08 އޯގަސްޓް 2021 - 09:00

ލަންޑަން (އޯގަސްޓް 8) - މެންޗެސްޓާ ސިޓީގެ ޖޯޒީގައި ޖެކް ގްރިލިޝް ކުޅުނު މެޗު، ސިޓީ އަށް ނާކާމިޔާބުވީ މެޗުގެ ފަހު ވަގުތުގައި ކަލޭޗީ އިހަނާޗޯ ލެސްޓާ ސިޓީ އަށް ޖަހައިދިން ޕެނަލްޓީންންނެވެ.

މިއީ ބައިގަރުނަށް ފަހު ލެސްޓާ އިން އިނގިރޭސި ކޮމިޔުނިޓީ ޝީލްޑް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މެޗު 1-0 އިން ލެސްޓާ އަށް ކާމިޔާބު ވުމުގައި ތަފާތަކަށްވީ އިހަނާޗޯ ޖެހި ޕެނަލްޓީ އެވެ. އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިޔުނިޓީ ޝީލްޑް، ލެސްޓާ އިން ކާމިޔާބު ކުރި މިއީ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ކޮމިޔުނީޓީ ޝީލްޑް އެ ޓީމު ކާމިޔާބު ކުރީ 1971 ގައި ލިވަޕޫލް 1-0 އިން ބަލި ކުރުމަށް ފަހު އެވެ.
ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ގްރިލިޝް ކުޅެން ނުކުތުމުން ހުރިހާ އެންމެންގެ ސަމާލުކަން ލިބުނީ އޭނާ އަށެވެ. ސިޓީގެ ޖޯޒީގައި އޭނާ ކުޅެން ނުކުތީ އިނގިރޭސި ކުޅުންތެރިޔަކު ކްލަބު ބަދަލު ކުރި އެންމެ އަގުބޮޑު ބޮޑު ޓްރާންސްފާ ހެދިތާ 72 ގަޑިއރު ވެސް ނުވަނީހެވެ. ގްރިލީޝްގެ ޓްރާންސްފާ އަށް 139 މިލިއަން ޑޮލަރު އެސްޓަން ވިލާ އަށް ދޭން ސިޓީން ވަނީ އެއްބަސްވެފަ އެވެ.
މެޗުގައި ސިޓީގެ އެހެން ކުޅުންތެރިޔަކު ލެސްޓާގެ ގޯލަށް ނުރައްކާ ކުރި ވަރަށް ވުރެ ބޮޑަށް ގްރިލީޝް ވަނީ ނުރައްކާ ކޮށްފަ އެވެ. ނަމަވެސް ސިޓީގެ ޖޯޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗު ހިތްދަތި ގޮތަކަށް ނިމިގެން ދިޔައީ ސިޓީގެ ޑިފެންޑަރު ނަތަން އަކޭ، އިހަނާޗޯ އަށް ފައުލް ކުރުމުން ދިން ޕެނަލްޓީންނެވެ. މެޗުގެ އެންމެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީ އިހަނާޗޯ ވަނީ ސިޓީގެ ތިން ވަނަ ކީޕަރު ޒެކް ސްޓެފަަން ބެލެހެއްޓި ގޯލް ހުޅުވައިފަ އެވެ.
ސިޓީގެ ސްޓާ ޕްލޭޔަރުން ކަމަށްވާ، ކެވިން ޑިބްރޮއިނާ އާއި ފިލް ފޯޑެން ތިބީ ޔޫރޯގައި ކުރިމަތިވި އަނިޔާގަ އެވެ. އެ ޓީމުގެ އެހެން ކުޅުންތެރިން ޔޫރޯ އާއި ކޮޕާ އެމެރިކާގެ ފަހު ސްޓޭޖުގައި ކުޅެފައި ވުމުން އެ ކުޅުންތެރިންނަށް ވަނީ ޗުއްޓި ހޭދަކުރުމުގެ ފުރުސަތު ދީފަ އެވެ.