ފިލްމް އެވޯޑްގެ ކުރިން ފިލްމް ފެސްޓިވަލެއް ބޭއްވުން މުހިއްމުތަ؟
ފިލްމް އެވޯޑްގެ ކުރިން ފިލްމް ފެސްޓިވަލެއް ބޭއްވުން މުހިއްމުތަ؟

ރާއްޖޭގެ ފިލްމީ ދާއިރާ އަށް މިހާރު ބަލާ ނަމަ، އެ ދާއިރާގެ މީހުންނަށް މިހާރު ދެ އެވޯޑެއް އަންނަނީ ދެމުންނެވެ. އެއީ ނެޝަނަލް ސެންޓަ ފޮ އާޓްސް (އެންސީއޭ) މެދުވެރިވެގެން ދެމުން އަންނަ ގައުމީ ފިލްމް އެވޯޑާއި މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) އިން ދޭ ފިލްމް އެވޯޑެވެ.

މި ދެ އެވޯޑަކީ މި ދާއިރާގެ ފަންނާނުން އަބަދު ވެސް އިންތިޒާރުކުރާ، އުންމީދު ކުރާ ދެ އެވޯޑް ހަފުލާ އެވެ.

ގައުމީ ފިލްމް އެވޯޑްސް 1993 ގައި ފެށިގެން އައި ގޮތަށް ބަލާ އިރު، އެވޯޑްގެ ކުރިން، އެވޯޑަށް ވާދަކުރާ ފިލްމްތަކަށް ހާއްސަކޮށްގެން ފިލްމް ފެސްޓިވަލެއް ބާއްވަ އެވެ. މީގެ ސަބަބުން އެވޯޑަށް ވާދަކުރާ ފިލްމްތައް ބަލާލުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެފައި އޮތެވެ.

އެވޯޑްގެ ކުރިން، ފިލްމް ފެސްޓިވަލެއް ބޭއްވުމުން އާންމުންގެ މެދުގައި ވެސް އެވޯޑަށް އޮންނަ ޝައުގުވެރިކަން އިތުރުވެ އެވެ.

ފިލްމީ ދާއިރާގެ މީހުން ވެސް އެކަން ފާހަގަ ކުރެ އެވެ.

އެހެން ނަމަވެސް މިހާރަކު އެވޯޑްގެ ކުރިން ފިލްމް ފެސްޓިވަލެއް ބާއްވާ ތަނެއް ނުފެ އެވެ. އެކަމަކު ރާއްޖޭގައި ފިލްމް އެވޯޑްސް މިހާރު ދޭ ގޮތަށް ބަލާ އިރު، ފެސްޓިވަލެއް ބޭއްވުން މުހިއްމު ކަމަށް ވަރަށް ގިނަ ބަޔަކު ދެކެ އެވެ. މި ދާއިރާގެ ގިނަ މީހުން ވެސް އެކަމަށް ތާއީދު ކުރެ އެވެ.

މިހާރު ފިލްމުތަކަށް އެވޯޑް ދެނީ ދެތިން އަހަރެއްގެ ފިލްމް އެއްކޮށްލައިގެން ކަމަށްވާތީ، އެ ފިލްމްތަކުގެ ހަނދާންތައް އާކޮށްލަން ވެސް ފެސްޓިވަލް މުހިއްމު ދައުރެއް އަދާ ކުރާނެ އެވެ. އަނެއްކޮޅުން ފިލްމްތަކަށް ލޯބި ކުރާ މީހުންނަށް ނުބެލި، ހުރި ފިލްމްތައް ބަލާލުމުގެ ފުރުސަތު ވެސް ފެސްޓިވަލެއް ބޭއްވުމުން އެބަ ތަނަވަސްވެ އެވެ.

ރާއްޖޭގައި ދޭ ފިލްމް އެވޯޑްތަކަށް ބަލާއިރު، އެވޯޑް އެއްވެސް ކެޓަގަރީއެއްގައި އާންމުންގެ ހިއްސާއެއް ނޯވެ އެވެ. ޖަޖުންގެ ޕެނަލުން އެވޯޑް ދޭން އެންމެ ހައްގު ބަޔަކީ ކޮން ބައެއްތޯ ކަނޑައެޅުމުން އެކަން ނިމުނީ އެވެ. އެކަމަކު ފެސްޓިވަލެއް ބާއްވާ ނަމަ، އެވޯޑަށް ވާދަކުރާ ފިލްމްތައް "ޖަޖުކުރުމުގެ" ފުރުސަތު އާންމުންނަށް ވެސް ލިބެ އެވެ. ރަސްމީ ޖަޖުންގެ ނިންމުން އެންމެ އިންސާފުވެރިތޯ ފިކުރުކޮށްލާނެ ފުރުސަތު އާންމުންނަށް ލިބެ އެވެ.

މާނައަކީ އެ ފިލްމަކީ އެވޯޑެއް ހައްގު ފިލްމެއްތޯ ނުވަތަ ފަންނާނަކަށް ލިބުނު އެވޯޑަކީ އޭނާ އަށް އެންމެ ހައްގު އެވޯޑެއްތޯ ވިސްނައިލާނެ ފުރުސަތު ފިލްމް ފެސްޓިވަލްގެ ތެރެއިން ބެލުންތެރިންނަށް އަމިއްލަ ނިންމުމުގެ ފުރުސަތު ލިބެ އެވެ.

އަނެއްކޮޅުން ފެސްޓިވަލް ކުރިން ވެސް ބާއްވާފައި ހުރީ ޓިކެޓް ވިއްކައިގެން ކަމަށްވާތީ، ފެސްޓިވަލަކީ، އެވޯޑް ހަފުލާ އިންތިޒާމު ކުރާ ބަޔަކަށް މާލީ ގޮތުން ވެސް ކޮންމެވެސް ވަރެއްގެ މަންފާއެއް ލިބޭނެ ކަމަކަށް ވާނެ އެވެ. އެހެންވެ ފެސްޓިވަލް ނުބާއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ވަގުތު ނެތިގެން ފެސްޓިވަލް ނުބޭއްވޭ ނަމަ އެއީ އަދި މުޅިން އެހެން މައްސަލައެކެވެ.

މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ބުނީ އެވޯޑަށް ވާދަކުރާ ފިލްމްތަކަށް ހާއްސަކޮށްގެން ފިލްމް ފެސްޓިވަލެއް ބޭއްވުން ވަރަށް ރަނގަޅު ކަމަށެވެ.

"މިހާރު އެވޯޑް މި ދެވެނީ ދެތިން އަހަރެއްގެ ފިލްމްތައް ބައިވެރިކޮށްގެން ކަމަށްވާތީ، ބައެއް ފިލްމްތަކުގެ މަތިން ހަނދާން ނެތިފައި ތިބުމަކީ ވެސް ވެދާނެ ކަމެއް. އެހެންވެ ފިލްމްތަކަށް ލޯބި ކުރާ މީހުންގެ އިތުރަށް ފިލްމް ހަދާ މީހުންނަށް ވެސް އެ މީހުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ވަޒަންކޮށްލަން ލިބޭ ފުރުސަތެއް ފެސްޓިވަލަކީ،" ކާމިޔާބު ފިލްމްތަކެއް ހަދާފައިވާ ނަހުލާ ބުންޏެވެ.

އޭނާ ބުނީ މީގެ ކުރީގެ ތަޖުރިބާ އަށް ބަލާ އިރު، ފެސްޓިވަލްތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބިފައިވާ ކަމަށެވެ.

"އެހެންވީމަ އަސްލު އެކަން ނުކުރަންވީ ސަބަބެއް ނެތް. އެވޯޑަށް ވާދަ ކުރާ ފިލްމްތައް ތާޒާކޮށްލަން އެއަށް ވުރެ ރަނގަޅު ފުރުސަތެއް ނޯންނާނެ އާންމުންނަށް ވެސް، ފިލްމް ހަދާ މީހުންނަށް ވެސް،" އަންނަ މަހު ބާއްވާ ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގައި "މި ހަށިން ފުރާނަދަންދެން" ބައިވެރިކޮށްފައިވާ ޑައިރެެކްޓަރު ބުންޏެވެ. "ފެސްޓިވަލެއް ބާއްވާލީމަ އޭގެ ތެރެއިން ފިލްމް ބަލާލެވުނީމަ ހެދިފައި ހުރި މިސްޓޭކްސްތަކާ އެއްޗެހި ފާހަގަ ކުރެވި، ކުރިއަށް ރަނގަޅު ކުރަން ވެސް ހިތްވަރަކަށް ވާނެ."

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ނަޒަރުގައި ވެސް އެވޯޑަށް ވާދަ ކުރާ ފިލްމްތަކާ އެކު ފެސްޓިވަލެއް ބޭއްވުމަކީ، އެވޯޑާ ދޭތެރޭ އިތުރަށް ޝައުގުވެރި ވެސް ކުރުވާނެ ކަމެކެވެ.

"ހަމަ ވަރަށް ރަނގަޅު ކަމަށް ވާނެ އެވޯޑްގެ ކުރިން، ފިލްމްތައް ފެސްޓިވަލަކުން ބަލާލުމުގެ ފުރުސަތު ލިބުމަކީ. އޭރުން އާންމުންނަށް ވެސް އަސްލު ޖަޖްކޮށްލަން ލިބޭ ފުރުސަތަކަށް ވާނީ. އެވޯޑަށް އޮންނަ ޝައުގުޗެވެރިކަން ވެސް ފެސްޓިވަލްގެ ސަބަބުން އިތުރު ވާނެ،" އޭނާ ބުންޏެވެ. "ހަމަ މިއާ އެކު އެކްޓަރެއްގެ ހައިސިއްޔަތުން ބަލާ ކަމަށް ވަންޏާ، އެއީ ކޮށްފައި ހުރި މަސައްކަތް އަމިއްލަ އަށް ވަޒަންކޮށްލަން ލިބޭ ފުރުސަތެއްގެ ގޮތުގައި އަހަރެން ދެކެނީ."

ނިއުމާގެ ހިޔާލާއި އެކްޓަރު އަހުމަދު ސައީދު ހިޔާލު ވެސް މިކަމުގައި ހަމަ އެއް ގޮތެވެ. ސައީދު ބުނީ ފިލްމްތައް އަލުން "ހަނދާންކޮށްލަން" ފެސްޓިވަލް މުހިއްމު ދައުރެއް އަދާ ކުރާނެ ކަމަށެވެ. އެހެންވެ އެވޯޑްގެ ކުރިން ފެސްޓިވަލެއް ބޭއްވެން އޮތް ނަމަ، އެކަން ކުރުން ވަރަށް ރަނގަޅު ކަމަށް ބުންޏެވެ.

"ކުރިން މިކަންކޮށްފައި މިހާރު ނުކުރެވެނީ ބަޖެޓްގައި ވެސް ކޮންމެވެސް ވަރެއްގެ ތާށި ކަމެއް ހުރީމަ ކަމަށް ވެދާނެ. އެންސީއޭ އިން މިހާރު އެވޯޑް ބާއްވާ އިރު، އެ މީހުންނަށް ވެސް ފައިނޭންޝަލީ ދަތިތަކެއް ހުންނާތީ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ފެސްޓިވަލް މިހާރު ނުބާއްވަނީ،" ސައީދު ބުންޏެވެ. "އެކަމަކު މިކަމަށް ސަރުކާރުގެ ސަޕޯޓާއި އެއްބާރުލުން ލިބޭ ކަމަށް ވަންޏާ ފެސްޓިވަލް ހަމަ ބާއްވަން ޖެހޭ."

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނަނީ އެވޯޑަށް ވާދަ ކުރާ ފިލްމްތަކަށް ފެސްޓިވަލެއް ބޭއްވިޔަސް، ނުބޭއްވިޔަސް ފިލްމްތަކަށް ކުރާނެ އަސަރެއް ނެތް ކަމަށެވެ.

"ފިލްމްތައް މި ޖަޖް ކުރަނީ އެކަމަށް ކަނޑައަޅާ ޕެނަލަކުން. އެހެންވީމަ އެވޯޑަށް ވާދަ ކުރާ ފިލްމުތައް ފެސްޓިވަލެއް ދެއްކުމަކުން އެ ފިލްމަކަށް ކުރާނެ އެއްވެސް އަސަރެއް ނެތް. އެހެނެއް ނޫން މިސާލަކަށް އެވޯޑްގައި އާންމުންގެ އެއްވެސް ބައިވެރިވުމެއް ވޯޓަކުން ނަމަވެސް އޮންނަ ނަމަ ފެސްޓިވަލެއްގެ މުހިއްމުކަން އޮވެދާނެ،" ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކުޑައިގެ ދަށުން ކާމިޔާބު ފިލްމްތަކެއް ގެނެސް ދީފައިވާ ޕްރޮޑިއުސަރު ބުންޏެވެ.

މޮގާ އަދި ބުނީ އެވޯޑްގެ ކުރިން، ފެސްޓިވަލެއް ބޭއްވުމަށް ވުރެ، އެވޯޑްގެ ފަހުން ފެސްޓިވަލެއް ބޭއްވުން މާ ރަނގަޅު ކަމަށެވެ.

"އޭރުން އެ ފިލްމްތައް ބަލާލުމުގެ ޝައުގުވެރިކަން މާ ބޮޑު ވާނެ. ފިލްމަކަށް އެވޯޑް ލިބުނީ ނޫނީ، އެވޯޑެއް ނުލިބުނީ ކީއްވެގެންކަން އެވޯޑް ދީފައި ފެސްޓިވަލް ބޭއްވީމަ ބަލާލަން މާ ޝައުގުވެރި ވާނެ،" އޭނާ ބުންޏެވެ. "އެހެންވެ އަހަންނަށް ހީވަނީ ފެސްޓިވަލް ބާއްވަންޏާ ބާއްވަންވީ އެވޯޑަށް ފަހުހެން."

އަންނަ މަހު ބާއްވާ ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގައި 11 ފީޗާ ފިލްމާއި ކުރު ހަ ފިލްމް ވާދަ ކުރެ އެވެ. މިއީ 2011-2013 އަށް ރިލީޒްވި ފިލްމުތަކެވެ.

އަދި އަންނަ އަހަރު ބާއްވަން ނިންމާފައިވާ އެމްއެފްއޭ ފިލްމް އެވޯޑްސް ބާއްވާނީ މި އަހަރާއި މިދިޔަ އަހަރާއި 2014 ގެ ފިލްމުތަކަށް ހާއްސަކޮށްގެންނެވެ.