06 އޯގަސްޓް 2021 - 22:19

ޕެރިސް (އޯގަސްޓް 6) - ލިއޮނެލް މެސީ ޓްރާންސްފާ އާ މެދު ޕީއެސްޖީން ބަލަމުންދާ ކަމަށް، އެ ޓީމުގެ ކޯޗް މުއުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.
އެފްސީ ބާސެލޯނާއާ އެކު މެސީ އަށް ކުރިއަށް ނުދެވޭނެކަން އެ ކްލަބުން އިއުލާން ކުރި ހިސާބުން، މެސީ ބަދަލު ވާނެ ކަމަށް ލަފާ ކުރި ކްލަބުތަކުގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ ހިމެނެ އެވެ. ނަމަވެސް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ މެސީއާ މެދު ޕީއެސްޖީން ނުވިސްނާ ކަމަށެވެ.
ގާޑިއޯލާ ބުނީ، ސިޓީން ޖެކް ގްރިލީޝް އަށް 100 މިލިއަން ޕައުންޑް ދީފައި ގެނައީ އޭނާ އަށް 10 ނަންބަރު ޖޯޒީ ދިނުމަށް އެއްބަސްވުމަށް ފަހުގައި ކަމަށެވެ. ގާޑިއޯލާ ބުނީ ބާސާއާ އެކު މެސީ ކުރިއަށްދާނެ ކަން އޭނާ އަށް ގަބޫލު ކުރެވޭ ކަމަށެވެ.
ޕީއެސްޖީން މިއަދު ކުރިއަށް ގެންދިޔަ ޕްރީ ސިޒަން ޕްރެސްގައި، ކޯޗް ޕޮޗެޓީނޯ އަށް އެންމެ ގިނައިން ސުވާލު އަމާޒުވީ މެސީއާ ބެހޭގޮތުންނެވެ.
"މި ލެވަލްގެ ކުޅުންތެރިޔަކާ ބެހޭގޮތުން ވާހަކަ ދައްކާއިރު އެ ވާހަކަ ޕާސް ކުރަން ޖެހޭ ވަގުތާއި ހާލަތްތަކެއް ހުންނާނެ. ނުވަތަ ނުހެރެވެސް ދާނެ،" އާޖެންޓީނާ އަށް ނިސްބަތްވާ ކޯޗު ބުންޏެވެ. "ކްލަބު ދަނީ މަސައްކަތް ކުރަމުން. އަހަރެމެން މިދަނީ ހުރި ހުރިހާ ފުރުސަތެއް ބަލައި އެނަލައިޒް ކުރަމުން. އޭގެ ތެރެއިން އެއް ކަންތައް މިއީ (މެސީގެ ކަންތައް)."
ބާސެލޯނާގެ ލޯކަލް ވާދަ ވެރިޔާ އެސްޕަންޔޯލް އަށް ކުރިން ކޯޗު ކޮށްދިން ޕޮޗެޓީނޯ ބުނީ، މެސީ އާއި ބާސާއާ ދެމެދު އިއްޔެ ކަންތައް މެދުވެރިވި ގޮތް އޭނާ އަށް ވަރަށް ރަނގަޅަށް ސާފުވެފައިވާ ކަމަށެވެ.
ކިލިޔަން އެމްބާޕޭ، ޕީއެސްޖީ ދޫކޮށްލަން އުޅޭކަމުގެ ވާހަކަތައް ވަނީ ދެކެވިފަ އެވެ. އެމްބާޕޭގެ ރިޕްލޭސްމެންޓަކަށް މެސީ ވެދާނެތޯ ސުވާލު ކުރުމުން ޕޮޗެޓީނޯ އިތުބާރު އެކު ޖަވާބު ދިނީ އެހެން ނުވާނެ ކަމަށެވެ.
ޓްރާންސްފާގެ ޚަބަރުތައް ބުނާ ގޮތުން ޕީއެސްޖީން ދަނީ އެމްބާޕޭ ޓީމުގައި ބަހައްޓައިގެން މެސީ ވެސް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.