ކޮވިޑް-19: އަލަށް ޕޮޒިޓިވްވި 131 މީހުންނާއެކު ރާއްޖޭގެ ޖުމުލަ 78،000 އަށް އަރައިފި
ކޮވިޑް-19: އަލަށް ޕޮޒިޓިވްވި 131 މީހުންނާއެކު ރާއްޖޭގެ ޖުމުލަ 78،000 އަށް އަރައިފި

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 131 މީހަކު ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވެ، މިހާތަނަށް އެ ބަލި މީޙުންގެ ޖުމުލަ އަދަދު 78،130 އަށް އަރައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 ޖެހުމާ ހަމައަށް ނެގި 5،198 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 131 މީހެކެވެ. އޭގެ ތެރެއިން 2،830 ސާމްޕަލް ނެގީ މާލެ، ވިލިމާލެ އަދި ހުޅުމާލެ އިން ކަމަށް ވާއިރު މާލެ ސަރަހައްދުން މިދިޔަ 24 ގަޑިއިރު އެ ބައްޔަށް ޕޮޒިޓިވްވީ 21 މީހެކެވެ.

އެހެން ދުވަސްތަކެކޭ އެއްގޮތަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނީ މާލެ ފިޔަވައި އެހެން ރަށްރަށުންނެވެ. މީހުން ދިރިއުޅޭ އެހެން ރަށްރަށުން 92 މީހަކަށް އަލަށް ކޮވިޑް ޖެހުނުއިރު ރިސޯޓުތަކުން 18 މީހަކަށް އެ ބަލި ޖެހުނެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު ކޮވިޑް ބަލި ތަހައްމަލު ކުރަނީ 2،543 މީހެކެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯދަނީ 24 މީހެކެވެ.

ރާއްޖޭގެ ކޮވިޑުގެ ހާޅަތު ރަނގަޅުވެފައި ވާތީ އެޗްޕީއޭ އިން އިއްޔެ ވަނީ އިތުރު ލުއިތަކެއް ދީފަ އެވެ. އެގޮތުން އާންމު އުސޫލުތަކާ އެއްގޮތަށް ރެސްޓޯރަންޓުތައް ހުޅުވަން ހުއްދަ ދިނުމާއި އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތް ކުރަން ހުއްދަ ދިނުމާއި ހަފުލާތަކަށް ބޭނުން ވަރަކަށް މީހުން ވެއްދުން ހިމެނެ އެވެ.