ވަގުފު ބިލްޑިން އަންނަ މަހު ހުޅުވަނީ
ވަގުފު ބިލްޑިން އަންނަ މަހު ހުޅުވަނީ

ވަގުފު ފަންޑަށް ފައިސާ ހޯދަން މަޖީދީ މަގު މާފަންނުކޮޅުގައި އެޅި ނުވަ ބުރީގެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެ އިމާރާތް ހުޅުވާނެކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި އިމާރާތަށް ދައުލަތުގެ ބަޖެޓުން 24 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މި އިމާރާތުގެ މަސައްކަތްތައް ހަވާލުކުރީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އަހުސަން ވިދާޅުވީ ވަގުފު ބިލްޑިންގެ ތިން ބުރި ފިނޭންސް މިނިސްޓްރީ އަށް އަދި ފަސް ބުރި މޯލްޑިވިއަން އަށް ދޫކޮށްފައިވާ ކަމަށެވެ. ބާކީ އިން ބުރި އެއްވެސް އިދާރާއަކަށް އަދި ކުއްޔަށް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބިލްޑިން ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް ވަގުފު ފަންޑަށް 5.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މާލެ އާއި ރަށްރަށުގައި މިސްކިތް އިމާރާތްކޮށް، އެ ތަންތަން މަރާމާތުކުރުމަށް ފައިސާ ހޯދަން އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ ވަގުފު ފަންޑުގެ ތެރެއިން، ރާއްޖޭގެ އެކި ހިސާބުތަކުގައި ވަގުފު ބިލްޑިންތައް ގާއިމްކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.