08 އޯގަސްޓް 2021 - 12:09

މާލޭގެ ބިއްލޫރިޖެހިގޭގައި އަލަށް ހުޅުވި ޕާކިން ޒޯންގައި ހުރި ސައިކަލުތަކަކަށް ރޭ ގެއްލުންދީފި އެވެ.
ފުލުހުން މިއަދު ބުނީ އެ ޕާކިން ޒޯންގައި ހުރި ސައިކަލުތަކެއްގެ މަޑި ފަޅާލަން މަސައްކަތް ކުރި ކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނީ ހެނދުނު 6:47 ގައި ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން 12 ސައިކަލަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅޭ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބަޔަކު މަސައްކަތް ކޮށްފައި ހުރީ ސައިކަލުތަކުގެ މަޑި މަތާލައިގެން ހުޅުވުމަށެވެ. މިހާތަނަށް އެއްވެސް ސައިކަލެއްގެ މަޑި ދަށުން އެއްޗެއް ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވޭތޯ ސުވާލު ކުރުމުން ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ބިއްލޫރިޖެހިގޭ ޕާކިން ޒޯނަކީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމާ ގުޅިގެން އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ސައިކަލު ޕާކު ކުރުން މަނާ ކުރުމަށް ފަހު ހުޅުވި ޕާކިން ޒޯނެކެވެ.
މީގެ އިތުރުން މަޖީދީ މަގުގެ ސިީކްރެޓް ރެސިޕީ ހުންނަ ހިސާބުން ފެށިގެން އަލިކިލޭގެފާނުމަގާ ހަމައަށް ވެހިކަލް ޕާކް ނުކުރެވޭ ގޮތަށް ހެދުމުން އެ ސަރަހައްދުގެ ގިނަ ސައިކަލުތައް ވެސް ޕާކު ކުރަނީ ބިއްލޫރިޖެހިގޭ ޕާކިން ޒޯނުގަ އެވެ.