އެމްބެސަޑާ ބްރޭންޑުގެ ވެޖެޓަބަލް ކްރީމް ބޭނުން ނުކުރަން އަންގައިފި
އެމްބެސަޑާ ބްރޭންޑުގެ ވެޖެޓަބަލް ކްރީމް ބޭނުން ނުކުރަން އަންގައިފި

ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އަންނަ އެމްބެސަޑާ ބްރޭންޑްގެ "ވެޖެޓަބަލް ކްރީމް" ނުވިއްކުމަށާއި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއްޔެ އަންގައިފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްބެސަޑާ ބްރޭންޑްގެ ވެޖެޓަބަލް ކްރީމް އުފެއްދުމުގައި "ލޯކަސްޓް ބީން ގަމް ބޭނުންކޮށްފައިވާ ކަމަށާއި އެކަމަކު އެ އިންގްރީޑިއަންޓް "އެތިލީން އޮކްސައިޑް" ކިޔާ ކެމިކަލަކުން ތަގައްޔަރުވެފައިވާ ކަމުގެ މައުލޫމާތު ޔޫރަފްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާ ކަމަށެވެ.

އެމްބެސަޑާ ބްރޭންޑްގެ ވެޖެޓަބަލް ކްރީމް ރާއްޖެ އެތެރެކޮށް ފައިވާތީ އެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ގެއްލުމުގެ މިންވަރު ބަލަމުން އަންނަ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

އެމްއެފްޑީއޭ އިން އަންގާފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކި ގޮތެއް އަންގަންދެން އެ ބްރޭންޑްގެ ވެޖެޓަބަލް ކްރީމް ނުވިއްކުމަށާއި ބޭނުން ވެސް ނުކުރުމަށެވެ.

ރައްކާތެރިކަމާ މެދު ސުވާލު އުފެދޭތީ އެމްއެފްޑީއޭ އިން މި ފަހުން ވަނީ ކުޑަކުދިންގެ ކާބޯތަކެތި އެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "މުޝީ" ބްރޭންޑްގެ ސިލިކޯން ސަކްޝަން ޕްލޭޓާއި ސިލިކޯން ސެނެޕް ކަޕް ނުވިއްކުމަށް ވެސް އަންގައިފަ އެވެ.