06 އޯގަސްޓް 2021 - 10:58

ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އަދަދު އީދު ބަންދަށް ފަހު އިތުރުވުމަށް ފަހު އަނެއްކާވެސް މަދުވާން ފަށައިފި އެވެ.
އީދު ބަންދާ ދިމާކޮށް މިދިޔަ މަހުގެ މެދު ތެރޭގައި ކޮވިޑްގެ ފިޔަވަޅުތަކަށް ލުއި ދިންއިރު މޮނިޓަރިންގައި އޮތީ މަދު ރަށެކެވެ. އެކަމަކު އީދު ނިންމުން ފަހުން، މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ އަދަދު ކުއްލިއަކަށް އިތުރުވާން ފެށި އެވެ. އެގޮތުން މީގެ ދެ ދުވަހެއް ކުރިން ބަންދުކުރި ރަށްތަކުގެ އަދަދު ހުރީ 17 ގަ އެވެ.
ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނި ގޮތުގައި 8 ޖެހުމާ ހަމައަށް މޮނިޓަރިންގައި އޮތީ 14 ރަށެކެވެ. މީގެ ތެރެއިން ރ. ދުވާފަރު ފިޔަވައި ހުރިހާ ރަށެއް ވެސް މޮނިޓަރިންއަށް ގެނެސްފައި ވަނީ ޖުލައި މަހާއި އޮގަސްޓް މަހުގެ ތެރޭގަ އެވެ. ދުވާފަރުން ކޮވިޑް ބަލި ފެނި ރަށް ބަންދުކޮށްްފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.
ނުވަ ރަށެއް ޖުލައި މަހު ބަންދުކުރިއިރު އޮގަސްޓް މަހުގެ މިހާތަނަށް ހަތަރު ރަށެއް ބަންދުކޮށްފައިވާ ކަމަށް އެޗްއީއޯސީން ބުނެ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް ދަށްކުރެވި ވެކްސިން ފުރިހަމަކުރާ މީހުންނަށް ސަރުކާރުން އަންނަނީ ލުއި ދެމުންނެވެ. ވެކްސިން ފުރިހަމަކޮށް އާންމު ހާލަތަށް ރުޖޫއަވުމަށް މަސައްކަތް ކުރަމުން އަންނައިރު، ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓަށް، މި މަހުގެ ނިޔަލަށް، ވެކްސިން ފުރިހަމަކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.