06 އޯގަސްޓް 2021 - 14:59

މާލެ އަށް މިއަދު މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން، ސަލަ ތައި ރެސްޓޯރަންޓުގެ ގޯތިތެރޭގައި ހުރި ނިކަ ގަހެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މި ގަސް ވެއްޓިފައި ވަނީ އެ ރެސްޓޯރެންޓާ ޖެހިގެން ހުންނަ އަލް މަސްޖިދު މުހައްމަދު އިމާދުއްދީން (ރަން މިސްކިތް) ގައި މީހުން ހުކުރު ނަމާދު ކުރަން ތިއްބަ އެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގެ ފުރަގަސް މަގުގައި ހުންނަ ސަލަ ތައި ރެސްޓޯރަންޓުގެ ގޯތިތެރޭގައި ހުރި މި ނިކަ ގަހާ އެކު އެ ރެސްޓޯރެންޓުގެ ފާރުން ބައެއް ވެއްޓި، މަގުމަތީގައި ޕާކުކޮށްފައި ހުރި ހަތަރު ސައިކަލަކަށް ވަނީ ގެއްލުންވެފަ އެވެ. މި ގަހުގެ ބައެއް އެ ރެސްޓޯރަންޓުގެ ކުރިމަތީގައި ހުރި ގެއެއްގެ ފުރާޅު މައްޗަށް ވެއްޓި ވެސް ވަނީ ގެއްލުންވެފަ އެވެ.
މިއަދު ހެނދުނު 10 ޖެހިއިރުން ފެށިގެން މާލެ އަށް ވެހުނު ބޯ ވާރެ އާއި ގަދަ ވަޔާ އެކު މި ގަސް ވެއްޓުނުއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.
ގެއްލުން ލިބުނު ސައިކަލުތަކުގެ ތެރޭގައި އެ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ ސައިކަލުތަކާއި ހުކުރު ނަމާދަށް ދިޔަ ބައެއް މީހުންގެ ސައިކަލުތައް ވެސް ހިމެނެ އެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ 40 ވަރަކަށް އަހަރުގެ މީހަކު ކިޔައިދިން ގޮތުގައި، އެއީ އެ މީހުންގެ ކުޑަ އިރުއްސުރެ އެ ސަރަހައްދުގައި ހުންނަ ވަރަށް ދުވަސްވީ ގަހެކެވެ.
"އަހަރެމެން ހިސާބުގެ ރަމްޒު ތިއީ. އަހަރެމެން ކުޑައިރުއްސުރެ އެ ގަސް ހުރޭ،" އެ މީހާ ބުންޏެވެ.
މި ހާދިސާ ހިނގުމާ އެކު އެ ސަރަހައްދުގައި ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ. ވެއްޓިފައިވާ ފާރު ނެގުމުގެ މަސައްކަތް ކުރީ އެ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ބައެއް ބިދޭސީ މުވައްޒަފުންނެވެ. އަދި މިހާރު މާލޭ ސިޓީ ކައުންސިލުން އަންނަނީ އެ ގަސް އެތަނުން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.