"ހިޔާ" ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން މާދަމާ އަލުން ފަށަނީ
"ހިޔާ" ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން މާދަމާ އަލުން ފަށަނީ

ހިޔާ ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން މާދަމާ އަލުން ފަށާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން މިދިޔަ ހަފުތާގައި މެދުކަނޑައިލީ އެ ކަމުގައި އުޅުނު އެޗްޑީސީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ.

ނަމަވެސް އެ ކުންފުނިން މިއަދު ވަނީ އެ މަސައްކަތް އަލުން ފަށައިގެން ކުރިޔަށް ދާނެ ގޮތުގެ ތާވަލެއް އާންމުކޮށްފަ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން މާދަމާ އިން ފެށިގެން މި މަހު 18 އާ ހަމައަށް ކުރިއަށް ގެންދަން އެޗްޑީސީން ވަނީ ރާވައިފަ އެވެ. އެ މުއްދަތުގައި ސޮއިކުރާނީ ޓަވަރު އެޗް11، އެޗް14، އެޗް6، އެޗް8، އެޗް2، އެޗް7، އެޗް1 އަދި އެޗް3 އިން ފްލެޓް ލިބުނު މީހުންނާ އެކު އެވެ.

ހިޔާގެ 6،720 ފްލެޓު ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން މިދިޔަ މަހުގެ 14 ވަނަ ދުވަހު ފަށާފައިވާއިރު، އެޗްޑީސީން އަންނަނީ ކޮންމެ ދުވަހަކު ސޮއިކުރާނެ މީހުންގެ ލިސްޓު އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކުރަމުންނެވެ.

ފްލެޓު އެއްބަސްވުމުގައި ސޮއިކުރަން ފެށުމުގެ ކުރިން އެޗްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ފަސޭހަ އަދި ލުއި ގޮތެއްގައި ކުރިއަށް ގެންދިއުމަށް "ހިޔާ 7000" ގެ ނަމުގައި ޕޯޓަލެއް ހަދައި، އެ ޕޯޓަލް މެދުވެރިކޮށް އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން އެދިފަ އެވެ.