07 އޯގަސްޓް 2021 - 13:40

ބަރަހަނާ ހާލުގައި އުޅެނިކޮށް މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފިރިހެނަކު ދޫކޮށްލުމުން އަނެއްކާ ވެސް ބަރަހަނާކޮށް ހުރެ މިއަދު މާލޭގެ މަގުމައްޗަށް ނުކުމެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަގުމަތީގައި ފިރިހެނަކު ބަރަހަނާ ހާލުގައި އުޅެމުންދާ ކަމުގެ މައުލޫމާތު ހެނދުނު 11:00 ހާއިރު ލިބުމުން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ މީހާ ގެއަށް ވަދެފައިވާ ކަމަށެވެ.
"އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ފަހުން މީޑިއާގައި ބުނީ، އެ މީހާގެ ހާލަތު ދެނެގަތުމަށްޓަކައި އެހެނިހެން ކަންކަން ބެލުމަށް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މީހާ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް އެންމެ ފުރަތަމަ ގެންދިޔައީ ލޮނުޒިޔާރަތް މަގުގައި ހުންނަ މާ ވިއްކާ ފިހާރައެއްގެ ޕޭވްމަންޓް މަތީގައި ބަރަހަނާ ހާލުގައި އޮއްވަ އެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭރު ވެސް ފުލުހުން ބުނެފައި ވެ އެވެ.