07 އޯގަސްޓް 2021 - 08:02

ތަމަޅަ ޑައިރެކްޓަރު އެޓްލީއާ އެކު ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ޓީޒާ ޓްރެއިލާއެއް މި މަހުގެ 15 ގައި ދައްކާލަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ވާހަކަ އެކި މީހުން ޓްވިޓާގައި ވެސް ހިއްސާކުރަމުން އަންނަ އިރު، ބައެއް މީޑިއާތަކުން ބުނެފައި ވަނީ ޝާހްރުކް ޑަބަލް ރޯލެއް ކުޅޭނެ ކަމަށް ބުނާ ފިލްމުގެ ޕްރޮމޯ ޝޫޓްކޮށްފައި ވަނީ ވަރަށް ފަހުން ދުބާއީގައި ކަމަށާއި މިހާރު ތައްޔާރުވަނީ މި މަހުގެ 15 ގައި އެ އާންމުކުރަން ކަމަށެވެ.
އެޓްލީގެ ފިލްމެއް ޝާހްރުކް ކުޅެން އުޅޭ ވާހަކަ ދެކެވެނީ 2019 އިން ފެށިގެންނެވެ. އެކަމަކު މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް ޝާހްރުކާއި އެޓްލީ ވެސް ދައްކައިފައެއް ނުވެ އެވެ. މިދިޔަ މަހު މީޑިއާތަކުން ބުނީ މާސް އޯޑިއަންސް ގަޔާވާނެ ހުރިހާ ރަހައެއް ހެޔޮވަރުކޮށްގެން އެޓްލީ ހަދާ ފިލްމުގެ ބަތަލާގެ ރޯލަށް މިހާރު އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ނަޔަންތަރާ ހަމަޖައްސައިވާ ކަމަށެވެ.
ޓްވިޓާގައި ދައުރުވަމުން އަންނަ ވާހަކަތަކަށް ބަލާ އިރު، އެކްޝަން ޖޯންރާގެ މި ފިލްމުގެ ޝޫޓިން އަށް ޝާހްރުކް 180 ދުވަސް ދޭނެ އެވެ. އޭނާ މިހާރު އަންނަނީ ސިދާތު އާނަންދު ޑައިރެކްޓްކޮށް، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދަމުން އަންނަ "ޕަތާން" ގެ މަސައްކަތްކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ޝޫޓިން ނިންމާލައި ޝާހްރުކް ދެން ވަގުތު ދޭނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ހަދާ ސޯޝަލް ކޮމެޑީއަށެވެ. ބެލެވޭ ގޮތުން އެޓްލީއާ އެކު ޝާހްރުކް މަސައްކަތްކުރާ ފިލްމު ސިނަމާތަކަށް ގެންނާނީ 2023 ގަ އެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމަކީ ބެލުންތެރިންގެ މެދުގައި ސުމަކުން ދިޔަ 2018 ގެ "ޒީރޯ" އެވެ.
އެޓްލީގެ އެންމެ ފަހުގެ ފިލްމަކީ ދެކުނުގެ ސުޕަސްޓާރު ވިޖޭއާ އެކު ގެނެސްދިން 2019 ގެ "ބިޖިލް" އެވެ. އެ ފިލްމުގެ ބަތަލާ އަކީ ވެސް ނަޔަންތަރާ އެވެ.