28 ނޮވެމްބަރ 2016 - 06:44

މުނިކާފަ ކިޔާފައިވާ ރޮން ޝެޕާޑް މިހާރު ދަނީ ނުވަ ވަނަ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ރޮން މިފަހަރު ކައިވެނި ކުރަނީ އޭނާއަށް ވުރެ 42 އަހަރު ހަގު މީހަކާ އެވެ. އިނގިރޭސި ވިލާތުގެ މީހުންގެ ތެރެއިން އެންމެ ގިނަ ކައިވެނި ކުރި މީހާގެ ރެކޯޑް ރޮން މިހާރު ވަނީ ގާއިމުކޮށްފަ އެވެ. ރޮން ބުނަނީ މި ފަހަރު އޭނާއަށް ލިބިފައި ވަނީ އެންމެ ރަނގަޅު ބައިވެރިޔާ ކަމަށެވެ. އަދި މިއީ އެންމެ ފަހު ކައިވެނި ކަމަށާއި މަރުވަންދެން މި ކައިވެނީގައި ދެމިހުންނަން އޭނާ ބޭނުންވެ އެވެ.

ރޮންގެ އަށް ކައިވެނި ރޫޅިފައި ވިޔަސް ބުނަނީ އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާ ކަމަށެވެ. މި އުފާވެރި ކަމުގެ ސިއްރަކީ، ކައިވެނިކުރަން އުޅޭ ފިލިޕީންސަށް އުފަން އަންހެން މީހާ އެވެ.

ރޮން، 68، ބުނަނީ ވާން އުޅޭ އަންހެނުން ކްރިސްޓަލް މާކުއޭޒް، 26، އިނގިރޭސި ވިލާތަށް އައުމުން ރަށުތެރެ ދައްކާލުން ފިޔަވައި މާ ގިނަ ކަންތައްތަކެއް ނުކުރާ ކަމަށެވެ.
ވާން އުޅޭ އަނބިމީހާ ބަލާ ގޮސް ހީތުރޯ އެއާޕޯޓުގައި ރޮން ހުރިއިރު އެއް އަތުގައި މާބޮނޑިއެއް އަނެއް އަތުގައި ފެރޭރޯ ރޯޗާ ޗޮކްލެޓް ފޮއްޓެއް އޮތެވެ. އޭނާ ބުނާނީ ލޯތްބަށް ކާމިޔާބު ލިބޭނެ ކަމަށާއި އުމުރަކީ ހަމައެކަނި ނަންބަރެއް ކަމަށެވެ.
"މީހުން ބުނަނީ މިހާ ޅަ ކުއްޖަކާ ކައިވެނިކުރާތީ އަހަންނަކީ ވަރަށް ހިތްވަރުގަދަ މީހެކޭ. ސާޅީސް އަހަރު ހަގު މީހަކާ ކައިވެނި ކުރުމަކީ ކޮންމެހެން ހިތްވަރުގަދަކަމުން ކުރާ ކަމެއް ނޫން. ނުވަ މައިދައިތައިން ތިބުމަކީ މާ ހިތްވަރުގަދަކުރަން ޖޭހޭނެ ކަމެއް،" ރޮން ބުނެފައިވެ އެވެ.
ކައިވެނިކުރަން އުޅޭ އަންހެން މީހާއާ މި ބައްދަލުވީ ކުރިން ފިލިޕީންސުން ބައްދަލުވެ ކައިވެނިކުރަން އެއްބަސްވުމަށް ފަހުގަ އެވެ. ރޮންގެ އަށް ވަނަ ކައިވެނި އޭރު ނިމުކަށް ނާދެ އެވެ. އަދިވެސް ކޯޓުގައި މައްސަލަ ހިނގަމުންދާތީ ރޮން އަކީ އަށް ވަނަ އަށް ކައިވެނިކުރި މީހާގެ ފިރިމީހާ އެވެ. ރޮންގެ އަށް ވަނަ އަނބިމީހާ ވެންގް ޕްލެޓީނޯ އަކީ ނަރުހެކެވެ.
ޕާކިންސަންސް ޑިޒީޒްގެ ސަބަބުން ތުރުތުރު އެޅުމެއް ހުއްޓަސް ރޮންގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. ރޮން ބުނަނޯ ކްރިސްޓަލްއަކީ އޭނާގެ އަބަދުގެ އަބަދަށް ވެސް އަނބިމީހާ ކަމަށާއި އެކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.
އުމުރުން 68 އަހަރުވެފައިވާ ބަލި މީހެއްގެ އިތުރުން އަށް ފަހަރަށް ކައިވެނިކޮށް ވަރިވެފައިވާ މީހަކާ ކައިވެނިކުރަނީ ކީއްކުރަންތޯ ކްރިސްޓަލްއާ ސުވާލުކުރާ މީހަކު ދެކެ ވެސް އޭނާ ރުޅިއައިސްގެން އެއްޗެހި ގޮވަ އެވެ. އޭނާ ބުނަނީ އިނގިޜޭސި ވިލާތަށް ދިޔައީ ޕާސްޕޯޓެއް ބޭނުންވެގެން ނޫން ކަމަށެވެ. އަދި ރޮންގެ ކިބައިން ނާޖައިޒު ފައިދާއެއް ހޯދަން ވެސް ނޫން ކަމަށެވެ.
ރޮން އާއި ކްރިސްޓަލް ފުރަތަމަ ބައްދަލުވީ ރޮންގެ ހަތް ވަނަ އަނބިމީހާ ވޭން އާއެކު ތައިލެންޑްގައި ދިރިއުޅެނިކޮށެވެ. ކްރިސްޓަލް އަކީ ވޭން ގެ ރައްޓެއްސެކެވެ. އަދި އޭރު ރޮން އާއި ވޭން އަދި ކްރިސްޓަލް ވަރަށް ގިނައިން އެކުގައި ބޭރަށް ގޮސް އުޅުނެވެ. ނަމަވެސް ކްރިސްޓަލް އާއި ރޮންގެ ގުޅުން ކެނޑުނީ ވޭން ވަރިކުރި ހިސާބުންނެވެ. އޭގެ ފަހުން މިދިޔަ އަހަރު ރޮން ވަނީ އޭނާގެ އަށް ވަނަ އަނބިމީހާ ވެންގްއާ ކައިވެނިކޮށްފަ އެވެ. މާ ގިނަ ދުވަހެއް ނުވެ އޭނާ ވެސް ވަރިކުރާ ހިސާބަށް ދިޔައީ އެވެ.
ރޮން އަކީ ހަނދާން ނެތޭ ބަލި ވެސް ކޮންމެވެސް ވަރަކަށް ހުންނަ މީހެއް ކަމަށާއި އޭނާއަށް ދެން އެންމެ ގިނަވެގެން ވެސް ދުނިޔޭގައި ހުރެވޭނީ ތިން އަހަރެއްހާ ދުވަހު ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ރޮން ބުންޏެވެ. އެހެންކަމުން ކްރިސްޓަލްއާ ކައިވެނިކޮށް އޭނާގެ ބަލަދުވެރިއަކަށް ކްރިސްޓަލް ހަދަން ރޮން ވަނީ ގަސްތުކޮށްފަ އެވެ.
ރޮން ފުރަތަމަ ކައިވެނިކުރީ 1966 ގައި މާގްރެޓް ކިޔާ މީހަކާ އެވެ. މި ދެ މީހުންނަށް ތިން ކުދިން ލިބިފައި ވެއެވެ. އަދި ކައިވެންޏަށް ދެ އަހަރު ފުރުނުތާ ވަނީ ވަރިވެފަ އެވެ. ރޮން ބުނަނީ މާގްރެޓްއަކީ ވަރަށް ރަނގަޅު އަންބެއް ކަމަށާއި ގިނަ ދުވަހު އެކުގައި ނޫޅެވުނީތީ ލަދުވެތިވާ ކަމަށެވެ. މި ކައިވެނިތަކަށް 10 ދަރިން ލިބިފައިވެ އެވެ.