަށް އަދި އަތަށް 11 ވަޒަން އަރާފައިވެ އެވެ.

ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ޒަޚަމްތަކުން ލޭ އޮހޮރުނުލެއް ގިނަކަމުން ގިސްމަތު ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަރުވެފަ އެވެ. ނަމަވެސް އޭނާގެ ޑްރައިވަރުގެ ހާލު ރަނގަޅުކަމަށްވެ އެވެ.

ގިސްމަތުއަށް ހަމަލާ ދިނީ އޭނާގެ ކުރީގެ ލޯބިވެރިޔަކު ކަމަށް އެ ގައުމުގެ ފުލުހުން ޝައްކު ކުރެ އެވެ. އަދި މިއީ ދުރާލާ ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށާއި ބަޑި ޖެހި މީހުން ގިސްމަތު ތިއޭޓަރުން ނުކުންނައިރެއްގެ އިންތިޒާރުގައި ފާރަޔަށް ތިބެފައި އޭނާ ކާރަށް އަރައި ދުއްވާލުމުން ފަހަތުން ގޮސް ބަޑިޖެހީކަމަށް ފުލުހުން ލަފާ ކުރެ އެވެ.

އަދި ގިސްމަތުގެ ޑްރައިވަރާ ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި ބަޑި ހިފައިގެން ތިބި މީހުންގެ ތެރެއިން އެކަކު ގިސްމަތުގެ ފަޔަށް ބަޑި ޖަހަމުން ދެން ނަށާކަށް ނުކެރޭނޭ ބުންޏެވެ. ގިސްމަތުގެ މަންމަ ބުނި ގޮތުގައި އެ އާއިލާއާ އެއްވެސް މީހަކާ ދުޝްމަން ކަމެއް ނޯވެ އެވެ.

މީގެ ކުރިން ވެސް ޕާކިސްތާނުގައި މިފަދަ ހާދިސާތައް ވަރަށް ގިނައިން ހިނގައި ވަރަށް ގިނަ ބަތަލާއިން މަރުވެފައިވެ އެވެ. މީގެ ތެރެއިން އެއް ބަޔަކު މަރާލީ އެމީހުން ކުރިން ރައްޓެހިވެގެން އުޅުނު މީހުން ބަދަލުހިފުމުގެ ގޮތުންނެވެ. އަނެއް ބަޔަކު މަރާލީ ތިއޭޓަރާއި ފިލްމުތަކުގައި މަސައްކަތްކުރާތީ އެކަމާ ދެކޮޅު އާއިލާގެ މީހުންނެވެ.