06 އޯގަސްޓް 2021 - 21:35

މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މީހުންނަށް ފިލަން އެހީތެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު ދޫކޮށްލައިފި އެވެ.
ނަޝީދަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައިފާތިހު ހައްޔަރު ކުރީ މެއި 20 ވަނަ ދުވަހުގެ ރޭ ބ. ދަރަވަންދޫންނެވެ. ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި އޭނާގެ މައްޗަށް ދައުވާ ކުރެވޭ ވަރަކަށް އަދި ހެއްްކެއް ނެތެވެ. އެހެންކަމުން ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޕީޖީން ދައުވާ ނުކުރަން ނިންމާފައިވާތީ ފާތިހު ދޫކޮށްލާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާ މިހާރު ވަނީ އަލުން ދަރަވަންދޫ އަށް ފުރައިފަ އެވެ.
ހަރުކަށި ފިކުރުގެ މީހެއް ކަމަށް ތުހުމަތު ކުރެވޭ ފާތިހަކީ މީގެ ކުރިން ފުލުހުންގެ އިންޓެލިޖަންސްގައި މަސައްކަތް ކުރި މީހެކެވެ. އެ ވަޒީފާ އިން އޭނާ ވަކިވީ އަމިއްލައަށެވެ. އޭގެ ފަހުން ކެބިން ކްރޫއެއް ގޮތުގައި ވެސް އޭނާ މަސައްކަތް ކުރި އެވެ.
އޭނާ ބަންދު އަޑުއެހުމެއްގައި މުޖުތަމައުއަށް ދޫކޮށްލިޔަސް އޭނާގެ ހަރަކާތްތައް ބެލޭނެ ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ގާނޫނުން ލިބިގެންވާ ކަމަށް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.