05 އޯގަސްޓް 2021 - 12:23

ޒިޔުރިކް (އޯގަސްޓް 5) - ވޯލްޑް ކަޕް ޗެމްޕިއަންކަން ދެ ފަހަރު ހޯދި އުރުގުއޭގެ ޖޯޒީގައި، ހަތަރު ތަރި ޖެހި މައްސަލަ ފެންމަތި ވެއްޖެ އެވެ.
ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރާ ގައުމުތަކުގެ ޖޯޒީގެ ލޯގޯގެ މަތީގައި އެ ޓީމަކުން ވޯލްޑް ކަޕް ކާމިޔާބު ކުރާ އަދަަދަކަށް ތަރި ހިމެނުމަށް ފީފާ އިން ހުއްދަ ދެ އެވެ.
އުރުގުއޭ އިން ވަނީ ވޯލްޑް ކަޕް ޗެމްޕިއަންކަން 1930 އަދި 1950 ގައި ހޯދައިފަ އެވެ. ނަމަވެސް އަންނަ އަހަރުގެ ވޯލްޑް ކަޕަށް، ޕޫމާ އިން އުރުގުއޭ އަށް ފަރުމާކޮށް ދިން ޖޯޒީގައި ހަތަރު ތަރި ޖެހުމުން ފީފަ އިން ވަނީ އެ ހަތަރު ތަރީގެ ތެރެއިން ދެ ތަރި ނެގުމަށް އަންގައިފި އެވެ.
ޕޫމާ އިން އުފައްދާ ޖޯޒީ ރަސްމީކޮށް އަދި ދައްކާލައިފައެއް ނުވެ އެވެ. ނަމަވެސް ޕޫމާ އިން ވަނީ ފީފާގެ ކޮމިޝަނަށް އެ ޖޯޒީގެ ފަރުމާ ހުށަހަޅައިފަ އެވެ.
އުރުގުއޭގެ ޖޯޒީގައި ހަތަރު ތަރި ޖެހުމުން، ފީފާ އިން ޕޫމާ އަށް އެންގީ ދެ ތަރި މަދުކުރުމަށެވެ. ޕޫމާ އިން މިއަދު ވަނީ އުރުގުއޭގެ އެފްއޭ އަށް އެކަން އަންގައިފަ އެވެ.
ހަތަރު ތަރި ޖޯޒީގައި ޖަހަން އުރުގުއޭގެ އެފްއޭ އިން ނިންމީ 1924 އަދި 1928 ގައި ހޯދި އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގެ ދެ ތަށި ހިމަނައިގެންނެވެ.
އުރުގުއޭގެ އެފްއޭ އިން ބުނީ، ތަރި މަދުކުރަން ފީފާ އިން އެންގުމުން ހައިރާންވާ ކަމަށެވެ.
"ޕަބްލިކުގައި ވެސް ފީފާ އިން ވަނީ އެއްބަސްވެފައި އުރުގުއޭ އިން ދުނިޔޭގެ ހަތަރު ތަށި ހޯދި ކަމަށް. ސަބަބަކީ އުރުގުއޭ އިން ވަނީ 1924 އަދި 1928 ގެ އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި،" އުރުގުއޭގެ އެފްއޭގެ ނައިބު ރައީސް ގެސްޓޯން ޓިއާލްޑީ ވިދާޅުވި އެވެ. "އެ ދެ މުބާރާތް ވެސް އިންތިޒާމްކުރީ ފީފާ އިން."
ޓިއާލްޑީ ވިދާޅުވީ އެކަން ސާބިތު ކުރުމަށް އިތުރު ލިޔުންތައް ވެސް ފީފާ އަށް ހުށަހަޅުއްވާނެ ކަމަށެވެ.