08 އޯގަސްޓް 2021 - 12:04

ކޮވިޑުގެ ބަލިމަޑުކަމުން ސަލާމަތް ކޮށްދެއްވުން އެދި ގުނޫތު ނާޒިލާ ކިޔުން، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ މިސްކިތްތަކުގައި ހުއްޓާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނީ، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ބޮޑެތި ފިޔަވަޅުތަކަށް ލުއިތައް ދެމުން އަންނަ އިރު، މޮނިޓަރިންގައި ނެތް ރަށްރަށުގައި ގުނޫތު ނާޒިލާ ކިޔުން ރޭގެ ފަތިސް ނަމާދުން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
ގުނޫތު ނާޒިލާ ކިޔުން މި ވަގުތަށް ހުއްޓާލި ނަމަވެސް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކޮށް، ސުންނަތް ނަމާދު ގިނަކުރުމާއި ގުރުއާން ކިޔަވައި، ކޮވިޑްގެ ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށާއި ގައުމުގެ އިގުތިސޯދީ ހާލަތު ރަނގަޅު ކޮށްދެއްވުމަށް ގިނަގިނައިން ދުއާކުރުމަށް އިސްލާމިކް މިނިސްޓްރީން ވަސިއްޔަތްކޮށްފައި ވެ އެވެ.
ކޮވިޑުގެ ހާލަތު އެންމެ ގޯސްކޮށް އުޅުނު މާލެ ސަރަހައްދުގައި ބަލި އެއްކޮށް ވަނީ ކޮންޓްރޯލްކުރެވިފަ އެވެ. އެހެންވެ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އަޅާފައިވާ ހުރިހާ ފިޔަވަޅެއް ކަހަލަ ގޮތަކަށް އުވާލައި، ދަތުރުކުރުމުގައި ވެސް ބޮޑެތި ލުއިތަކެއް ދީފައި ވެ އެވެ.
މާލެ ސަރަހައްދުގައި ވެސް މިސްކިތްތަކުގައި ޖަމާއަތުގައި ގައިދުރުކޮށް ނަމާދުކުރުމާއި ގުނޫތު ނާޒިލާ ކިޔުން މިހާރު ވަނީ ހުއްޓާލައިފަ އެވެ.