05 އޯގަސްޓް 2021 - 23:43

ބާސެލޯނާ (އޯގަސްޓް 5) - އެފްސީ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އަށް އެ ޓީމާ އެކު ކޮންޓްރެކްޓް ހެދެން ނެތް ކަމަށް ބާސާއިން އިއުލާން ކޮށްފި އެވެ.
ބާސާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ލަ ލީގާގެ ފައިނޭންޝިއަލް އޮނިގަނޑު އޮތް ގޮތުން މެސީ އަށް ބާސާއާ އެކު އެއްބަސްވުން ނުހެދޭނެ ކަމަށެވެ.
ބާސާއިން މިއަދު ހަމަޖައްސާފައި އޮތީ މެސީއާ އެކު އަލުން އެއްބަސްވުމެއް ހެދުމަށެވެ. މެސީއާ އެކު ބާސާއިން 2017 ގައި ހެދި ކޮންޓްރެކްޓް ޖޫން 30 ގައި ވަނީ ހަމަވެފަ އެވެ. އޭގެ ފަހުން މެސީ ހުރީ އެއްވެސް ކަލްބެއްގެ ކުޅުންތެރިޔެއްގެ ގޮތުގައެއް ނޫނެވެ.
"މި ހާލަތުގައި ކަންތައް މެދުވެރިވި ގޮތުން އެފްސީ ބާސެލޯނާގައި މެސީ މަޑު ނުކުރާނެ،" ބާސާގެ ވެބްސައިޓުގައި ބުނެފައި ވެއެވެ. "މި ދިމާވި ގޮތުން ދެ ފަރާތުން ވެސް އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރޭ."
ސްޕެއިންގެ ކުޅިވަރު ނޫސް މާކާއިން ބުނީ، އާ ކޮންޓްރެކްޓްގައި މެސީ ސޮއި ކުރުމަށް މިއަދު ހަމަޖައްސާފައި އޮތުމުން، މެސީގެ ބައްޕަ އަދި އޭނާގެ އެޖެންޓް ޖޯޖް މެސީ ވެސް ބާސެލޯނާ އަށް މިއަދު ދަތުރުކޮށް، ބާސާގެ ރައީސް ޔޮއާން ލަޕޯޓާއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށެވެ.
ބާސާ އަށް މެސީ ބަދަލުވީ އޭނާގެ އުމުރުން 13 އަހަރުގަ އެވެ. ބާސާގެ ސީނިއާ ޓީމަށް އޭނާ ކުޅެން ފެށީ 2004 ގަ އެވެ. ސީނިއާ ޓީމަށް 17 އަހަރު ވަންދެން ކުޅުމަށް ފަހު މެސީ ބާސާ ދޫކޮށްލާނެ އެވެ. އޭނާ ގެންދން ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީން ކުރިން ޝައުގުވެރިކަން ފާޅު ކުރި އެވެ.