އިސްލާމީ ނަޒަރުން ބަލާއިރު ކިޔުމުގެ މުހިންމުކަން
އިސްލާމީ ނަޒަރުން ބަލާއިރު ކިޔުމުގެ މުހިންމުކަން

ކިޔުމަކީ ދިރިއުޅުމުގައި އިންސާނާ ދަސްކުރާ ހުނަރުތަކުގެ ތެރެއިން ވަރަށް މުހިންމު ހުނަރެކެވެ. އެއީ ނަފްސަށް އުފާވެރިކަން ގެނެސްދިނުމާ އެކު ދިރިއުޅުން ކާމިޔާބު ކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އެއީ ޢިލްމާއި މަޢުރިފާ ތަރައްގީވެ އުންމަތްތައް ކުރިއަރައިދާން އެހީތެރިވާ ކަމެކެވެ. މި ސަބަބުތަކަށްޓަކައި އިސްލާމް ދީނުގައި ކިޔުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައިވެ އެވެ.

އިސްލާމް ދީނުގައި ކިޔުމަށް ދީފައިވާ އަހަންމިއްޔަތު އެންމެ ފާޅުކަން ބޮޑުކޮށް ހާމަވެގެންދަނީ ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ބާވާލެއްވުނު ލަފުޒަކީ "ކިޔާށޭ" ކަމަށް އޮތުމެވެ. އަދި އެންމެ ފުރަތަމަ ބާވާލެއްވުނު ފަސް އާޔަތުގެ ތެރޭގައި އެ ލަފުޒު ތަކުރާރު ކޮށްފައި ވުމެވެ. ކީރިތި ޤުރްއާނުގައި ލަފުޒެއް ނުވަތަ އާޔަތެއް ތަކުރާރު ކޮށްފި ނަމަ އެއިން ކޮންމެ ފަހަރަކު ވެސް އެއިން ތަފާތު އިޝާރާތެއް ދޭހަވާން އޮވެ އެވެ. މިގޮތުން "އިޤްރައު" ގެ ލަފުޒު ތަކުރާރުވާއިރު ވެސް އެއިން ދެބާވަތެއްގެ ކިޔުމަކަށް ނުވަތަ ކިޔެވުމަކަށް އިޝާރާތެއްވާ ކަމަށް ޢިލްމުވެރިން ވިދާޅުވެ އެވެ.

މިގޮތުން ފުރަތަމަ "އިޤްރައު" އާ ގުޅިފައި ވަނީ ﷲ ގެ އިސްމުފުޅުން ކިޔުމަށެވެ. ﷲ ގެ އިސްމުފުޅުން، ނުވަތަ ބިސްމި ކިޔައިގެން، ކިޔާ އެންމެ މުހިންމު ކިޔުމަކީ ﷲ ގެ ވަޙީ ނުވަތަ ޤުރްއާން ކިޔުމެވެ. ދެވަނަ "އިޤްރައު" އާ ގުޅިފައިވަނީ ﷲ ގެ ދީލަތިކަން ހާމަވާ ކަންކަމަކާ ބެހޭ ގޮތުން ކިޔުމަށެވެ. ﷲ ގެ ދީލަތިކަން ހާމަވެގެން ދަނީ މިކައުނުގައި އިންސާނުންނަށްޓަކައި އެކަލާނގެ ލައްވަވާފައިވާ އެންމެހާ ނިޢުމަތްތަކުންނެވެ. ވީމާ މި ނިޢުމަތްތަކާ ބެހޭގޮތުން ކިޔަން ޖެހެ އެވެ. ނަމަވެސް މި ދެ "އިޤްރައު" ވެސް އަނެއް "އިޤްރައު" އާ ވަކިން އެކަހެރި ވެގެން ނުވާނެއެވެ. ދެބާވަތުގެ ކިޔެވުމުގައި ވެސް އަނެއް ބާވަތް ހިމެނެން ޖެހޭނެ އެވެ.

ކިޔުމަށް އިސްލާމްދީނުގައި ދީފައިވާ އަހަންމިއްޔަތު ފާހަގަވެގެންދާ ދެވަނަ ކަމަކީ ޢިލްމު އުނގެނުމަށް ދީފައިވާ އަހަންމިއްޔަތެވެ. ކުރިންވެސް އިޝާރާތް ކުރި ފަދައިން ކީރިތި ޤުރްއާނުން ބާވާލެއްވުނު އެންމެ ފުރަތަމަ އާޔަތްތަކުގައި ކިޔުމަށް އަމުރު އައިސްފައިވުމުން އިސްލާމްދީނުގައި ޢިލްމު އުނގެނުމަށް ދޭ އަހަންމިއްޔަތު ހާމަވެ އެވެ. މީގެ އިތުރުން ޢިލްމު އުނގެނުމަށް އިންސާނާއަށް މަގުފަހިކޮށްދޭ އެންމެހާ ވަސީލަތްތަކުގެ ވާހަކަ ޤުރްއާނުގައި ބަޔާންކުރައްވާފައި ވުމުން އެ ވަސީލަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންޖެހޭނެކަން ހާމަވެ އެވެ. މިގޮތުން އައްނަޙްލު ސޫރަތުގެ 78 ވަނަ އާޔަތުގައި ﷲ އަންގަވަނީ "ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ ގޮތުގައިވާ ހާލު، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ ﷲ އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި ފެނުމާއި ހިތްތައް ލެއްވި އެވެ. އެއީ ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކައެވެ." މި ނިޢުމަތްތަކަށް ﷲ އަށް ޝުކުރުވެރި ވެވޭނީ ޢިލްމު އުނގެނުނީމަ އެވެ.

ޢިލްމަށް ދޭ އަހަންމިއްޔަތު ފާހަގަވާ އަނެއް ކަމަކީ ކޮންމެ ޢަމަލެއްގެ ކުރިއަށް އެ ޢަމަލަކާ ގުޅޭ ޢިލްމު ލާޒިމުކޮށްފައި ވުމެވެ. މިގޮތުން ﷲ ގެ އެއްކައުވަންތަކަން ގަބޫލު ކުރުމުގެ ކުރިންވެސް އެކަމުގެ ޢިލްމާ ނުލައި އެކަން ނުވެ އެވެ. އެހެންވެ ﷲ ކީރިތި ނަބިއްޔާ ﷺ އަށް ވަޙީ ކުރައްވަނީ "ﷲ މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ!" އެވެ. ޢިލްމާ ނުލައި ބަސްބުނުން އިސްލާމް ދީނުގައި މަނާކޮށްފައި ވުމުން ވެސް ޢިލްމަށް ދޭ އަހަންމިއްޔަތު އެނގެ އެވެ. މިގޮތުން އެކަމަކާ ބެހޭގޮތުން ތިމާއަށް ނޭނގޭ ކަންކަމުގެ ވާހަކަ ނުދެއްކުމަށް އަނަގްވާފައިވެ އެވެ. ސަބަބަކީ އިވުމާއި ފެނުމާއި ބުއްދި އަކީ އެއާ މެދު އިންސާނާ މަސްއޫލުވާން ޖެހޭ ކަންކަން ކަމަށް ވުމެވެ. (އަލްއިސްރާއު 36).

މި އިޝާރާތް ކުރި ކަންކަމުގެ އިތުރުން ވެސް ޢިލްމު އުނގެނުމަށް އިސްލާމް ދީން ބާރު އަޅާ މިންވަރު ހާމަވާ އެތައްކަމެއްވެ އެވެ. އޭގެ ތެރޭގައި ޢިލްމެއް ހޯދަން ނުކުންނަ މީހާ ޖިހާދެއް ކުރާ މީހަކާ އެއްވަރު ކުރުން ހިމެނެ އެވެ. އަދި ޢިލްމު އުނގެނޭ މީހުންނަށް މަލާއިކަތުންނާއި ހައިވާނުންނާއި މަސްމަހާމެހި ވެސް ހެޔޮދުއާ ކޮށްދޭނެ ކަމަށް އޮތުން ހިމެނެ އެވެ. ކޮންމެއަކަސް މިފަދަ ހުރިހާ ކަމަކުން އިސްލާމް ދީން އުނގެނުމަށް ބާރު އަޅާކަން ހާމަވާ ހިނދު، އުނގެނުމަށް އޮތް ވަސީލަތްތަކުގެ ތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ވަސީލަތަކީ ހަމަ ޔަގީނުންވެސް ކިޔުމެވެ. ވީމާ އުނގެނުމަށް އިސްލާމް ދީން ދޭ ކޮންމެ އަހަންމިއްޔަތަކީ ކިޔުމަށް ވެސް ދޭ އަހަންމިއްޔަތެއް ކަން ކަށަވަރެވެ.

އިސްލާމްދީނުގައި ކިޔުމަށް ދީފައިވާ އަހަންމިއްޔަތު ފާހަގަވެގެންދާ ތިންވަނަ ކަމަކީ ޢިލްމުވެރިންނަށް ދީފައިވާ މަތިވެރި ގަދަރެވެ. މިގޮތުން އެނގޭމީހުންނާއި ނޭނގޭ މީހުން އެއްވަރު ނުވާނެކަން ﷲ ބަޔާންކުރައްވާފައި ވެ އެވެ. (އައްޒުމަރު 9). އަދި އީމާންވީ މީހުންނާއި ޢިލްމުވެރިން ދަރަޖަތަކަކަށް ﷲ އުފުއްލަވާކަން ބަޔާންކުރައްވާފައިވެ އެވެ. (އަލްމުޖާދަލާ 11). އަދި ﷲ ގެ އެއްކައުވަންތަ ކަމަށް އެކަލާނގެ ހެކިވެވޮޑިގަންނަވާ ހިނދު، މަލާއިކަތުންނާ އެކީ ޢިލްމު ގެ އަހުލުވެރިން ވެސް އެކަމަށް ހެކިވާކަން ބަޔާންކުރައްވާފައިވެ އެވެ. (އާލްޢިމްރާން 18). އެއްވެސް ޝައްކެއް ނެތް ގޮތުގައި ޢިލްމުވެރިވުމަށް އޮތް އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ވަސީލަތަކީ ކިޔުމެވެ.

ކިޔުމަށް އިސްލާމް ދީނުގައި ދީފައިވާ އަހަންމިއްޔަތު ފާހަގަވާ ހަތަރުވަނަ ކަމަކީ އިސްލާމް ދީނުގައި ލިޔުމަށް ދީފައިވާ އަހަންމިއްޔަތެވެ. މިގޮތުން ގަލަމާއި އެގަލަމުން ލިޔާ ތަކެތި ގަންދެއްވައި ﷲ ވަޙީ ކުރައްވާފައިވެ އެވެ. (އަލްޤަލަމް 1). ގަލަމުގެ ނަމުގައި ސޫރަތެއް ޤުރްއާނުގައިވެ އެވެ. ވާރިދުވެގެންވާ ގޮތުގައި ﷲ އެންމެ ފުރަތަމަ ޚަލްޤު ކުރެއްވި އެއްޗަކީ ގަލަމެވެ. މިގޮތުން ގަލަން ޚަލްޤު ކުރައްވައި، އުޑުތަކާއި ބިންތަކާއި އެ ދެމެދުގައިވާ ވާހާ ތަކެތި އުފެއްދެވުމާއި އެ އެންމެހާތަކެއްޗާ ގުޅޭ މިންވަރު ކުރެއްވުންތައް ލިޔުމަށް އެކަލާނގެ ގަލަމަށް ވަޙީ ކުރެއްވި އެވެ.

ލިޔުމަށް އިސްލާމްދީން ބާރުއަޅާކަން ދޭހަވާ އަނެއް ކަމަކީ ބަދުރު ހަނގުރާމައިގައި އަސީރުންގެ ގޮތުގައި ހިފުނު މީހުން މިނިވަން ކުރުމަށް ފިދާއެއްގެ ގޮތުގައި މުސްލިމުންނަށް ލިޔެކިޔަން ދަސްކޮށްދިނުން ކީރިތި ރަސޫލާ ﷺ ހަމަޖެއްސެވުމެވެ. އަދި ވަޙީ ލިޔުއްވަން ކާތިބުން އެކަލޭގެފާނު ގެންގުޅުއްވުމުން ވެސް ލިޔުމަށް ބާރުއަޅާކަން ދޭހަވެ އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ލިޔުމާއި ކިޔުމަކީ ވަކިނުވާނެ ދެ އެއްޗެވެ. އެހެންކަމުން ލިޔުމަށް ދޭ ކޮންމެ އަހަންމިއްޔަތަކީ ކިޔުމަށްވެސް ދެވޭ އަހަންމިއްޔަތެކެވެ. މި ސަބަބަށްޓަކައި އަޞްޙާބު ބޭކަލުން ލިޔެކިޔުމަށް ވަރަށް ބޮޑަށް ފަރުވާތެރިވެ ވަޑައިގަތެވެ. މިގޮތުން ޙަސަންގެފާނު، އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޚްގެ ބޭފުޅުންނަށް އުނގެނުމަށް ނަސޭހަތް ދެއްވަމުން ހިތުދަސްކުރައްވަން އަދި އެކަން ނުވާނަމަ ލިޔުއްވުމަށް ބާރުއެޅުއްވި އެވެ.

ކިޔުމަށް އިސްލާމް ދީނުގައި މިފަދަ އަހަންމިއްޔަތެއް ދެނީ މިކަމުގައި ހުރި މަންފާތަކުގެ ބޮޑު ކަމުންނެވެ. މިގޮތުން ﷲ ގެ އެއްކައުވަންތަކަން ދެނެގަތުމާއި އީމާންކަން ފުރިހަމަ ކުރުމާއި ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލި ވެވޭނީ ކިޔައި އުނގެނި ދަސްކޮށްގެންނެވެ. ކައުނުގައި ﷲ ލައްވަވާފައިވާ އެންމެހާ ނިޢުމަތްތައް ދެނެގަނެވޭނީ އެކަންކަމާ ގުޅޭ ޢިލްމުތައް ދެނެގަތުމަށް ކިޔައި ދަސްކޮށްގެންނެވެ. އުންމަތްތައް ކުރިއަރައި ޙަޟާރާތްތައް ގާއިމު ކުރެވޭނީ އެކަމަށް ބޭނުންވާ ޢިލްމުތައް ދެނެގަތުމަށް ކިޔައިގެންނެވެ. އިންސާނުންގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފުވެ އުޅެވޭނީ އެކަންކަމާ ގުޅޭ މައުލޫމާތު ދެނެގަތުމަށްޓަކައި ކިޔައިގެންނެވެ. ދިރިއުޅުމުގެ ހަޔާތުގައި ދިމާވާ އެންމެހާ ކަންކަން ހައްލު ކުރެވޭނީ އެކަންކަމާ ބެހޭ މައުލޫމާތުތައް ދަސްކުރުމަށް ކިޔައިގެންނެވެ.

މީގެ އިތުރުން، ކިޔުމަކީ އަމިއްލައަށް ކަންކަން ދަސްކުރުމަށް ލިބޭ ވަރަށްބޮޑު ބާރެކެވެ. އަމިއްލައަށް ދަސްކުރުމަކީ އުނގެނުމުގައި މިޒަމާނުގައި އެންމެ ބާރުއަޅާ އެންމެ މުހިންމު މެތަޑު ނުވަތަ ގޮތެވެ. ކިޔުމަކީ އިންސާނާގެ ވިސްނުން ފުޅާވާ ކަމެކެވެ. ކިޔުމަކީ ބަހުގެ އެހެން ހުނަރުތައް ކަމުގައިވާ ލިޔުމާއި ވާހަކަ ދެއްކުމާއި އަޑުއެހުމުގެ ހުނަރުތައް ތަރައްގީވާނެ ކަމެކެވެ. ކިޔުމަކީ ކަންކަމުގައި އަމިއްލަ ނަފްސަށް ބަރޯސާވާން ދަސްވާނެ ކަމެކެވެ. ކިޔުމަކީ ވަގުތުގެ މުހިންމުކަން ތަސައްވުރުވެ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިނޫނަސް އެތައްއެތައް މަންފާއެއް ކިޔުމުގައިވެ އެވެ. އެހެންކަމުން އިސްލާމް ދީނުގައި ކިޔުމަށް ދީފައި މިވާ އަހަންމިއްޔަތަށް އިހުތިރާމުކޮށް ކިޔުމަކީ ތިމާ އެންމެ ގަޔާވާ ކަންކަމުގެ ތެރޭ ހިމެނޭ ކަމެއް ކަމުގައި ވޭތޯ މަސައްކަތް ކުރުން މުހިންމެވެ.