05 އޯގަސްޓް 2021 - 12:36

ލާމަރުކަޒީ ގާނޫނުގެ ދަށުން ހުރިހާ ކައުންސިލްތަކަށް ލާޒިމުކުރާ، ކޮންމެ ޖުލައި މަހަކު ރައްޔިތުންނާ އެކު ބާއްވަން ޖެހޭ ބައްދަލުވުން މާލެ ސިޓީގައި މިރޭ ބާއްވާނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި ބައްދަލުވުމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މިދިޔަ މަހު މި ބައްދަލުވުން ނުބޭއްވި ލަސްވީ، އީދު ޗުއްޓީއާ އެކު ދެ ހަފުތާ އަށް ސަރުކާރު ބަންދުވުމުން ކަމަށެވެ.
ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދުމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި، ކޮންމެ އަހަރެއްގެ ޖުލައި މަހު މި ބައްދަލުވުން ބޭއްވުމަށް ކައުންސިލްތަކަށް ލާޒިމްކުރެ އެވެ.
މި ބައްދަލުވުންތައް ބާއްވަން ސިޓީ ކައުންސިލުން ނިންމާފައި ވަނީ މާލޭގެ ކޮންމެ އަވަށަކަށް ވަކިވަކިންނެވެ. އެގޮތުން އެންމެ ފުރަތަމަ މިރޭ 8:30 ޖަހާއިރު އޮންނަނީ ގަލޮޅު އަވަށުގެ ބައްދަލުވުމެވެ. މި ބައްދަލުވުން އޮންނާނީ ބާ އިންޖީނުގެ ފުރަގަހަށް އޮންނަ ޕާކުގަ އެވެ.
"އަވަށްތަކަށް ބަހަލާއިގެން ބައްދަލުވުންތައް ބާއްވަން ނިންމީ ވީހާ ވެސް ގިނަ ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި،" މުއިއްޒު ވިދާޅުވި އެވެ.
އެހެން އަވަށްތަކަށް ބައްދަލުވުން އޮންނާނެ ދުވަސްތައް ވެސް މޭޔަރު މިއަދު އިއުލާނެއް ކުރެއްވި އެވެ.
މިރެ އަށް ފަހު، ދެން އެންމެ އަވަހަށް އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ، ވިލިމާލެ ބޯޅަދަނޑުގައި ބާއްވާ އެ އަވަށު ރައްޔިތުންގެ ބައްދަލުވުމެވެ. އަންނަ އަންގާރަ ދުވަހު މާފަންނު ސްޓޭޑިއަމްގެ ޓާފު ދަނޑުގައި މަައްޗަންގޯޅިގެ ރައްޔިތުންނާ ބައްދަލުކުރަން ނިންމާފައިވާ އިރު، މި މަހު 12 ވަނަ ދުވަހު ރަސްފަންނުގައި މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރާނެ އެވެ. އަދި މި މަހު 14 ވަނަ ދުވަހު ލޮނުޒިޔާރަތް ޕާކުގައި ހެންވޭރުގެ ރައްޔިތުންނާ ވެސް ބައްދަލުކުރާނެ އެވެ.
ހުޅުމާލެ ރައްޔިތުންގެ ބައްދަލުވުން ތަވާލުކޮށްފައި ވަނީ މި މަހު 21 އަށެވެ. އަދި ބައްދަލުވުން ބާއްވާނެ ތަނެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މި ބައްދަލުވުންތަކުގައި ސިޓީ ކައުންސިލުން މިހާރު ކުރަމުން އަންނަ ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހުރި ނެތް ގޮތް ބަލާނަން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ބައްދަލުވުންތަކުގައި ހާއްސަ އިސްކަމެއް ދެއްވާނީ މާލެ އަށް ދިމާވެފައިވާ ޕާކިން، ޓްރެފިކް، ތިމާވެށި، ގެދޮރު އަދި ބިން ބޭނުންކުރުމުގެ މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ކަމަށެވެ. އާންމު ހުރިހާ ތަނެއް ވައިފައި ކުރުމާއި މާލެ ސިޓީގެ ރައްކާތެރިކަން އިތުރުކުރުމަށް ސީސީޓީވީ ހަރުކުރުމުގެ ކަންކަމާ ގުޅޭ ގޮތުން ވެސް ހިޔާލު ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.