06 އޯގަސްޓް 2021 - 12:18

ހުޅުމާލޭގައި އަލަށް ހަދަމުން އަންނަ އޮރެންޖް ހިޔާ ކޮވިޑް ފެސިލިޓީގެ މަަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ހުޅުމާލޭ ބަލަހައްޓަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތް ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރަނީ، އެޗްޑީސީން ބުނިގޮތުގައި، ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމާއި ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުންނެވެ.
އެ ފެސިލިޓީގެ 41 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ޕާޓިޝަން މަސައްކަތާއި ޕެބްރިކޭޝަން މަސައްކަތާއި ކުލަލުމާއި ސީލިންގްގެ މަސައްކަތެވެ.
ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގްް އިއްޔެ ވިދާޅުވެފައި ވަނީ ކުރިން ތައްޔާރުކޮށްފައިވާ "އޮރެންޖް ހިޔާ" ފެސިލިޓީއަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ބޭނުންކުރާ ގިނަ ސާމާނު ވެސް އެތަނުގައި ބޭނުން ކުރާނެ ކަމަށެވެ.
"އޭގެ އިތުރަށް ބޭނުންވާ ބައެއް އެއްޗެހި ހޯދުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ދަނީ،" އޭނާ ވިދާޅުވި އެވެ.
އިތުރަށް ބޭނުންވާ ސާމާނާއި އެތަނަށް ދާއިމީ ސްޓާފުން ހޯދުމުގެ މަސައްކަތް ވެސް މިވަގުތު ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނުއިރު އޭރު ކޮވިޑަށް ފަރުވާދޭން ފެސިލިޓީއެއް ހެދީ ފަރުކޮޅުފުށީގަ އެވެ. އެކަމަކު ޖޫން މަހުގެ ތެރޭގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ހިދުމަތް ފެށި ފަހުން ވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ ބައެއް ވެސް ކޮވިޑަށް ހާއްސަކޮށްފަ އެވެ.
މި ވަގުތު ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް މަދުވެ ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު ވެސް ދަށްވި ނަމަވެސް ކުރިން ވަނީ އެޑްމިޓްކުރާ މީހުންގެ އަދަދު 280 އިން މައްޗަށް އަރައިފަ އެވެ.