06 އޯގަސްޓް 2021 - 18:41

އަންނަ ހަފްތާ އިން ފެށިގެން ސަރުކާރު މުއައްޒަފުން އޮފީހަށް ހާޒިރުވެގެން މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ފަހު ސަރުކާރު އޮފީސްތަކުގެ ގިނަ މުވައްޒަފުން ގޭގައި މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ރައީސް އިއްޔެ ނެރުނު ދެންނެވުމުގައި ވަނީ އެ އުސޫލު ނިމުމަކަށް ގެނެސް އަންނަ އާދީއްތަ ދުވަހުން ފެށިގެން ހުރިހާ މުވައްޒަފުން ވެސް އޮފީސްތަކަށް ނުކުތުމަށް އަންގައިފަ އެވެ.
މުވައްޒަފުން އޮފީހަށް ނުކުތް ނަމަވެސް ސަރުކާރުން ބަޔާން ކޮށްފައިވާ އުސޫލުތަކާއި ހެލްތު ޕްރޮޓެކްޝަން އެޖަންސީގެ ގައިޑްލައިންތަކަށް އަމަލު ކުރަން ޖެހެ އެވެ.
އެގޮތުން ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއި ނުރަސްމީ ގަޑީގައި މުވައްޒަފުން މަސައްކަތް ކުރަން ނުޖެހޭ ގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުން ހިމެނެ އެވެ. އަދި ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ ނުރަސްމީ ގަޑީގައި އޮފީސް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ވެސް އެ ދެންނެވުމުގައިވެ އެވެ.
ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި، ނުރަސްމީ ގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައި ވެސް، އެންމެ ލަސްވެގެން ހަވީރު 4 ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުމަށް ވެސް ދެންނެވުމުގައިވެ އެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އެ ގޮތުގެ މަތީން ކުރިޔަށް ގެންދިޔުމާއި އޮންލައިންކޮށް ދެވެންހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެ ދެންނެވުމުގައި ބުނެފައިވެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ނޭދެވޭ އަސަރު ފޯރަން ފަށާފައިވާތީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.