08 އޯގަސްޓް 2021 - 11:14

ސެވީލް، ސްޕެއިން (އޮގަސްޓް 8) - ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗެއްގައި، އޭއެސް ރޯމާގެ ތިން ކުޅުންތެރިންގެ އިތުރުން އެ ޓީމުގެ ކޯޗް ހޯޒޭ މޮރީނިއޯ އަށް ވެސް ރަތް ކާޑު ދައްކައިފި އެވެ.
އެކުވެރި ކަމުގެ މެޗެއް ނަމަވެސް މޮރީނިއޯ ހުރީ ހޫނުވެފަ އެވެ. ރޯމާގެ ލޮރެންޒޯ ޕެލެގްރިނީ އަށް ރަތް ކާޑު ދެއްކުމުން އެކަމާ ހިތްހަމަ ނުޖެހި މޮރީނިއޯ ދަނޑަށް އެރި އެވެ. ދަނޑު މަތީގައި ހުއްޓައި ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައިފަ އެވެ.
ބެޓިސްގެ ބެނީޓޯ ވިޔާމަރީން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ލޮރެންޒޯ އާއި މޮރީނިއޯ އަށް ރަތް ކާޑު ދެއްކިއިރު މެޗުގެ ނަތީޖާ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އޭގެ ފަހުން ރޯމާގެ ޖިއާންލުކާ މަންޗިނީ އާއި ރިކް ކާސްޑޮޕް އަށް ރަތް ކާޑު ދެއްކުމުން ރޯމާގެ ކުޅުންތެރިންގެ އަދަދު އަށް ކުޅުންތެރިންނަށް މަދުވި އެވެ.
އޭގެ ފައިދާ ނަގައި ބެޓިސް އިން ވަނީ 5-2 އިން މެޗު ކާމިޔާބުކޮށްފަ އެވެ.